Search Streamline Icon: https://streamlinehq.com

ލާމަރުކަޒީ އުސޫލުން ގެނެވުނު ބަދަލާއެކު، ދާއިރާތަކުން ޤައުމު ކުރިއަރައިގެންދާނެ މަގުތައް ފަހިވެއްޖެ: ރައީސް ޞާލިޙް

Raees Solih

މުޅިރާއްޖެ ލާމަރުކަޒުކޮށް ރާއްޖެއަށް ގެނެސްދެއްވި ބޮޑުބަދަލާއެކު އެކި ދާއިރާތަކުން ޤައުމު ކުރިއަރައިގެންދާނެ މަގުތައް މިހާރު ފަހިވެފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރާއްޖޭގެ ހިންގުން ހުރިހާ ދާއިރާއަކުން ލާމަރުކަޒުކުރުމަށް ޤާނޫނީގޮތުން ގެންނެވި ބަދަލުތަކަށް އިޝާރާތްކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ ބާރުތައް އެއްތާކަށް ޖަމާކޮށްގެން ޤައުމު ކުރި ނާރާނެކަން ފާހަގަކުރައްވާފައެވެ.

ރާއްޖޭގެ ހިންގުން ލާމަރުކަޒުކޮށް ގެންނެވި ބަދަލުތަކަށް އަލިއަޅުވާލައްވަމުން، ފެންވަރު ރަނގަޅު ތަޢުލީމާއި ޞިއްޙީ ފަރުވާ ހޯދޭނެ މަގަކީ ލާމަރުކަޒީ ނިޒާމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން މި ސަކާރުން ފަށައިގެން ކުރިޔަށްގެންދިޔަ ޓާރޝަރީ 5 ހޮސްޕިޓަލަކީ ޞިއްހީ ދާއިރާއިން ހޯދުނު ވަށާޖެހޭ ޙައްލެއްކަމަށާއި ނަފްސާނީ ދުޅަހެޔޮކަން މުޅި ރާއްޖެއަށް އާންމުކުރުމުގެ މަޝްރޫޢު ވެސް ސަރުކާރުން ފަށްޓަވާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރާއްޖޭގެ ކުޅިވަރުގެ ތާރީޚުގައި ވެސް ބައިނަލް އަޤްވާމީ މުބާރާތްތަކުން ރާއްޖެއަށް އެންމެ ގިނަ ކާމިޔާބީތައް ހޯދިފައިވަނީ ވޭތުވެ ދިޔަ 5 އަހަރުކަން ފާހަގަކުރެއްވިއެވެ. އަދި އޭގެ އިތުރުން ތަފާތުކުރުމެއްނެތި ކޮންމެ މީހަކަށްވެސް ކުޅިވަރު ހަރަކާތްތަކުގައި ބައިވެރިވެވޭގޮތަށް ބަދަލުގެންނަވާފައިވާކަމާއި އެކި ކުޅިވަރުތައް ކުރިއެރުވުމަށް ވަކިވަކި ކުޅުންތެރިން ތަމްސީލުކުރާ ކުޅިވަރުތަކާއި އަދި ޓީމް ކުޅިވަރުތަކަށް އަމާޒުކޮށް ހުނަރުވެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ވެސް ފަށްޓަވާފައިވާކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އިޖްތިމާޢީ ޚިދުމަތް ލާމަރުކަޒުކޮށް ގެންނެވި ބަދަލުތައް ފާހަގަކުރައްވަމުން ، އިޖްތިމާޢީ ޚިދުމަތްތައް ފެންވަރު ރަނގަޅުކޮށް މުޅި ރާއްޖެއަށް ފުޅާކުރުމަށްޓަކައި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް ޚާއްޞަކޮށް ރާއްޖޭގެ 7 ސަރަޙައްދެއްގައި އަމާންވެށި ޤާއިމުކޮށްފައިވާކަމަށާ އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ކަންކަން ވަށާޖެހޭ ނިޒާމެއްގެ ތެރެއިން ފަހިކޮށްދީ އެފަރާތްތަކަށް ދޭ އެލަވަންސް ބޮޑުކޮށްފައިވާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ޞާލިޙްގެ ވެރިކަމުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށްތަކެއްގައި ހަމަހަމަކަމާއެކު ތަރައްޤީ ހޯދުމުގައި ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. މީގެ ތެރޭގައި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމާއި، ފަޚުރުވެރި، އަބުރުވެރި ދިރިއުޅުމަކަށް މަގުފަހިކޮށްދިނުމުގެ ގޮތުން ރައްޔިތުން ބާރުވެރިކުރުވުން ހިމެނެއެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *