Search Streamline Icon: https://streamlinehq.com

ރައީސް ނަޝީދު އިސްތިއުފާ ދެއްވުމުން، މަޖިލީހުގެ ރައީސްކަމަށް އަސްލަމް އިންތިޚާބުކޮށްފި

Anni aslam 2023 fenvaruonline

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަޤާމަށް އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް އިންތިޚާބުކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަޤަމަށް އަސްލަމް އިންތިޚާބު ކުރައްވަފައިމިވަނީ ރައްޔިތުންގެ މަޖިލިހުގެ ރައީސް ކަމުގެ މަގާމުގައި ކުރިން ހުންނެވި ރައީސް މުޙައްމަދު ނަޝީދު އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މަޤާމަށް މެމްބަރަކު އިންތިޚާބު ކުރުމަށް ރޭ ބޭއްވި ޖަލްސާގަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގައި ކުރިން ހުންނެވި ރައީސް މުޙައްމަދު ނަޝީދު އެ މަޤާމުން އިސްތިއުފާދެއްވާފައިވަނީ ދެފަހަރެއްގެ މަތިން އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައަޅައި މަޖިލީހުގެ ޖަލްސާތައް ކުރިއަށް ނުގެންދެވި ދިގުލައިގެން ގޮސްފައިވާ ދަނޑިވަޅެއްގަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސަކު އިންތިޚާބުކުރުމަށް ބޭއްވި ޖަލްސާގައި އެމަޤާމަށް ދެ ނަމެއް ހުށަހެޅުނެވެ. މަޖިލީހުގެ ރައީސްގެ މަގާމަަށް އެމްޑީޕީގެ ފަރާތުން ހުށައެޅީ އެ ޕާޓީގެ ޕީޖީ ގްރޫޕުގެ ލީޑަރު، ހިތަދޫ އުތުރު ދާއިރާގެ މުހައްމަދު އަސްލަމްގެ ނަމެވެ. އަދި ދަޑިމޮކްރެޓްސްގެ ފަރާތުން ހުށަހެޅީ އެ ޕާޓީގެ ޕީޖީ ގްރޫޕުގެ ލީޑަރު، މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްގެ ނަމެވެ.

މި މަޤާމަށް އަސްލަމް އިންތިޚާބުކޮސްފައިވަނީ ރައްޔިތުންގެ މަޖިލީހުގައި މެންބަރުންގެ މެދުގައި ނެގި ސިއްރު ވޯޓަކުންނެވެ. 77 މެންބަރުން ބައިވެރިވެވަޑައިގެންނެވި މި ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް އަސްލަމް އިންތިޚާބު ކުރެއްވީ 53 ވޯޓުންނެވެ. ދަޑިމޮކްރެޓްސްގެ ޢަލީ ޢާޒިމަށް ލިބިވަޑައިގަތީ 23 ވޯޓެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް ރޭ އިންތިޚާބު ކުރެއްވި އަސްލަމް ވަނީ މެދުކެނޑުމެއް ނެތި 4 ދައުރު މަޖިލީހުގެ މެމްބަރުކަން ކުރައްވާފައެވެ.

ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް މިހާތަނަށް ހުންނެވީ އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރުކަމުގަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *