އަންނަ އަހަރު ޖަރުމަނުގައި ބާއްވާ ޔޫރަޕުގެ ގައުމުގެތަކުގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ޔޫރޯ 2024 ގައި ބޭނުން ކުރާ ބޯޅަ ރަސްމީކޮށް ދައްކާލައިފި އެވެ.
އެންމެ ޒަމާނީ ޓެކްނޮލޮޖި ހިމަނައިގެން ތައްޔާރުކޮށްފައިވާ މި ބޯޅައިގެ ރަސްމީ ނަމަކީ ފުސްބޯލީބެ އެވެ. ޖަރުމަނުގެ ބަހުން ނަން ދެވިފައިވާ މި ބޯޅަ ފުސްބޯލީބެ މާނަކޮށްފައިވަނީ ފުޓްބޯޅަ އަށް އޮތް ލޯތްބެވެ. މި ބޯޅަ އުފައްދާފައިވަނީ މަޝްހޫރު އެޑިޑާސް ކުންފުނިންނެވެ.
މި ބޯޅަގައި ވާ ހާއްސަ ކަންތައް ތަކުގެ ތެރޭގައި މެޗު ކުޅެމުން ދާއިރު، އޮފް ސައިޑް ދެނެގަތުމަށް ރެފްރީންނަށް އެހީތެރިވެދޭނެ މިންވަރު އިތުރުވުމާއި މި ބޯޅައިގެ އެތެރޭގައި ލައްވާފައިވާ ޑިވައިސްއެއްގެ އެހީގައި ބޯޅައިގައި ކުޅުންތެރިޔާ ޖަހާ ހިސާބު ޔަގީންކޮށްދިނުމެވެ. މީގެ އިތުރުން އެޑިޑާސް ކުންފުނިން މީގެ ކުރިން އުފެއްދި ބޯޅަތަކާއި ޚިލާފަށް ފުސްބޯލީން ސިކުންތަކު 500ގުނަ އިތުރަށް މަންޒަރާއި ވަގުތު ދެނެގަންނާނެ އެވެ.
އަދި މި ބޯޅައިގެ ސަބަބުން މެޗު ރެފްރީންނަށާއި ވީޑިއޯ އެސިސްޓެންޓް ރެފްރީންނަށް ވެސް މެޗުގައި ދިމާވާ ކަންކަން ނިންމުމަށް ފަސޭހަތަކެއް ލިބިގެންދާނޭ ކަމަށް ޔޫއެފާއިން ބުނެފައިވެއެވެ. މިއީ މިފަދަ ހައިޓެކް ބޯޅައެއް ޔޫރޯ މުބާރާތެއްގައި ބޭނުން ކުރާ ފުރަތަމަ ފަހަރެވެ.
ފުސްބޯލީބެ ގެ ނަމުން ނަން ދެވިފައިވާ މި ބޯޅަ ތައްޔާރުކޮށްފައިވަނީ ރީސައިކަލް ކުރެވޭ ތިން ބާވަތެއް ހިމަނައިގެންނެވެ. ޕޮލިސްޓަރާއި ފެނުގައި ގިރިގެން ނުދާފަދަ ދެލި ބޭނުންކޮށްފައިވާ ބޯޅަ އުފެއްދުމުގައި ބޭނުންކޮށްފައިވާ މެޓީރިއަލްތަކަކީ ޒުވާރި ކުނޑި އާއި ދަޅާ، ކީސްކުޑި އެވެ.
ބޯޅަ އުފެއްދި ކުންފުނި އެޑިޑާސް އިން ބުނީ އަންނަ އަހަރު ޔޫރޯގައި ބޭނުން ކުރުމަށް ތައްޔާރުކޮށްފައިވާ ފުސްބޯލީބެ އޮފިޝަލް މެޗް ބޯޅަ އެޑިޑާސްގެ ފިހާރަތަކުން ގަންނަން ލިބޭނޭ ކަމަށެވެ. އަދި އޮންލައިން ކޮށްވެސް މި ބޯޅަ އެޑިޑާސް ފިހާރަތަކުން ގަންނަން ލިބެން ހުންނާނޭ ކަމަށް އެފަރާތުން ބުނެފައިވެއެވެ.
ޔޫއެފާ ޔޫރޯ 2024 ކުރިއަށްދާނީ އަންނަ އަހަރުގެ 14 ޖޫން އިން ފެށިގެން 14 ޖުލައި އަށް ޖަރުމަނުގެ ބާލިން، ކޮލޯން، ޑޯޓްމަންޑް، ޑަސެލްޑޯފް، ފްރެންކްފަރޓް، ގެލްސަންކިރްޗެން، ހެމްބާގް، ލައިޕްޒިގް، މިއުނިކް އަދި ސްޓޫޓްގާޓްގެ ހޯސްޓް ސިޓީގަ އެވެ.













