އަންނަ އަހަރު ޖަރުމަނުގައި ބާއްވާ ޔޫރޯ 2024، ފުޓްބޯޅަ މުބާރާތަށް ކޮލިފައި ވުމަށް ރޭ ކުޅުނު ކޮލިފައިން މެޗުތަކުން ޕޯޗުގަލް އާއި ލަގްޒެމްބާގް އަދި ސްލޮވާކިއާ މޮޅުވެއްޖެއެވެ.
ރޭ ރާއްޖޭ ގަޑިން ދަންވަރު 12:45 ގައި ކުޅުނު ގުރޫޕް ޖޭ ގެ މެޗުތަކަށް ބަލާއިރު، މި ގުރޫޕުގައި ހިމެނޭ ޕޯޗުގަލް މޮޅުވީ ލިޗްސްޓެންޓައިން އާއި ވާދަކޮށް 0-2 ގެ ނަތީޖާއިންނެވެ. މާ ކުރިންވެސް ޔޫރޯގެ ޖާގައެއް ކަށަވަރުކޮށްފައިވާ ޕޯޗުގަލް ރޭގެ މެޗުން މޮޅުވިއިރު، އެ ޓީމަށް މި މެޗުގައި ލަނޑުތައް ޖަހައިދިނީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ޔާއޯ ކާންސެލޯއެވެ. މި މޮޅާއި އެކު ޕޯޗުގަލް ގުރޫޕުގެ އެއްވަނާގައި އޮތީ ކުޅުނު 9 މެޗުން 27 ޕޮއިންޓް ލިބިގެންނެވެ. އަދި ޕޯޗުގަލް އަތުން ބަލިވި ލިޗްސްޓެންޓައިން އޮތީ އެއްވެސް ޕޮއިންޓެއް ނުލިބި ގުރޫޕުގެ އެންމެ ފުލުގައެވެ.
ލަގްޒެމްބާގް އަދި ބޮސްނިއާ އެންޑް ހެޒްގޮވީނާ ބައްދަލުކުރި މެޗު 4-1 ގެ ނަތީޖާއަކުން ކާމިޔާބު ކުރީ ލަގްޒެމްބާގް އެވެ. މި މެޗުން ލަގްޒެމްބާގް މޮޅުވިއިރު، އެ ޓީމަށް މި މެޗުގައި ލަނޑުތައް ޖަހައިދިނީ އޮލެސަން އާއި ރޮޑްރިގޭޒް އެވެ. ރޮޑްރިގޭޒް ވަނީ މި މެޗުގައި ދެ ލަނޑު ޖަހާފައެވެ. ލަގްޒެމްބާގް ގެ އަނެއް ލަނޑަކީ ބޮސްނިއާގެ މުޖަކިޗް އަތުން ބައިކޮޅަށް ވަތް ލަނޑެވެ. ބޮސްނިއާގެ ހަމައެކަނި ލަނޑު ޖަހައިދިނީ ގޮޖްކޮވިޗްއެވެ. ރޭގެ މި މޮޅާއި އެކު ލަގްޒެމްބާގް އޮތީ ކުޅުނު 9 މެޗުން 14 ޕޮއިންޓް ހޯދައިގެން ގުރޫޕުގެ ތިންވަނާގައެވެ. ބޮސްނިއާ އޮތީ 9 ޕޮއިންޓާއި އެކު ފަސްވަނާގައެވެ.
ސްލޮވާކިއާ އަދި އައިސްލޭންޑް ބައްދަލުކުރި މެޗު 4-2 ގެ ނަތީޖާއިން މެޗު ކާމިޔާބު ކުރީ ސްލޮވާކިއާއިންނެވެ. ރޭގެ މި މެޗުގައި ސްލޮވާކިއާއަށް ލަނޑުތައް ޖަހައިދިނީ ކުކާ، ޑޫޑާ އަދި ހަރަސްލިން އެވެ. ހަރަސްލިން ވަނީ މި މެޗުގައި ދެ ލަނޑު ޖަހައިފައެވެ. އައިސްލޭންޑުގެ ލަނޑުތައް ޖަހައިދިނީ އޮސްކަސަން އާއި ގުޑްޖޯންސަން އެވެ. ރޭގެ މި މޮޅާއި އެކު ސްލޮވާކިއާ އޮތީ ކުޅުނު 9 މެޗުން 19 ޕޮއިންޓް ހޯދައިގެން ގުރޫޕުގެ ދެވަނާގައެވެ. އަދި އަިސްލޭންޑް އޮތީ 10 ޕޮއިންޓާއި އެކު ހަތަރުވަނާގައެވެ.













