ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫޢު ނިމޭއިރު ހުޅުމާލޭގެ 2 ފިޔަވަހި އެއްކޮށްލީމަވާ ޖާގައިގެ 3 ގުނަ ބޮޑު ޖާގައެއް ލިބިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މާފަންނު ގަޑި ބުރު އަލުން ތަރައްޤީކޮށް އިފްޠިތާޙް ކޮށްދެއްވައި ރޭ ދެއްކެވި ވާހަކަފުޅުގަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީއެއީ ފުށިދިއްގަރުފަޅު ހިއްކައި ނިމޭއިރު އެ ބިމުގެ ބޮޑުމިނަކީ ގާތްގަނޑަކަށް 1200 ހެކްޓަރުގެ ކަމަށާއި، 8 މަސްދުވަހުގެ ތެރޭގައި މި މަޝްރޫޢު ނިމޭނެކަމަށް އުންމީދު ކުރައްވާކަމުގަ އެވެ. އަދި ރާއްޖޭގެ 7 ސަރަހައްދެއްގައި އިންޓަގްރޭޓެޑް އަރބަން ސެންޓަރުތައް ޤާއިމުކުރުމާއެކު، ސަރަހައްދީ، ދެމެހެއްޓިނިވި ތަރައްޤީ ގެނައުމުގެ ވިސްނުމުގައި މި ސަރުކާރުން މަސައްކަތްތައް ކުރިއަށްގެންދަވާނެކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
މާލޭ ސަރަހައްދުގައި ހުރި ބޮޑެތި މައްސަލަތައް ޙައްލުކުރުމަށް ކުރާނެ މަސައްކަތްތައް ފާހަގަކުރައްވަމުން، އެންމެ ބޮޑު މަސައްކަތަކަށް މި ސަރުކާރުން ކުރާނީ ގެދޮރުވެރިކަމުގެ މައްސަލައަށް ޙައްލު ހޯދުމުގެ މަސައްކަތްކަމަށާއި، އެގޮތުން އަޒުމަކީ ކުރިއަށް އޮތް 30 ދުވަސް ހަމަވުމުގެ ކުރިން ފުށިދިއްގަރުފަޅު ހިއްކުމުގެ ޢަމަލީ މަސައްކަތް ފައްޓަވާނެ ކަމުގަ އެވެ.
ރޭގެ ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މި ސަރުކާރުން މާލެ ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމަށް ޕާކިން ބިލްޑިންގ ހައްދަވާނެކަމަށާއި، މަގުތައްވެސް ތަރައްޤީކުރައްވާނެ ކަމުގެ އުފާވެރި ޚަބަރު ރައްޔިތުންނަށް ދެއްވާފަ އެވެ.









