ކޮވިޑް-19ގެ ޙާލަތާއި ގުޅިގެން ލީގް ތިންވަނަ ބުރު ނުކުޅެ، ލީގުގެ ދެވަނަ ބުރާއި ހަމައިން ލީގު ނިންމާލަން އެފްއޭއެމްގެ ހިންގާ ކޮމިޓީން ނިންމައިފިއެވެ.
އެފްއޭއެމްގެ އަހަރީ އާންމު ޖަލްސާގައި ވާހަކަދައްކަމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ލީގުގެ ދެވަނަ ބުރު ކުޅެ ނިމިފައިވުމުން، މިހާރު އޮތް ހިސާބުން ލީގް ނިންމާލީކަމުގަ އެވެ. މީގެ ކުރިންވެސް މިއަހަރު ދިރާގު ދިވެހި ޕްރިމިއަރ ލީގުގެ ތިންވަނަ ބުރު ކުރިއަށް ގެންދިއުމާއިމެ ދުވަނީ ސުވާލް އުފެދިފައެވެ. ލީގުގެ ތިންވަނަ ބުރު ކުރިއަށް ނުގެންދިއުމުގެ އިތުރުން އޮންލައިންކޮށް ކުރިއަށް ގެންދިޔަ އެފްއޭއެމްގެ އަހަރީ އާންމު ޖަލްސާގައިވަނީ މިއަހަރުގެ އެފްއޭކަޕާއި ޕްރެޒިޑެންޓްސް ކަޕްވެސް ކުރިއަށް ނުގެންދަން ނިންމާފައެވެ.
މާލެ ސަރަހައްދުގެ ކޮވިޑް-19އާއި ގުޅިގެން މިދިޔަ އަހަރުވެސް އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް ކުޅެފައެއް ނުވެއެވެ. ލީގުގެ ތިންވަނަ ބުރު ނުކުޅެ، ލީގު ނިންމާލަން ނިންމާފައިވާއިރު، މިވަގުތު ލީގު ތާވަލްގެ އެއްވަނައިގައި މާޒިޔާ އޮތުމުގެ ސަބަބުން މާޒިޔާ އަށް ވަނީ ލީގުގައި އެއްވެސް މެޗަކުން ބަލިނުވެ ލީގު ޗެންޕިއަންކަން ލިބިފައެވެ. މާޒިޔާއަށް 14 މެޗުން 34 ޕޮއިންޓް ލިބިފައިވާއިރު، ތާވަލްގެ ދަވަނައިގައިވާ ކުލަބް ވެލެންސިޔާއަށް 14 މެޗުން 25 ޕޮއިންޓް ލިބިފައިވެއެވެ.
އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް ކެންސަލްކޮށްފައިވުމުން ކުރިއަށް އޮތް އޭއެފްސީ ކަޕް ޖާގަ މިހާރު ލިބޭނީ މާޒިޔާ އާއި ކުލަބް ވެލެންސިއާއަށެވެ.
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެފައިވަނީ ތިންވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ގިނަ މެޗުތަކެއް ކުޅެފައިވުމުން، ވިސްނުންހުރީ ކޮވިޑް-19ގެ ޙާލަތު ރަގަނޅުވުމުން، މެޗުތައް ކުޅެވޭ ވަރުވުމުން ތިންވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ މެޗްތައް ކުރިއަށް ގެންދިއުމަށެވެ.
މީގެ އިތުރުން ދެވަނަ ޑިވިޝަން މުބާރާތްވެސް ކުރިއަށް ގެންދެވޭނަމަ، ކުރިއަށް ގެންދިއުމުގެ ވިސްނުން އެބަހުރިކަމަށް ބައްސާމް ވިދާޅުވިއެވެ. އަދި ރާއްޖޭގެ އެންމެ ސަޕޯޓަރުން ގިނަ ދެ ކުލަބުކަމުގައިވާ ވިކްޓްރީ އާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބަށް ދީފައިވާ ސަސްޕެންޝަން ދަމަހައްޓަން ކުލަބްތަކުންވަނީ ތާއީދުކޮށްފައެވެ.
މަސްދަރު:ޕީއެސްއެމް













