މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުންވެސް ބޮޑު މޮޅެއް ހޯދައި ބީން އެންކަރޭޖިންގް ސޮސައިޓީ ފޯރ ތުނޑީ (ބެސްޓް) އިން މުބާރާތުގެ ފެށުން ރަނގަޅު ކޮށްފިއެވެ.
މުބާރާތުގެ ގުރޫޕް މަރުހަލާގެ ފުރަތަމަ މެޗުގައި ބެސްޓް ނުކުތީ ޔޫތް ރިވޮލިއުޝަން ކުލަބް (ވައިއާރުސީ) އާއި ދެކޮޅަށެވެ. މި މެޗުން 8-2 ގެ ނަތީޖާއިން ކާމިޔާބު ކުރީ ބެސްޓް އިންނެވެ.
މި މޮޅާއި އެކު ބެސްޓަށް މުބާރާތުގެ ކުއާރޓާ ފައިނަލް މިވަނީ ކަށަވަރުވެފައެވެ. އެއީ ރޭ ބެސްޓް އާއި ދެކޮޅަށް ކުޅެ ބަލިވި ވައިއާރުސީ ދެމެޗުންވެސް ބަލިވެ މުބާރާތުން ކެޓުމުންނެވެ.
ގުރޫޕް ޑީ ގައި ހިމެނޭ ކޮންމެ ޓީމެއް ވެސް ގުރޫޕް މަރުހަލާގައި ކުޅެން ޖެހޭނީ ދެ މެޗެވެ. އެއީ އެ ގުރޫޕްގައި ތިން ޓީމު އޮތުމުންނެވެ. މި ގުރޫޕްގެ ކޮންމެ ޓީމަކަށް ވެސް ކުޅެން ޖެހޭނީ ދެމެޗެވެ. ގުރޫޕް ޑީގައި ހިމެނެނީ ބެެސްޓް ގެ އިތުރުން ވައިއާރުސީ އާއި ލާމް ޔޫތް ޑެވެލޮޕްމަންޓް (އެލްވައިޑީ) އެވެ. ގުރޫޕް މަރުހަލާގެ މެޗުތައް ކުޅެ ނިމޭއިރު އެންމެ ގިނަ ޕޮއިންޓް ލިބޭ ދެ ޓީމަކަށް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ލިބިގެންދާނެއެވެ.
މި ގުރޫޕުގައި ހިމެނޭ ޓީމުތަކުގެ ތެރެއިން ވައިއާރުސީއަށް މިހާރު ވަނީ ކުއާޓާ ފައިނަލުގެ ޖާގަ ގެއްލި މުބާރާތާއި ވަކިވާން ޖެހިފައެވެ. އެހެން ކަމުން ދެން މި ގުރޫޕުގައި އޮތް އެލްވައިޑީ އާއި ބެސްޓަށް މިވަނީ ކުއާޓާ ފައިނަލް ކަށަވަރުވެފައެވެ.
ރޭގެ މެޗުން ބެސްޓް މޮޅުވިއިރު، އެޓީމަށް ލަނޑުތައް ޖަހައިދިނީ އަހުމަދު ހަލީމް އާއި ހުސެއިން އަޒްމީގެ އިތުރުން ހަސަން ފަރީދު (ހަސަނާ) އެވެ. އަދި ވައިއާރުސީ އަށް ލަނޑުތައް ޖަހައިދިނީ ސިޔާން ޝާފިއު އާއި އަލީ ޝައުފްއެވެ.
މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މެޗުގައި މޮޅު ކުޅުމެއް ދައްކައި ބެސްޓް އަށް 6 ލަނޑު ޖަހައިދިން އަހުމަދު ހަލީމް (އަންމަޑޭ) އެވެ. އައްމަޑޭ އަކީ ފުޓްސަލް ގެ ދަނޑުގައި ފިޔަޖަހާ ތަރިއެކެވެ. އެންޖަރީގެ ސަބަބުން ފުޓްބޯޅައާއި ދުރުގައި ދުވަސްތަކެއް ހުރުމަށް ފަހު ފުޓްބޯޅަ ދަނޑުން އަންމަޑޭ ފެނިގެން ދިޔައީ ކުރިއަށް ވުރެ ހަލުވި އަދި ހުނަރުވެރި މޮޅު ކުޅުންތެރިއެއްގެ ގޮތުގައެވެ. އެންމެ ފަހުގެ ގޯލްޑަން ފުޓްސަލް މުބާރާތުގައިވެސް އައްމަޑޭ ވަނީ މޮޅު ކުޅުމެއް ދައްކައި ގޯލްޑަން ފުޓްސަލް ތަށި ލ.ގަމަށް ގެންގޮސްދީފ ައެވެ.
މި މުބާރާތުގެ ގުރޫޕް މަރުހަލާގައި ކުޅޭ ފަހު މެޗުގައި ބެސްޓް ނުކުންނާނީ އެލްވައިޑީ އާއި ދެކޮޅަށެވެ. މި މެޗު ކުޅޭނީ މި މަހުގެ 23 ވަނަ ދުވަހުގެ ރޭ 10:30 ގައެވެ.













