ދިވެހި މަސްވެރިންނަށް ދޭ ކެޔޮޅުންގެ އެވޯޑް ދިނުމަށް ނިންމައި މި އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު އާއްމުކޮށް ހުޅުވާލައިފި އެވެ.
މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ދިވެހި ކެޔޮޅުންނަށް ދިނުމަށް ނިންމާފައިވާ މި އެވޯޑަށް އެދި ކުރިމަތިލުމުގެ ފުރުޞަތު ފިޝަރީޒް މިނިސްޓަރީން ހުޅުވާލާފައި މިވަނީ އަންނަ ޑިސެމްބަރ މަހުގެ 10 ވަނަ ދުވަހު ބާއްވާ މަސްވެރިންގެ ދުވަހާއި ގުޅުވައިގެންނެވެ.
ފިޝަރީޒް މިނިސްޓްރީ އިން ކުރި އިޢުލާނެއްގައި ބުނެފައި ވަނީ މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ބާއްވާ ހަފްލާގައި، މަސްވެރިކަމުގައި މިހާރުވެސް ޤަމަލީގޮތުން އުޅޭ، އަދި މަސްވެރިކަން ފިޔަވައި، އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ، އެންމެ ޚިދުމަތްތެރި ޒުވާން (35 އަހަރުން ދަށް) ކެޔޮޅަކާއި އެންމެ ތަޖުރިބާކާރު (35 އަހަރުން މަތި) ކެޔޮޅަކު ހޮވައި، އެ ދެފަރާތުގެ އަގު ވަޒަން ކުރުމުގެ ގޮތުން އެވޯޑެއް ދޭން ހަމަޖެހިފައިވާ ކަމުގަ އެވެ.
ދިވެހިރާއްޖޭގެ ލޭނާރުކަމުގައިވާ، މަސްވެރިކަމުގައި ރެޔާއި ދުވާލު، އަތްވާއި ވާރޭގައި، އަދި ފިންޏާއި ހޫނުގައި ބުރަކޮށް މަސައްކަތްކުރަމުން ގެންދާ މަސްވެރިންގެ ތެރެއިން މި ދެ އެވޯޑަށް ކުރިމަތިލުމަށް ބޭނުންވާ، ޝަރުތު ފުރިހަމަވާ ފަރާތްތަކުން މިކަމަށް ޚާއްޞަކުރެވިފައިވާ ފޯމް ފުރިހަމަ ކުރުމަށް ފަހު މި ހިނގާ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު 12:00 ގެ ކުރިން ފިޝަރީޒް މިނިސްޓްރީއަށް ހުށަހެޅުމަށްވެސް އެ މިނިސްޓްރީން ވަނީ އެދިލައްވާފަ އެވެ.
ދިވެހިރާއްޖޭގައި މަސްވެރިންގެ ދުވަސް ސަރުކާރުން ފާހަގަ ކުރުމުގެ ބޭނުމަކީ މުޖުތަމައުގައި މަސްވެރިން އަދާކުރާ ދައުރާއި މަސްވެރިން ކުރާ ބުރަ އަދި އަގުހުރި މަސައްކަތުގެ އަގު ވަޒަން ކުރުން ކަމަށްވެސް ފިޝަރީޒް މިނިސްޓްރީން ބުނެ އެވެ.
ދިވެހި ރާއްޖޭގައި މަސްވެރިންގެ ދުވަހުގެ ގޮތުގައި ދުވަހެއް ފާހަގަ ކުރަންނިންމަވައި، މެދުކެނޑުމެއްނެތި އެދުވަސް ފާހަގަކުރަން ފެއްޓެވީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް އަލްއުސްތާޛް މަޢުމޫން ޢަބްދުލް ޤައްޔޫމްގެ ޒަޢާމަތުގައި 1981 ވަނަ އަހަރުން ފެށިގެންނެވެ. މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުން ގެންދަނީ ކޮންމެ އަހަރެއްގެވެސް ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހެވެ. މި ދުވަސް ރާއްޖޭގެ ކަންކޮޅުތަކުގައި އަންނަނީ ކުލަގަދަކޮށް ފާހަގަކުރަމުންނެވެ.









