Search Streamline Icon: https://streamlinehq.com

ކޯޗް އެލެގްރީ އަނެއްކާވެސް ޔުވެންޓާސްއަށް

Juventus coach Massimiliano Allegri

ޔުވެންޓާސްގެ ކޯޗު ކަމުން އަންދުރޭ ޕިރްލޯ ވަކިކޮށް، މީގެ ކުރިންވެސް ކުރިންވެސް ޔުވެންޓާސްއަށް އެތަށް ކާމިޔާބީތަކެއް ހޯދައިދީފައިވާ ކޯޗު މަސިމިލިއާނޯ އެލެގްރީ ހަމަޖައްސައިފިއެވެ.

އުމުރުން 42 އަހަރުގެ ޕިރްލޯ ޔުވެންޓާސްގެ ކޯޗަކަށް ހަމަޖައްސާފައިވަނީ ނިމިދިޔަ ސީޒަން ފެށެން ކުޑަތަން ވެފައިވަނިކޮށް އޭރުގެ ކޯޗަކަށްހުރި މައުރީޒިއޯ ސައްރީ ވަކިކުރުމަށް ފަހުގައެވެ.

ޕިރްލޯ ޔުވެންޓާސްއާއި ޙަވާލުވިއިރު އެ ޓީމްވަނީ ވިދިވިދިގެން ނުވަ ފަހަރު ސީރިއާ އޭގެ ތަށި ކާމިޔާބު ކޮށްފައެވެ. ނަމަވެސް ނިމިދިޔަ ސީޒަން ޔުވެންޓާސް ނިންމާލީ ލީގުގެ ހަތަރުވަނާގައެވެ.

އެލެގްރީ މީގެ ކުރިންވެސް ޔުވެންޓަސްގެ ކޯޗުގެ މަޤާމް ވަނީ އަދާކޮށްފައެވެ. އެއީ 2014 އިން 2019 އަށެވެ. އެ މުއްދަތުގައި އެލެގްރީވަނީ ޔުވެންޓަސްއަށް އިޓާލިއަން ލީގު ފަސް ފަހަރު ކާމިޔާބު ކޮށްދީފައެވެ. އިޓާލިއަން ކަޕް ހަތަރުފަހަރު ކާމިޔާބު ކޮށްދީ ޗެމްޕިއަންސް ލީގުގެ ފައިނަލަށް އެ ޓީމް ދެ ފަހަރު ވަނީ ގެންގޮސް ދީފައެވެ. އޭގެކުރިން އެލެގްރީވަނީ އޭސީ މިލާނަށް އިރުޝާދުދީ އެ ޓީމަށް ވެސް ކާމިޔާބީ ހޯދައިދީފައެވެ.

ޔުވެންޓަސްގެ ކޯޗްކަމަށް އެލެގްރީ ހަމަޖެއްސިކަން އެ ކުލަބުން ހުކުރު ދުވަހު އިއުލާން ކޮށްފައިވާއިރު އޭނާއާއިއެކު އެ ކުލަބުން ހަދާފައިވަނީ ހަތަރު އަހަރުގެ ކޮންޓްރެކްޓެކެވެ. ވުމާއިއެކު 2025 އަހަރުގެ ނިޔަލަށް އޭނާ ޔުވެންޓަސްއަށް އިރުޝާދުދޭނެއެވެ. އުމުރުން 53 އަހަރުގެ އެލެގްރީ 2019 ވަނަ އަހަރު ޔުވެންޓަސްގެ ކޯޗުކަމުން ވަކިވި ފަހުން އެއްވެސް ޓީމަކަށް އިރުޝާދު ދީފައިނުވެއެވެ.

ޕިރްލޯގެ ކޯޗުކަމުގެ ދަށުން ޔުވެންޓަސް އިޓާލިއަން ސުޕަކަޕްގެ އިތުރުން އިޓާލިއަން ކަޕް ކާމިޔާބު ކޮށްފައެވެ. ޕިރްލޯއަކީ ޔުވެންޓަސްގެ ޖޯޒީގައި ކުރިން ކުޅެފައިވާ ކުޅުންތެރިއެކެވެ. އޭނާވަނީ 2011 އިން 2015 އަށް ޔުވެންޓަސް އަށް 164 މެޗު ކުޅެދީފައެވެ. އަދި ޔުވެންޓަސްއާއިއެކު ހަތަރު ފަހަރު އިޓާލިއަން ލީގު ކާމިޔާބު ކޮށްފައެވެ. އެއަށްފަހު އޭސީ މިލާނަށް ބަދަލުވެ ޕިރްލޯވަނީ މިލާނާއިއެކު ދެފަހަރު އިޓާލިއަން ލީގު ކާމިޔާބުކޮށް ދެފަހަރު ޗެމްޕިއަންސް ލީގު ވެސް ކާމިޔާބު ކޮށްފައެވެ. އަދި ޕިރްލޯވަނީ އިޓަލީގެ ޤައުމީ ޓީމަށް 116 މެޗު ކުޅެދީ 2006 ވަނަ އަހަރު ވޯލްޑްކަޕް ވެސް ކާމިޔާބު ކޮށްފައެވެ.

ޕިރްލޯ ފުޓްބޯޅަ ކުޅުން ހުއްޓާލާފައިވަނީ 2017 ވަނަ އަހަރުއެވެ.

މަސްދަރު:ތިލަދުން

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި