ފްރާންސް ބަލިކޮށް، 17 އަހަރުން ދަށުގެ ފީފާ ވޯލްޑް ކަޕްގެ ތަށި ޖަރުމަނުން އުފުލާލައިފި އެވެ.
ހޮނިހިރު ދުވަހުގެ ރޭ އިންޑޮނޭޝިއާގެ ސްޓޭޑިއަން މަނަހަންގައި ކުޅުނު މެޗު ޖަރުމަނުން ކާމިޔާބު ކުރީ ޕެނަލްޓީގައި 4-3 އިން ކުރި ހޯދައިގެންނެވެ.
މި މެޗުގެ ފުރިހަމަ ވަގުތު ހަމަވީ ދެ ޓީމު 2-2 ގެ ނަތީޖާއިން އެއްވަރުވެ އޮވެގެންނެވެ. މެޗުގައި ފުރަތަމަ ދެ ލަނޑު ޖަހައި ކުރި ހޯދީ ޖަރުމަނުންނެވެ. މެޗުގެ 29 ވަނަ މިނެޓުގައި ޖަރުމަނަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް އެ ޓީމަށް ލީޑު ނަަގައިދިނީ ޕެރިސް ބްރޫނާ އެވެ. ޖަރުމަނުގެ ދެ ވަނަ ލަނޑު އެ ޓީމުން ޖެހީ ދެ ވަނަ ހާފުގަ އެވެ. ދެ ވަނަ ހާފު ފަށައިގެން ހަ ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ފުޅާ ކޮށްދިނީ ނޯހް ޑާވިޗް އެވެ. އޭނާ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ފްރާންސްގެ ގޯލު ކީޕަރުގެ ގައިގައި ޖެހިފަ އެވެ.
އޭގެ މިނެޓެއް ފަހުން ފްރާންސްގެ ސައިމޮން ނަޑެލިއާ ބޯބްރީ ވަނީ އެ ޓީމުގެ ފުރަތަމަ ލަނޑު ޖަހައިފަ އެވެ. ފްރާންސް އަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ 85 ވަނަ މިނެޓުގައި މަތިސް އަމޯގޫ އެވެ. މެޗުގެ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ޖަރުމަނުން ވަނީ ހަތަރު ޕެނަލްޓީ ކާމިޔާބު ކޮށްފަ އެވެ. ފްރާންސް އަށް ކާމިޔާބު ކުރެވުނީ ތިން ޕެނަލްޓީ އެވެ.
މިއަހަރުގެ މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކަށް ހޮވުނީ އާޖެންޓީނާގެ އޯސްޓިން ރޮބާޓޯ އެވެ. އޭނާ ވަނީ މުބާރާތުގައި އަށް ލަނޑު ޖަހައިފަ އެވެ. އެންމެ މޮޅު ގޯލު ކީޕަރަކަށް ހޮވުނީ ފްރާންސްގެ ޕޯލް އާގްނީ އެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޗެމްޕިއަން ޖަރުމަނުގެ ޕެރިސް ބްރޫނާ އެވެ.









