ގެއްލިގެން ހޯދަމުންދާ މިސްބާހު ހުރީ މަސްތުވާތަކެތި ވިއްކާ ބައެއްގެ ”ގެރެންޓަރ“ އެއްގެ ގޮތުގައި ޕާކިސްތާނުގައި ތާށިވެފައި ކަމަށް ފުލުހުން ވިދާޅުވެއްޖެ އެވެ.
ގެއްލިގެން ހޯދަމުންދާ ހދ. ނޮޅިވަރަންފަރު، މޯނިންގސަން، މިސްބާހް މުހައްމަދާ ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ މިސްބާހް މުހައްމަދު ޕާކިސްތާނަށް ގޮސްފައިވަނީ، ރާއްޖެ އެތެރެކޮށްފައިވާ މަސްތުވާތަކެތީގެ ފައިސާގެ ކަންކަން ނިމެންދެން، އިރުފާން ތަގިއްޔުއަށް މަސްތުވާތަކެތި ފޮނުވާފައިވާ ރާއްޖެއިން ބޭރުގެ މަސްތުވާތަކެތީގެ ނެޓްވޯކްގެ ބެލުމުގެ ދަށުގައި ”ގެރެންޓަރ“ އެއްގެ ގޮތުގައި ހުރުމަށް ކަމަށް ބެލެވޭކަމުގަ އެވެ.
2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުގެ ރޭ 22:13 ގައި ފްލައި ދުބާއީގެ EZ1570 ނަންބަރު ފްލައިޓުން ދުބާއީއަށް މިސްބާހް މުހައްމަދު ފުރާފައިވާކަން އިމިގްރޭޝަންގެ ރެކޯޑްތަކުން ދައްކާކަމަށް ވެސް ފުލުހުން ވިދާޅުވި އެވެ.
މިސްބާހް ދުބާއީއަށް ގޮސްފައިވަނީ ފުޅާ ދާއިރާއެއްގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރި ކުރާ ނެޓްވޯކްތައް ރާއްޖޭގައި ހިންގި، ސ. ހުޅުދޫ، ދޭލިޔާގެ، އިރުފާން ތަގިއްޔު އާ އެކުގައެވެ. އިރުފާން ތަގިއްޔު ވަނީ 2020 ޑިސެމްބަރު 08 ވަނަ ދުވަހު ”މަސްޖަރީ-2“ ނަމަކަށް ކިޔާ ދޯނީގައި ކަނޑުމަގުން ރާއްޖެއަށް 72 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައި ކަމަށްވެސް ފުލުހުން ވިދާޅުވި އެވެ.
އިރުފާން ތަގިއްޔު އާއި މިސްބާހް މުހައްމަދު ދުބާއީއަށް ފުރުމަށްޓަކައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ގޮސްފައިވަނީ، 72 ކިލޯގެ މަސްތުވާތަކެތި ފެނުނު، އިރުފާން ތަގިއްޔު ދުއްވާ ކާރެއް ކަމަށްވާ ”AB1B P1939“ ގައިކަމަށްވެސް ފުލުހުން ވިދާޅުވި އެވެ.
އިރުފާން ތަގިއްޔު ވަނީ 2020 ނޮވެމްބަރު 22 ވަނަ ދުވަހު އެމިރޭޓްސްގެ EK656ނަންބަރު ފްލައިޓުން އެނބުރި ރާއްޖެ އައިސްފައެވެ. ނަމަވެސް، އިރުފާން ތަގިއްޔުއާއެކު މިސްބާހް މުހައްމަދު އައިސްފައެއް ނުވެއެވެ. އަދި، މިސްބާހް މުހައްމަދު 2020 ނޮވެމްބަރު 23 ވަނަ ދުވަހު ފްލައި ދުބާއީގެ FZ0343 ނަންބަރު ފްލައިޓުން ދުބާއީ އިން ޕާކިސްތާނަށް ފުރާފައިވާކަން ތަޙުޤީގުގައި ހޯދިފައިވާ މައުލޫމާތު ތަކުން އެނގޭ ކަމަށްވެސް ފުލުހުން ވިދާޅުވި އެވެ.
ފުލުހުން ވިދާޅުވީ އިރުފާން ތަގިއްޔުގެ މައްޗަށް ތުހުމަތުކުރެވޭ މަސްތުވާތަކެތި އެތެރެ ކުރުމުގެ މައްސަލައިގެ ތަޙްޤީޤު ނިންމައި ފެބްރިއަރީ 03 ވަނަ ދުވަހު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައި، 2021 ފެބްރުއަރީ 14 ގައި ދައުވާ އުފުލާފައި ވާކަމުގަ އެވެ. މި މައްސަލާގައި އިރުފާން ތަގިއްޔުއާއެކު ޖުމުލަ 10 މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވެއެވެ.
މިސްބާހް މުހައްމަދު ފުރާފައިވާ ތާރީހެއްކަމަށް ފުލުހުން އެންމެ ފުރަތަމަ މީޑިއާތަކަށް މަޢުލޫމާދު ދެމުން ވިދާޅުވި ތާރީޙަކީ 19 ނޮވެމްބަރު 2020 ކަމަށް މީގެ ކުރިން ދެންވިފައިވަނީ އޭރު ލިބުނު މައުލޫމާތުގެ ކުށަކުންކަމަށް ފުލުހުން ވިދާޅުވި އެވެ.









