ފެނަކަ ކޯޕަރޭޝަނުން ރާއްޖޭގައި ހިންގާ ބްރާންޗު ތަކުގެ ތެރެއިން ގިނަ ބްރާންޗް ތަކަކަށް ސްޓޭޝަން މެނޭޖަރުން ހޯދުމަށް އިޢުލާނު ކޮށްފި އެވެ.
ފެނަކައަށް ސްޓޭޝަން މެނޭޖަރުން ހޯދުމަށް އިޢުލާން ކޮށްފައިވާ ރައްތަކުގެ ތެރޭގައި ހއ. އަތޮޅުން ތަކަންދޫއާއި ހޯރަފުށި ހިމެނެއެވެ. ހދ. އަތޮޅުން ވައިކަރަދޫ، ނެއްލައިދޫ، ކުމުންދޫ ހިމެނޭއިރު ށ. އަތޮޅުން ނަރުދޫ، ނޫމަރާ ކަނޑިތީމު، ފޭދޫ. ހިމެނެއެވެ. ނ. އަތޮޅުން މާޅެންދޫ، މަގޫދޫ، ޅޮހި، މާފަރު ހިމެނޭ އިރު ރ. އަތޮޅުން ކިނޮޅަސް، އިނގުރައިދޫ، އަނގޮޅިތީމް، އުނގޫފާރު. ހިމެނެއެވެ. މީގެ އިތުރުން ބ. އަތޮޅު ކެންދޫ، ފެހެންދޫ، ކަމަދޫ، ފުޅަދޫއާއި، ޅ. އަތޮޅު އޮޅުވެލިފުށި، ނައިފަރު ހިމެނޭ އިރު އދ. އަތޮޅުން ހިމެނެނީ މަހިބަދޫ އެކަންޏެވެ. އަދި މ. އަތޮޅު ނާލާފުށި، މުލި، މުލައް، ވޭވަށް، ރަތްމަންދޫ. ހިމެނޭއިރު ދ. އަތޮޅުންވެސް ހިމެނެނީ ބަނޑިދޫ އެކަންޏެވެ. ތ. އަތޮޅު ހިރިލަންދޫ، ގާދިއްފުށި ހިމެނިފައިވާ އިރު ލ. އަތޮޅު ހިތަދޫ، މުންޑޫ ހިމެނެއެވެ. ގދ. އަތޮޅުން ހިމެނެނީ ފަރެސްމާތޮޑާ އެކަންޏެވެ.
ތިރީސް ފަސް ރަށަކަށް ސްޓޭޝަން މެނޭޖަރުން ހޯދުމަށް ފެނަކައިން އިޢުލާން ކޮށްފައިވާ އިރު މިލިސްޓުގައި ނުހިމެނޭ ބައެއް ރަށްރަށުގެ ފެނަކަ ބްރާންޗު ތަކަށް މެނޭޛަރުން އައްޔަނު ނުކުރާކަން ފާހަގަކުރެވެއެވެ.
ފުޅާ ދާއިރާއެއްގައި ރާއްޖޭގެ ބޮޑު އާބާދީއަކަށް ކަރަންޓާއި ފެނުގެ ޚިދުމަތް ދެމުންދާ ފެނަކަ ކޯޕަރޭޝަނުން ވަކިވަކި ރަށްރަށުގައި ގާއިމްކޮށްފައިވާ ބްރާންޗްތަކަށް މެނޭޖަރުން ހޯދަން އިއުލާނު ކުރުމަށްފަހު ބުނެފައި ވަނީ، އެ މަގާމުގެ މުސާރަ ކަނޑައަޅާނީ ދެ ފަރާތުން އެއްބަސްވާ ގޮތެއްގެ މަތިން ކަމުގަ އެވެ. އަދި މަޤާމަށް އައްޔަންކުރާ މުވައްޒަފުންނަށް މުސާރައިގެ އިތުރުން، އިތުރު އެލަވަންސްތައް ދިނުމަށްވެސް އެ ކުންފުނިން ވަނީ ނިންމަވާފަ އެވެ.
ފެނަކައިގެ ސްޓޭޝަން މެނޭޖަރުންނަށް މުސާރައިގެ އިތުރުން ސާވިސް އެލަވަންސްގެ ގޮތުގައި – މުސާރައިގެ 40 ޕަސެންޓް ލިބޭޏެއެވެ. އަދި ހާޒިރީ އެލަވަންސްގެ ގޮތުގައި – މުސާރައިގެ 20 ޕަސެންޓާއި ،އިތުރު ގަޑީގެ އެލަވަންސްގެ ގޮތުގައި – މުސާރައިގެ 40 ޕަސެންޓް ލިބޭނެއެވެ.
ފެނަކައިގެ އެކި ބްރާންޗްތަކަށް އައްޔަނުކުރާ މެނޭޖަރުންގެ ޝަރުތުތަކުގެ ތެރޭގައި ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލް ކޮށްފައިވާންވާނެ އެވެ. އަދި މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި 12 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ އިތުބާރު ހުރި ކުންފުންޏެއްގައި މި ފެންވަރުގެ ވަޒީފާއެއްގައި ބަޔާންވެދިޔަ މުއްދަތުގެ ތަޖުރިބާ ލިބިފައިވާމީހަކަށް ވާންޖެހޭނެއެވެ.
ނުވަތަ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 ގެ ސަނަދެއް ހާސިލް ކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި 09 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް ހާސިލް ކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ހިމެނެއެވެ.
މި މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 8 ގެ ސަނަދެއް ހާސިލް ކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއި އެކު ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވާ އުމުރާއި ސިއްހަތުގެ ގޮތުން އެކަށީގެންވާ، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މުރާލި މީހަކު ކަމުގައިވުން ހިމެނެއެވެ
މި މަޤާމަށް އެދިލައްވާ ފަރާތްތަކުން މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް މި މަގާމަށް ކުރިމަތިލުމުގެ ފުރުޝަތު ފެނެކައިން ވަނީ ހުޅުވައިލައިފަ އެވެ.









