ރާއްޖޭގެ ބާޒާރުގައި ފިޔާގެ އަގު އިންތިހާއަށް އުފުލިފައިވާ މި ދަނޑީވަޅުގައި އެސްޓީއޯއިން ފިޔާގެ އަގު ކޮންޓްރޯލް ކުރެއްވުމަށްޓަކައި ރާއްޖެއިންބޭރުން އެސްޓީއޯއަށް ގެނެސްފައިވާ ފިޔާ އާންމު ވިޔަފާރިތަކަށް ދޫކުރަނީ ކިލޯއެއް 20 ރުފިޔާއަށްވުރެ އަގު ބޮޑު ނުކުރުމަށް ޝަރުތުކުރުމަށްފަހުގައި ކަމަށް އެސްޓީއޯއިން ބުނެފިއެވެ.
ރާއްޖޭގެ ބާޒާރުގައި ފިޔާގެ އަގު އިންތިހާއަށް އުފުލުމުގެ ދުވަސްކޮޅެއްކުރިން އިންޑިއާގެ ބާޒާރުގައި ފިޔާގެ އަގުވަނީ އުފުލެއްފަށާފަ އެވެ.
އެސްޓީއޯގެ ހިސާބުތަކުން ދައްކާގޮތުގައި އިންޑިއާގެ ބާޒާރުގައި ފިޔާގެ ަގު އުފުލެން ފަށާފައިވަނީ މިދިޔަ އޯގަސްޓޫމަހުން ފެށިގެންނެވެ. އެއާއި އެކު ރާއްޖޭގެ ބާޒާރުންވެސް ފިޔާގެ އަގު މަޑުމަޑުން އުފުލެމުން ގޮސް އޮކްޓޯބަރު މަހާއި ހަމައަށް އައިއިރު ފިޔާ ބަސްތާއެއްގެ އަގު ރާއްޖޭގެ ބާޒާރުގައިވެސް ވަނީ 400 ރުފިޔާއަށް އުފުލިފަ އެވެ.
އެސްޓީއޯއިން ބުނީ ދިވެހި ބާޒާރުގައި ފިޔާގެ އަގު ކޮންޓްރޯލް ކުރުމުގެގޮތުން އެސްޓީއޯއިން ރާއްޖެއަށް ފިޔާ އެތެރެކުރަން ފަށާފައި ކަމުގައެވެ. އަދި އެސްޓީއޯއަށް ގެންނަ ފުރަތަމަ ފިޔާ ޝިމްޕްމަންޓުގެ ގޮތުގައި 4500 ބަސްތާގެ ފިޔާ މިވަގުތު ރާއްޖެއަށް އެތެރެކުރެވިފައިވާ ކަމަށްވެސް އެސްޓީއޯއިން ބުނެއެވެ.
އެސްޓީއޯއިން ފިޔާގެ އަގު ކޮންޓުރޯލް ކޮއްފައި މިވަނީ ރާއްޖޭގެ ބާޒާރުގައި ފިޔާ ބަސްތާއެއްގެ އަގު 850 ރުފިޔާއާއި 950 ރުފިޔާއާ ދެމެދުގެ އަގަކަށް އުފިލިފައިވާ ދަނޑިވަޅެއްގައެވެ.
އެސްޓީއޯގެ އަމާޒަކީ ފިޔާ ސަޕްލައި ޝޯޓޭޖް މައްސަލައަށް ހައްލު ލިބި އަދި ބާޒާރުގައި ފިޔާގެ އަގު ކޮންޓޮރޯލްވަންދެން އެސްޓީއޯއިން ރާއްޖޭގެ ބާޒާރަށް ބޭނުންވާ މިންވަރަށް ފިޔާ ސަޕްލައިކޮށްދިނުމެވެ.
އެސްޓީއޯއިން ބުނީ އެކުންފުނިން އިމްޕޯޓް ކޮއްފައިވާ ފިޔާގެ ފުރަތަމަ ޝިޕްމެންޓް މިހާރު ބާޒާރަށް ނެރެފައިވާ ކަމުގައެވެ. އެހެންކަމުން ހުރިހައި ރަށެއްގައިވެސް ފިޔާ އަގުވާނެއެވެ.









