ސައުދީ އަރަބިއްޔާގައި ކުރިޔަށް ދިޔަ ފީފާ ކުލްބަ ވޯލްޑްކަޕް ގެ ޗެމްޕިއަންކަން މެންޗެސްޓަރ ސިޓީން ހޯދައިފިއެވެ.
މިމަހުގެ 12 އިން 22 އަށް ސައުދީގައި ކުރިޔަށް ދިޔަ މި މުބާރާތުގެ ޗެމްޕިއަންކަން ސިޓީން ހޯދީ ރޭ ކުޅުނު ފައިނަލް މެޗުގައި ބްރެޒިލްގެ ފްލުމިނެންސޭ އާއި ވާދަކޮށް 4-0 ގެ ނަތީޖާއިންނެވެ.
މިއީ ސިޓީން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ. އަދި ކްލަބް ވޯލްޑް ކަޕް ކާމިޔާބު ކުރި ހަތަރުވަނަ އިނގިރޭސި ޓީމެވެ.
މިއީ ސިޓީން މި އަހަރުގެ ތެރޭގައި ހޯދި ފަސްވަނަ ތަށްޓެވެ. ކްލަބް ވޯލްޑް ކަޕްގެ އިތުރުން ސިޓީން ވަނީ މިއަހަރުތެރޭ އިނގިރޭސި ޕްރިމިއާ ލީގާއި، އިނގިރޭސި އެފްއޭ ކަޕާއި، ޗެމްޕިއަންސް ލީގު އަދި ޔޫއެފާ ސުޕާ ކަޕް ކާމިޔާބުކޮށްފަ އެވެ.
ސައުދީގެ ކިންގް އަބްދުﷲ ސްޕޯޓްސް ސިޓީ ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗުގެ 40 ވަނަ ސިކުންތުގެ ތެރޭގައި ޖޫލިއަން އަލްވަރޭޒް ވަނީ ލަނޑުޖަހައި ސިޓީ އަށް މި މެޗުގައި ލީޑު ނަގާދީފަ އެވެ. މިއީ ކްލަބު ވޯލްޑް ކަޕްގެ ފައިނަލެއްގައި ފެނިގެންދިޔަ އެންމެ އަވަސް ލަނޑުވެސް މެއެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ސިޓީން ދެވަނަ ލަނޑެއް ކާމިޔާބު ކުރިއިރު މި ލަނޑަކީ ފްލުމިނެންސޭގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.
ސިޓީގެ ތިންވަނަ ލަނޑު މެޗުގެ 72 ވަނަ މިނެޓްގައި ފިލް ފޮޑެން ކާމިޔާބު ކުރިއިރު އެޓީމުގެ ފަހު ލަނޑު މެޗުގެ 88 ވަނަ މިނެޓްގައި ކާމިޔާބުކޮށް ދިނީ ފުރަތަމަ ގޯލު ވެސް ކާމިޔާބުކޮށް ދިން އަލްވަރޭޒް އެވެ.
ކްލަބް ވޯލްޑް ކަޕް މިހާތަނަށް އެންމެ ގިނަފަހަރު ކާމިޔާބު ކުރި ޓީމަކީ ސްޕްެިންގެ ރެއާލް މެޑްރިޑެވެ. އެ ކްލަބުން ވަނީ މި މުބާރާތް ފަސް ފަހަރު ކާމިޔާބުކޮށްފަ އެވެ.









