މަސްވެރިންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ރާއްޖޭގެ 9 ރަށެއްގައި އައިސް ޕްލާންޓް އެޅުމުގެ މަސައްކަތް ކުރެވެމުންދާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާބެހޭ ވުޒާރާއިން ހާމަކުރައްވައިފި އެވެ.
ރާއްޖޭގެ ކަންކޮޅުތަކުން ނުވަ ރަށެއްގައި އައިސްޕްލާންޓް އެޅުމުގެ މަސައްކަތް ކުރެވެމުންދާކަން ހާމަކުރެއްވީ މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްޠަލިބު އެވެ. އެމަނިކުފާނު މިކަން ހާމަކުރައްވާފައިވަނީ ޕީއެސްއެމްގެ ’ރާއްޖެ މިއަދު‘ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ސްޓޭޓް މިނިސްޓަރ ވިދާޅުވީ މަސްވެރިން ބާނާ މަހަށް ރަނގަޅު އަގެއް ހޯދައިދިނުމަށް ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށާއި، އެގޮތުން 09 ސަރަހައްދެއްގައި އައިސް ޕްލާންޓް އެޅުމުގެ މަސައްކަތް ކުރެވެމުންދާކަމުގަ އެވެ. އަދި އެ މަސައްކަތްތައް ކުރިއަށްއޮތް 6 މަހެއްހައި ދުވަހުގެ ތެރޭގައި ނިންމުމަށް މަސައްކަތްކުރަމުން ގެންދަވާކަމަށްވެސް ސްޓޭޓް މިނިސްޓަރ ވިދާޅުވި އެވެ.
އައިސް ޕްލާންޓްތައް ހަދަމުންދާ ރަށްތަކަކީ އއ.ރަސްދޫއާއި، ހއ.ދިއްދޫއާއި، ލ.މާމެންދޫއާއި ލ.މާވަށާއި، ދ.މީދޫގެ އިތުރުން ގދ.ރަތަފަންދުއާއި، ޅ.ނައިފަރާއި، މ.ވޭވަށާއި، ގދ.ފިޔޯރީ އެވެ.
އައިސް ޕްލާންޓްތައް އެޅުމުގެ އިތުރުން މަހުގެ ކޮލެޓީ ހިފެހެއްޓުމަށް ދޯނިތަކުގައި އާރުއެސްޑަބްލިއު ސިސްޓަމް ހަރުކުރުމަށް 200 ފުރުޞަތުވެސް ހުޅުވާލާނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
ސަރުކާރުން ޤާއިމް ކުރައްވާފައިވާ އައިސްޕްލާންޓް ރާއްޖޭގެ ބައެއް ރައްރަށުގައި ހުރިނަމަވެސް އެތަންތަނުން މަސްވެރިްނނަށް ޚިދުމަތް ނުލިބޭ ކަމުގެ ޝަކުވާ މަސްވެރިްނގެ ފަރާތުން ލިބޭކަން ފާހަގަ ކުވެއެވެ. އަދި މާންދޫ އާއި ފެލިވަރު އަދި ކޫއްޑޫ ފަދަ މަސްގަންނަ ކުންފުނި ތަކުން މަސްވެރިންނަށް ބޮޑު އަގުގައި އައިސް ވިއްކަމުންދާއިރު‘ މަސްވެރިން ބޭނުންވާ މިންވަރަށް އެތަންތަނުން އައިސް ނުލިބޭ ކަމުގެ ޝަކުވާ މަސްވެރިން ދަނީ ކުރަމުންނެވެ.









