ވިހި ވަނަ ރައްޔިތުންގެ މަޖިލީސް އިންތިޚާބުގައި ވާދަކުރައްވަން ފޯމު ހުށަހެޅުއްވި 381 ކެންޑިޑޭޓުންގެ ތެރެއިން، ނުވަ ކެންޑިޑޭޓެއްގެ ފޯމު ބަލައިނުގަތުމަށް އީސީން ނިންމާފައިވާއިރު 4 ކެންޑިޑޭޓެއްގެ ނަން އަނބުރާ ގެންގޮސްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވެއްޖެ އެވެ.
ޙަބީބު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލީ 381 ކެންޑިޑޭޓުންގެ ތެރެއިން 9 ކެންޑިޑޭޓެއްގެ ހުށަހެޅުން އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަންނަ ކަމަށާއި، އަދި 4 ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދަވާފައިވާ ކަމުގަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގައި ވާދަކުރައްވަނީ 368 ކެންޑިޑޭޓުން ކަމަށާއި، އެއީ 42 އަންހެން ކެންޑިޑޭޓުންނާއި، 326 ފިރިހެން ކެންޑިޑޭޓުންކަމަށްވެސް ޙަބީބު ވިދާޅުވި އެވެ.
ޙަބީބު ވިދާޅުވީ އެއީ، %11.41 އަންހެން ބޭފުޅުން ކަމަށާއި، %88.58 ފިރިހެން ބޭފުޅުން ކަމުގަ އެވެ. މީގެތެރޭގައި އިދިކޮޅު މައި ޕާޓީ އެމްޑީޕީން އަންހެން 6, ފިރިހެން 84 ޖުމްލަ 90 ކެންޑިޑޭޓުން ވާދަކުރައްވާއިރު ސަރުކާރުހިންގާ މައިކޯލިޝަންގައި ހިމެނޭ ޕީއެންސީން އަންހެން 2, ފިރިހެން 87 ޖުމްލަ 89, ކެންޑިޑޭޓުން ވާދަކުރައްވާނެ އެވެ. އަދި ޑިމޮކްރެޓްސް އިން އަންހެން 12, ފިރިހެން 27, ޖުމްލަ 39, ކެންޑިޑޭޓުން ވާދަކުރައްވައެވެ. ޖުމްހޫރީ ޕާޓީން އަންހެން 2, ފިރިހެން 8, ޖުމްލަ 10, ކެންޑިޑޭޓުން ވާދަކުރައްވާއިރު އަދާލަތުން ވާދަކުރައްވަނީ ފިރިހެން 4, ކެންޑިޑޭޓުންނެވެ. އަދި އެމްޑީއޭ އިން ފިރިހެން 4,ކެންޑިޑޭޓުން ވާދަކުރައްވާއިރު އެމްއެންޕީން ވާދަކުރައްވާނީ ޖުމްލަ 2 ކެންޑިޑޭޓުން ނެވެ. މީގެ އިތުރުން އަމިއްލަގޮތުން 20 ކަނބަލުންނާއި ފިރިހެން 110. ބޭފުޅުންނާއި އެކު ޖުމްލަ 130 ކެންޑިޑޭޓުން އަމިއްލަ ގޮތުން މި އިންތިޚާބުގައި ވާދަކުރައްވާނެ އެވެ.
ޖުމްލަ 7 ޕާޓީން އަންހެން 22, ފިރިހެން 216, އެކު ޖުމްލަ އެކު ޖުމްލަ 238 ކެންޑިޑޭޓުން ވާދަކުރައްވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލީ ޖުމްލަ 381 ކެންޑިޑޭޓުން ނެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލީ ޖުމްލަ 381 ކެންޑިޑޭޓުންގެ ތެރެއިން 9 ކެންޑިޑޭޓެއްގެ ހުށަހެޅުން އިލެކްޝަންސް ކޮމިޝަނުން ވަނީ ބަލައިނުގަތުމަށް ނިންމަވާފައެވެ. އަދި ޝަރުތު ހަމަވި 372 ކެންޑިޑޭޓުންގެ ތެރެއިން، އެމްޑީޕީން މުލަކު ދާއިރާ އަށް ވާދަކުރެއްވި ކެންޑިޑޭޓަކާއި، ޕީއެންސީން ގައްދޫ ދާއިރާއަށް ވާދަކުރެއްވި ކެންޑިޑޭޓަކާއި، ޑިމޮކްރެޓްސް އިން ހިތަދޫ މެދުދާއިރާއަށް ކުރިމަތިލެއްވި ކެންޑިޑޭޓަކާއި، އަމިއްލަގޮތުން ކިނބިދޫ ދާއިރާއަށް ކުރިމަތިލެއްވި ކެންޑިޑޭޓަކާއެކު ޖުމްލަ 4 ކެންޑިޑޭޓުންވަނީ އެ ބޭފުޅުންގެ ނަން އަނބުރާ ގެންދަވާފައެވެ.
ކެންޑިޑޭޓުންގެ ނަން ތަރުތީބު ކުރެވިފައިވާގޮތާއި، އެކި ދާއިރާތަކަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ މަޢުލޫމާތު އިލެކްޝަންސް ކޮމިޝަނުން މިއަދުން ފެށިގެން ޢާންމުކުރަމުން ގެންދަވާނެކަމަށްވެސް ޙަބީބު ވިދާލުވި އެވެ.
އިލެކްޝަންސް ކޮމިޝަނުން އަންނަ މަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސަވާފައިވާ ރައްޔިތުންގެ މަޖިލިސް އިންތިޚާބު، މާރިޗު މަހުގެ 17 ވަނަ ދުވަހަކީ ރޯދަމަހުގެ ދުވަހަކަށް ވުމުން ރޯދަމަސް ނިމޭތާ 10 ދުވަސް ފަހުން މި އިންތިޚާބު ބޭއްވުމަށް ރައްޔިތުން މަޖލީހުން މިހާރު ވަނީ ފާސްކުރައްވާފަ އެވެ.
މިއަހަރުގެ މަޖިލިސް އިންތިހާބުގައި 284،337 މީހަކަށް ވޯޓުލުމުގެ ހައްގު ލިބެއެވެ.
މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގައި 87 މެންބަރުން ތިއްބެވި ނަމަވެސް 20 ވަނަ ރައްޔިތުްނގެ މަޖިލީހަށް 93 މެންބަރުން އިންތިޚާބު ކުރައްވާނެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2019 ގައި ކެންޑިޑޭޓުންގެ ގޮތުގައި ވާދަކުރައްވާފައިވަނީ 386 ކެންޑިޑޭޓުން. އެއީ 43 އަންހެން ކެންޑިޑޭޓުންނާއި 343 ފިރިހެން ކެންޑިޑޭޓުންނެވެ.









