Search Streamline Icon: https://streamlinehq.com

ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރަކަށް ފުރަތަމަ ފަހަރަށް އަންހެން ބޭފުޅަކު އައްޔަންކޮށްފި

Customs Dhiyana

މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ޑެޕިއުޓީ ކޮމިޝަނާ އޮފް ކަސްޓަމްސްގެ މަގާމަށް ފާޠިމަތު ދިޔާނާ އައްޔަން ކުރައްވައިފި އެވެ. މި މަޤާމަށް ފާޠިމަތު ދިޔާނާ އައްޔަން ކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.

ކަސްޓަމްސް ބިލްޑިންގައި ބޭއްވި ރަސްމިއްޔާތެއްގައި ޑެޕިއުޓީ ކޮމިޝަނާ އޮފް ކަސްޓަމްސްގެ މަޤާމަށް ދިޔާނާ އައްޔަން ކުރެއްވިކަމުގެ ލިޔުމާއި މަޤާމުގެ ފޮތިކޮޅު އެ ކަމަނާއަށް ހަވާލުކޮށްދެއްވީ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ޔޫސުފް މާނިއު މުހައްމަދު އެވެ.

ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ޤައުމުގެ ތަރައްޤީގައި އަންހެނުންގެ ހިއްސާ އިތުރު ކުރުމާއި އަންހެނުން ބާރުވެރިކޮށް، އަންހެނުންގެ ހައްގުތައް ރައްކާތެރި ކުރުމަށް އެޅުނު މުހިއްމު ފިޔަވަޅެއް ކަމަަށް ކަސްޓަމްސއިން މައުލޫމާތު ދެއްވައެވެ. އަދި ތަންފީޒީ އިދާރާތަކުގެ ހިންގުމުގައި ފުރަތަމަ ފަހަރަށް އަންހެން ބޭފުޅަކު އައްޔަން ކުރެވުނު ފަހަރަށް ވުމާއެކު، މިއީ ކަސްޓަމްސްގެ އިތުރުން ތަންފީޒީ އެހެން އިދާރާތަކުގެ ހިންގުމުގައިވެސް ފިރިހެން ބޭފުޅުންނާއި އަންހެން ބޭފުޅުން ތަފާތު ކުރުމެއް ނެތި ޝާމިލް ކުރުމަށް ތަނަވަސްވެގެންދިޔަ ފުރުސަތެއް ކަމަށްވެސް ކަސްޓަމްސް އިން ހާމަކުރައްވަ އެވެ.

މިއީ ކަސްޓަމްސްގެ 133 އަހަރުވީ ދިގު މާޒީގައި ފުރަތަމަ ފަހަރަށް އަންހެން ބޭފުޅެެއް މިމަގާމަށް އައްޔަނުކުރެވުނު ފުރަތަމަ ފަހަރެވެ.

މިވަގުތު ދިޔާނާގެ އިތުރުން ކަސްޓަމްސްގައި ޑެޕިއުޓީ ކޮމިޝަނާ އޮފް ކަސްޓަމްސްގެ މަގާމުގައި އިތުރު ދެބޭފުޅުން ތިއްބަވައެވެ. އެއީ ޑެޕިއުޓީ ކޮމިޝަނާ އޮފް ކަސްޓަމްސް އަބްދުﷲ ވަހީދު އާއި ޑެޕިއުޓީ ކޮމިޝަނާ އޮފް ކަސްޓަމްސް މަހްމޫދު ރިޔާޒު އެވެ.

ކަސްޓަމްސްގެ ހިދްމަތުގައި 23 އަހަރު ފުރިހަމަކުރައްވާފައިވާ ދިޔާނާ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ކަސްޓަމްސްގެ މަގާމަށް އައްޔަނުކުރެއްވުމުގެ ކުރިން އެކަމަނާ ހުންނެވީ ޑެޕިއުޓީ ޗީފް ސުޕްރިންޓެންޑެންޓްގެ މަޤާމުގައެވެ.

Leave a Reply

Your email address will not be published. Required fields are marked *