Search Streamline Icon: https://streamlinehq.com

ފަރެސްމާތޮޑާ ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވައިފި

Faresmaatoda

ފަރެސްމާތޮޑާ ރައްޔިތުންނަށް ދަތިވެފައިވާ ކަންކަމުގެ ވާހަކަ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަސް ދަންނަވައިފި އެވެ.  ފަރެސްމާތޮޑަ ކައުންސިލުން މިކަންކަން ރައީސުލްޖުމްހޫރިއްޔާއަސް ދަންނަވާފައިވަނީ ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އތމ)އާ ބައްދަލުކުރެއްވުމަށް މިއަދު ހެނދުނު ފަރެސްމާތޮޑާ ކައުންސިލުގެ އިދާރާގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ބަނދަރުގެ ޖާގައިގެ ދަތިކަމާއި، ބޯހިޔާވަހިކަމުގެ ދަތިކަމާއި، ބިންހިއްކުމަށްފަހު އެތަނުގައި ހައުސިންގ ޔުނިޓުތައް ހެދުމުގެ މުހިންމުކަމާއި، ފުޓުބޯޅަ ދަނޑުގެ މަސައްކަތް ހުއްޓިފައި އޮތުމުގެ ކަންބޮޑުވުމާއި، އަދި ރަނގަޅު ފެންވަރަށް މަގުތައް ހަދަން ބޭނުންވާކަމަށާއި، ޖާގަ ބޮޑު ހުކުރު މިސްކިތެއްގެ މުހިންމުކަމާއި، ކުނި މެނޭޖުކުރުމުގައި ދިމާވާ ދަތިތަކާއި، އަދި މިނޫންވެސް ރަށުގެ އިޤުތިޞާދީ އިޖުތިމާޢީ ތަރައްޤީއަށް މުހިންމުކަންކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ވަނީ އެރަށަކީ ދާއިމީ ބަލިތަކަށް ބޭސްކުރާ ގިނަ ބަޔަކު ދިރިއުޅޭ ރަށެއްކަން ފާހަގަކުރައްވައި، އެރަށަށް ސްޕެޝަލިސްޓް ޑޮކްޓަރެއްގެ މުހިންމުކަމާއި ގިނަ ޓެސްޓުތަކެއް ހެދޭގޮތަށް ހަމަޖެހިގެންދިއުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ވަރަށް ގާތުން ބައްލަވައި، ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން އެކަންކަން ހައްލުކުރުމަށް މަސައްކަތް ކޮށްދެއްވާނެކަމުގައި ވިދާޅުވެފަ އެވެ.

މި ބައްދަލުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނު ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި، ދައްކަވާފައިވާ ވާހަކަފުޅުތަކުގެ ފޮތް ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ކައުންސިލަށް ހަދިޔާކުރައްވާފަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *