ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2024ގެ ކުއާޓާ ފައިނަލް ފުރަތަމަ ޖާގަތައް، މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަން ލ. ގަމާއި އއ. މަތިވެރިން ހޯދައިފިއެވެ.
މުބާރާތުގެ ގަދަ 16 ވަނަ ބުރުގެ މެޗުތައް މިރޭ ފަށާފައިވާ އިރު، އެންމެ ފުރަތަމަ ޗެމްޕިއަން ގަމުން ނުކުތީ ވަރުގަދަ ހދ. ނައިވާދުއާ ދެކޮޅަށެވެ. ދެ ޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް މެޗުގައި ފެނިގެން ގޮސްފައިވާ އިރު، މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، އެއްވެސް ޓީމަކަށް ލަނޑެއް ޖެހިފައި ނުވެއެވެ. އެހެން ކަމުން ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ.
މެޗުގައި ދެ ޓީމަށް ވެސް ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. އެގޮތުން ގަމު ޓީމަށް ބަލާއިރު، އަހުމަދު ހަލީމް (އަންމަޑޭ) އާއި އަބްދުﷲ ޖުނައިދުގެ ހަމަލާތައް ފާހަގަކޮށްލެވެއެވެ. އަނެއްކޮޅުން ނައިވައިދޫ ޓީމުގެ އަބްދުﷲ ޝާފިއު (ޝާއްޕެ) އާއި އަހުމަދު ހަމީދުގެ ހަމަލާތައް ފާހަގަކޮށްލެވެއެވެ. ދެ ޓީމަށް ވެސް ލިބުނު ފުރުސަތުތައް ނާކާމިޔާބު ކޮށްލުމުގައި ގޯލް ކީޕަރުންގެ ދައުރު ބޮޑެވެ.
ޕެނަލްޓީން މެޗުގެ ނަތީޖާ ނެރުނު އިރު، ޕެނަލްޓީގައި ނައިވައިދޫގެ މައްޗަށް ގަމުން ކުރި ހޯދީ ޕެނަލްޓީއަށް ޚާއްސަކޮށް ބަދަލަކަށް އެރުވި އަހުމަދު ހުޝާމް މަތަކުރި ދެ ޕެނަލްޓީ އިން ކުރި ލިބިގެންނެވެ. ގައުން ޖެހި ހަތަރު ޕެނަލްޓީވެސް ކާމިޔާބު ކުރިއިރު، ޕެނަލްޓީ ކާމިޔާބުކޮށްދިނީ ޖުނައިދާއި ހުސައިން ނާޝިދުގެ އިތުރުން އަލީ ޝާމިސް (ތޮއްޕެ) އަދި އަންމަޑޭއެވެ. ޕެނަލްޓީގައި ގަން މޮޅުވީ 4-2 އިންނެވެ.
މި މޮޅާއި އެކު އެންމެ ފަހުގެ ޗެމްޕިއަން ގަން ކުއާޓާ ފައިނަލަށް ވަނީ ދަތުރުކޮށްފައެވެ.









