Search Streamline Icon: https://streamlinehq.com

އެންމެ ފަހުގެ ޗެންޕިއަން ގަން ބަލިކޮށް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ތަށި އޭދަފުށިން އުފުލާލައިފި

IMG 5291 1709839607015 mijyta

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2024 ގެ ޗެމްޕިއަންކަން ބ. އޭދަފުށި ޓީމުން ހޯދައިފިއެވެ.

އޭދަފުށިން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން ލ.ގަން 4-2 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ.

ހުޅުމާލޭ ރެހެންދި އެއް ނަންބަރު ފުޓްސަލް ދަނޑުގައި ކުޅެވުނު މި މެޗު ފެށިގެން ތިންވަނަ މިނެޓުގައި އޭދަފުށިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ އިޝާން އިބްރާހިމް އެވެ. މިއީ ގަމުގެ ޕެނަލްޓީ އޭރިއާ ބޭރުން އެޓީމަށް ލިބުނު ހިލޭ ޖެހުމެއްގައި އެޓީމުގެ މުހައްމަދު ފާސިރު ޖައްސާލި ބޯޅައެއް އެއްފަހަރުން ޖަހައި ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި އޭގެ އިރުކޮޅެއް ފަހުން މުހައްމަދު ފާސިރު ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އޭދަފުށި ޓީމަށް ލީޑު ފުޅާކޮށްދީފައެވެ.

އޭދަފުށީގެ މި ލަނޑަކީ ގަމުގެ ފަހަތުން އެޓީމުގެ ކެޕްޓަން ހުސެއިން ޝަރީފް (އޮންލީ) އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި އެޓީމުގެ ނިޝާމް މުހައްމަދު ނަޝީދު މުޅިން ހުސްކޮށްލާފައި ޖައްސާލި ބޯޅައެއް ގަމުގެ ޕެނަލްޓީ އޭރިއާ ތެރޭގައި މުޅިން ހުސްކޮށް ހުރެ ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

އޭދަފުށި ޓީމުން ދެވަނަ ލަނޑު ޖެހިތާ ކުޑަ އިރުކޮޅެއް ފަހުން ގަމުން ވަނީ ލަނޑެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަބްދުﷲ ޖުނައިދު އެވެ. މިއީ އެޓީމުގެ އަލީ ޝާމިސް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭދަފުށީގެ ޕެނަލްޓީ އޭރިއާ ރޮނގުމަތީހުރެ ތިރިތިރިން ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މެޗުގެ ފުރަތަމަ ހާފު ނިމިގެން ދިޔައީ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 2-1 ގެ ނަތީޖާއަކުން އޭދަފުށި ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފެށިގެން ހަތަރުވަނަ މިނެޓުގައި އޭދަފުށިން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އަނެއްކާވެސް ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަލީ ފާސިރު (ސެންޓޭ) އެވެ. މިއީ ގަމުގެ ހާފު މެދެންހާ ހިސާބު އަރިމަތިން އެޓީމަށް ލިބުނު ހިލޭ ޖެހުމެއްގައި ތިރިތިރިން ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ގަމުން މިމެޗުގައި ކާމިޔާބުކުރި ދެވަނަ ލަނޑު މެޗު ނިމެން ދެމިނެޓަށްވެފައި ވަނިކޮށް އެޓީމަށް ލިބުނު ދުރު ޕެނަލްޓީއެއްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އަހުމަދު ހަލީމް (އަންމަޑޭ) އެވެ. ނަމަވެސް އޭގެ މަދު ސިކުންތުކޮޅެއް ފަހުން އޭދަފުށިން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އަނެއްކާވެސް ފަރަގު ބޮޑުކޮށްފައެވެ. މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 4-2 ގެ ނަތީޖާއަކުން އޭދަފުށި ކުރީގައި އޮވެގެންނެވެ.

ފައިނަލް މެޗުގެ ކުޅުމަށް ފަހު އެކިއެކި މަޤާމުތަކަށް ހޮވުނު ކުޅުންތެރިންގެ ނަންތައް އިއުލާނުކުރިއިރު، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބ. އޭދަފުށީ ޓީމުގެ އިޝާން އިބުރާހިމް( ސައްޓު) އެވެ. މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިއަކަށް ހޮވުނީ އަލީ އަލްސަން  (އއ.މަތިވެރި) އެވެ. އަދި މުބާރާތުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ މަގާމު ލިބުނީ މުހައްމަދު ޒީދާން ޒުހުރީ (ފ. ނިލަންދޫ) އަށެވެ. އޭނާ ވަނީ މި މުބާރާތުގައި ޖުމްލަ 18 ލަނޑު ކާމިޔާބުކޮށްފައެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ ހުސެއިން ޝަރީފް (ލ.ގަން), އަލީ ޝާމިސް (ލ.ގަން), އިޝާން އިބްރާހިމް (ބ.އޭދަފުށި), ހައިޝަމް ހަސަން (ބ.އޭދަފުށި) އަދި އަބްދުﷲ ނާސިހް އެވެ. މީގެ އިތުރުން މުބާރާތްގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އިޝާން އިބްރާހިމް (ބ.އޭދަފުށި) އެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *