މަސްވެރިންނަށް ދޭންޖެހޭ ހުރިހާ ފައިސާ މިފްކޯއާ ހަވާލުކުރައްވައިފި ކަމުގައި ދިވެހި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ މިނިސްޓަރ އަޙްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން މިނިސްޓަ ޝިޔާމް ވަނީ މަސްވެރިންނަށް ފައިސާ ދޫކުރުމާއި ގުޅޭ އެންމެފަހުގެ މައުލޫމާތުތައް ރައްޔިތުންނާއި ޙިއްޞާ ކުރައްވާފަ އެވެ.
މިނިސްޓަރ ޝިޔާމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވިއިރު ގައުމުގެ މާލީ ހާލަތު ވަރަށް ދަށަށް ގޮސްފައިވާކަމުގަ އެވެ. ނަމަވެސް މިއުނދަގޫ ހާލަތުގައިވެސް މަސްވެރިންނަށް ދޭންޖެހޭ ފައިސާ ދައްކަމުންގޮސް، ހުރިހާ ފައިސާ މިހާރު ދައްކާފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވީ އެހާގިނަދުވަހު އެފައިސާ ނުދެވި އޮތުމަށްފަހު އެހާ ބޮޑު އަދަދެއްގެ ފައިސާ މަސްވެރިންނަށް ދިނުމަކީ ފަސޭހަ ކަމަކަށް ނުވާނެކަމުގަ އެވެ.މިނިސްޓަރ ވިދާޅުވީ މަސްވެރިންނަށް ދޭންޖެހޭ ހުރިހާ ފައިސާ މާލީ ވުޒާރާއިން މިހާރު މިފްކޯއަށް ދޫކޮށްފައި ކަމުގަ އެވެ. އަދި އޮޑިވެރިންނަށް ފައިސާ ޖަމާކުރުމުގެ މަސައްކަތް މިފްކޯއިން މިހާރު ކުރަމުން އަންނަ ކަމަށާއި ބީއެމްއެލްގެ އެކައުންޓްތަކަށް ރޭ ނޫނީ މިއަދު ފައިސާ ޖަމާކުރެވޭނެކަމަށްވެސް ވަޒީރު ވިދާޅުވި އެވެ. ނަމަވެސް އެނޫން ބޭންކެއްގެ އެކައުންޓެއް ގެންގުޅޭ ފަރާތެއް ކަމުގައިވާނަމަ މިއަދަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައިވުމުން ފައިސާ ޖަމާކުރުމުގައި ލަސްވެެދާނެކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
ނިމިދިޔަ ސަރުކާރުން މަސްވެރިންނަށް ދޭންޖެހޭ 250 މިލިއަނެއްހާ ރުފިޔާ އޮތްކަމަށާއި، ގިނަ ދުވަސްތަކެއް ވަންދެން ފައިސާ ނުދީ އޮތުމަށްފަހު އެހާ ބޮޑު އަދަދެއް ދިނުމަކީ ފަސޭހަ ކަމެއް ނޫންކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިމަހު ވިދާލުވެފައިވަނީ މަސްވެރިންނަށް މިފްކޯއިން ނުދީ ހުރި ފައިސާ ރޯދައިގެ ކުރިން ދެއްވާނެކަމުގަ އެވެ. އަދި މަސްވެރިްނނަށް ދޭންޖެހޭ ފައިސާ ހަމަޖައްސައިދެއްވުމަށްފަހު ސަރުކާރުން ވަޢުދުވެފައިވާ ގޮތަށް، މަސްކިރާތާ 48 ގަޑިއިރުގެ ތެރޭގައި ހުރިހައި މަސްވެރިންނަށްވެސް ފައިސާ ދޫކުރައްވާގޮތަށް ބަދަލުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ މީގެ ކުރިންވެސް ވިދާޅުވެފަ އެވެ.









