މި އަހަރުގެ ރަމަޟާން މަހު ގޭބިސީތަކަށް ސަރުކާރުން ހިލޭ ދޫކުރާ ކާޑުގެ ބާވަތްތައް ދެން ދޫކުރާނީ ހަމައެކަނި ރޭގަނޑު ކަމަށް ސިޓީ ކައުންސިލުން ބުނެފިއެވެ.
ސިޓީ ކައުންސިލުން ބުނީ ސަރުކާރުން ދޫކުރާ ކާޑުގެ ބާވަތްތައް ދޫކުރުން ދެން ކުރިއަށް ދާނީ ރޭގަނޑު 9:00 އިން 12:00 އަށް ސޯޝަލް ސެންޓަރުންނާއި، ގަލޮޅު ދަނޑުންނާއި ކައުންސިލުގެ އާއްމު ހިދުމަތްތަކާއި ބެހޭ ބައިންކަމަށެވެ. ހުޅުމާލޭ ފޭސް އެކެއްގައިނަމަ ކާޑުގެ ބާވަތްތައް ދޫކުރަނީ އުމަރު ޒާހިރު ބިލްޑިންއިންގ އިން ކަމަށާއި ފޭސް ދޭއްގައި އެ ތަކެތި ދޫކުރާނީ ވިނަރެސް 10 އިން ކަމަށް އެ ކައުންސިލުން ބުނެއެވެ.
މީގެ އިތުރުން ޗަމްޕާ ބްރަދާސް އިން މި އަހަރުގެ ރަމަޟާންމަހަށް ހާއްސަކޮށް ހަދިޔާކުރާ ތަކެތިވެސް މިރޭ ބަހަން ހަމަޖެހިފައިވާ ކަމަށް ސިޓީ ކައުންސިލުން މައުލޫމާތުދެއެވެ. މި ފަހަރުގެ ރޯދަ މަހަށް ހާއްސަކޮށް ދިވެހިންނަށް 50،000 ކާއްޓާއި 50 ޓަނު ކަރާ އަދި 10 ޓަނު ފިޔާ އެ ކުންފުނިން ވަނީ ހަދިޔާކޮށްފައެވެ.
ކައުންސިލުން ބުނީ އެ ތަކެތި ދޫކުރުން ގެންދާނީ ހުޅުމާލޭގައި، އުމަރު ޒާހިރު ބިލްޑިންގައި ކަމަށާއި އަދި މާލޭގައިނަމަ ކައުންސިލުގެ އާއްމު ހިދުމަތްތަކާއި ބެހޭ ބައިން ކަމަށެވެ.
ޗަމްޕާގެ ރޯދަ ހަދިޔާ ބެހުން ކުރިއަށްދާނީ މިރޭ 9:00 އިން 12:00 އަށެވެ.
ސިޓީ ކައުންސިލުން މިގޮތަށް މި ނިންމީ ރޯދަ މަހުގެ ދުވާލު ގަޑީގައި އެތަކެތި ބަލާދާން އާއްމުންނަށް ދަތިތަކަެއް ކުރިމަތިވާތީއެވެ.









