ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާއިން ބާއްވާ 17 އަހަރުން ދަށުގެ ފީފާ ވޯލްޑްކަޕް މުބާރާތް ކުރިއަށް އޮތް ފަސް އަހަރު ގަތަރުގައި ހޮސްޓުކުރަން ނިންމައިފިއެވެ.
ފީފާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕަށް ގެނައި ބަދަލުތަކާ އެކު، މި އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް އެ މުބާރާތް ބާއްވަން ނިންމާފައިވަނީ ގަތަރުގައެވެ. މި މުބާރާތަށް ގެނައި ބޮޑެތި ބަދަލުތަކުގެ ތެރޭގައި، އެ މުބާރާތުގައި ވާދަކުރާ ޓީމުގެ އަދަދު 48 އަށް އިތުރުކުރުން ހިމެނެއެވެ. އެންމެ ފަހުން މި މުބާރާތުގައި ވާދަކުރީ 24 ޓީމެވެ.
މީގެ އިތުރުން ދެ އަހަރުން އެއް އަހަރު ބާއްވަމުން ދިޔަ މުބާރާތް މި އަހަރުން ފެށިގެން ކޮންމެ އަހަރަކު އެއް ފަހަރު ބޭއްވުމަށް ފީފާ އިން ވަނީ ނިންމައިފައެވެ.
ފީފާ އިން ނިންމާފައިވަނީ 2025 އިން 2029 އަށް 17 އަހަރުން ދަށުގެ ވޯލްޑް ކަޕް ގަތަރުގައި ބޭއްވުމަށެވެ. މި މުއްދަތުގައި އަންހެނުން 17 އަހަރުން ދަށުގެ ވޯލްޑް ކަޕް ބޭއްވުމަށް ހަމަޖެހިފައިވަނީ މޮރޮކޯގައެވެ.
ފީފާ އިން ބުނީ 17 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ބައިވެރިވާ ޓީމުތައް އިތުރުކޮށް، ކޮންމެ އަހަރަކު މުބާރާތް ބޭއްވުމަކީ، ގިނަ ކުޅުންތެރިންތަކަކަށް އެ ކުޅުންތެރިންގެ ހުނަރު ތަރައްޤީކުރުމަށް ލިބޭ އިތުރު ފުރުސަތެއް ކަމަށެވެ.
އެންމެ ފަހުން 2022 ވަނަ އހަރު ބޭއްވުނު ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތްވެސް ބާއްވާފައި ވަނީ ގަތަރުގައެވެ. އަދި ނިމިގެން ދިޔަ 2023 ވަނަ އަހަރުގެ އޭޝިއަން ކަޕްވެސް ބޭއްވީ ގަތަރުންނެވެ.









