ސަތާރަ ޓީމާއި އެކު ކައުންސިލް ފުޓްސަލް މުބާރާތް އަންނަ އެޕްރީލް މަހުގެ 8 ވަނަދުވަހު ފެށުމަށް ތައްޔާރުވެއްޖެ އެވެ.
މިއަހަރުގެ ފިޠުރު ޢީދާ ދިމާކޮށް ބާއްވާ މި މުބާރާތަކީ އޭދަފުށީ ކައުންސިލުން އިންތިޒާމުކޮށްގެން އެރަށުގައި ބާއްވާ ދެވަނަ ފުޓްސަލް މުބާރާތެވެ. މި މުބާރާތް ބޭއްވުމަށް ނިންމާފައިވަނީ އަންނަ އެޕްރީލް މަހުގެ 08ން އެމަހު 17 ގެ ނިޔަލަށެވެ.
އޭދަފުށި ކައުންސިލްގެ ފުރަތަމަ ފުޓްސަލް މުބާރާތް ބާއްވާފައިވަނީ އޭދަފުށީ ޓާފް ފުޓްސަލް ދަނޑުގައި މިދިޔަ އަހަރު އެވެ. މިދިޔަ އަހަރުގެ ފުޓްސަލް މުބާރާތަކީ ރާއްޖޭގެ މަޝްހޫރު ފުޓްސަލް ތަރިންނާއި އެކު ކުޅެވުނު ވަރަށް ފޯރިގަދަ މުބާރާތެކެވެ.
އޭދަފުށި ކައުންސިލުން މިދިޔަ އަހަރު ބޭއްވި ފުޓްސަލް މުބާރާތުގައި ރާއްޖޭގެ މަޝްހޫރު ފުޓްސަލް ކުޅުންތެރިން ވަނީ އޭދަފުށީގެ ޓީމުތަކަށް ކުޅެފަ އެވެ. އެގޮތުން، ފާހަގަކޮށްލެވޭ އެންމެ މަޝްހޫރު ކުޅުންތެރިއަކީ ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ފުޓްސަލް ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ހުސައިން ޝަރީފް (އޮންލީ) އެވެ. އޮންލީ އަކީ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަންކަން ލ.ގަމަށް ހޯދައިދިނުމުގައި އިސްރޯލެއް ކުޅެފައިވާ މޮޅު ކުޅުންތެރިއެކެވެ. އަދި 2023 ވަނަ އަހަރު ފުޓްސަލް ކިންގުގެ ފަޚުރުވެރި މަޤާމުވެސް އޮންލީ ވަނީ ހޯދާފަ އެވެ.
ހުނަރުވެރި އޮންލީގެ އިތުރުން، ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ނ. ކެނދިކުޅުދޫ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ މުހައްމަދު އައްޒާމް އާއި ގާފަރު ފުޓްސަލް ޓީމުގެ ތަރި ސާމިން މުހައްމަދު ނަސީރުގެ އިތުރުން ވާދޫ ފުޓްސަލް ޓީމުގެ މުހައްމަދު އިޔާދު އަލީ ހިމެނެ އެވެ.
މިއަހަރުގެ މުބާރާތުގައި ވެސް މަޝްހޫރު ފުޓްސަލް ކުޅުންތެރިން ފެނިގެންދާނެ ކަމަށް އޭދަފުށީ ކައުންސިލުން ހާމަކުރައްވަ އެވެ.
އޭދަފުށި ކައުންސިލް ފުޓްސަލް މުބާރާތުގެ ޗެމްޕިއަން ޓީމަށް 30000 ރުފިޔާ ކަނޑައަޅާފައިވާއިރު ރަނަރަޕް ޓީމަށް 15000 ރުފިޔާ ދިނުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.
މިދިޔަ އަހަރު އޭދަފުށި ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އެފްރޯ ސްޕޯޓްސް ކްލަބެވެ. އެޓީމު ޗެމްޕިއަންކަން ހޯދީ ފައިނަލުގައި އެރަށުގެ އޯލް ވުލްވްސް 0-4 އިން ބަލިކޮށްގެންނެވެ.
މިއަހަރު މި ބައިވެރިވާ 17 ޓީމުގެ ސްޕޮންސަރެއްގެ ގޮތުން ރެޑްވޭވް އިން ކޮންމެ ޓީމަކަށް ދިހަހާސްރުފިޔާ ދޭން ވަނީ ނިންމަވާފަ އެވެ.













