Search Streamline Icon: https://streamlinehq.com

ސާފް ޗެމްޕިއަންޝިޕް 2023: ނޭޕާލުން މުބާރާތް ނިންމާލީ މޮޅަކުން

Pakistan vs Nepal

ސާފް ޗެމްޕިއަންޝިޕް ގުރޫޕް އޭގައި މިއަދު ހަވީރު ކުޅުނު މެޗު ނޭޕާލުން ކާމިޔާބު ކޮށްފިއެވެ.

މި މެޗު އެޓީމުން ކާމިޔާބުކުރީ ޕާކިސްތާނާއި ވާދަކޮށް 0-1 ގެ ނަތީޖާއިންނެވެ. މި ދެޓީމު މިއަދުގެ މެޗަށް ނުކުތްއިރު ވެސް ވަނީ މުބާރާތުން ކަޓާފައެވެ.

ރާއްޖޭގައި 2021 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕް މުބާރާތުގައި އެއްކޮޅުން ފައިނަލުގައި ކުޅުނު ނޭޕާލް މި ފަހަރުގެ މުބާރާތް އެންމެ މޮޅަކާއެކު ނިންމާލިއިރު، އެޓީމު އޮތީ ތިން ޕޮއިންޓާއި އެކު ގްރޫޕް އޭގެ ތިން ވަނައިގައެވެ. ޕާކިސްތާނުން މިފަހަރުގެ މުބާރާތް ނިންމާލީ ގުރޫޕް ސްޓޭޖުގައި ކުޅުނު އެއްވެސް މެޗަކުން މޮޅުނުވެ، ގްރޫޕުގެ ފުލުގައި އޮވެގެންނެވެ.

މިއަދުގެ މެޗުގެ ފުރަތަމަ ކޮޅުގައި ދެ ޓީމުގެ ފަރާތުން އަވަސް ކުޅުމެއް ފެނިގެންދިޔަނަމަވެސް ފުރަތަމަ ހާފުގައި ނުރައްކާތެރި ހަމަލާތަކެއް އެއްވެސް ޓީކަމަށް އުފެއްދިފައެއް ނުވެއެވެ.

މި ހާފުގައި ލަނޑެއް ޖަހަން އެންމެ ރަނގަޅު އަދި ހުސް ފުރުސަތެއް ލިބުނީ ނޭޕާލްގެ ބިމަލް އަށެވެ. މެޗުގެ 41 ވަނަ މިނިޓްގައި ނޭޕާލްގެ ވިންގް، މަނީޝް ދަންގީ ނެގި ހުރަހެއް ކޮންޓްރޯލް ކުރުމަށް ފަހު، ބިމަލް ތިރިތިރިން ޖެހި ޝޮޓް ޕާކިސްތާންގެ ކީޕަރު ޔޫސުފް އިޖާޒް ބަޓް ވަނީ މަތަކޮށްފައެވެ.

ދެ ވަނަ ހާފު ފެށިގެން ގިނަ އިރުތަކެއް ނުވެ ލަނޑު ޖަހަން ރަނގަޅު ފުރުސަތެއް ނޭޕާލަށް ލިބުނުއިރު، ފަހު ހާފުގައި ބަދަލަކަށް ކުޅެން އެރުވި ނަވަޔޫގް ޝްރެސްތާ އަށް އޭރިއާތެރެއިން ހުސްކޮށް ލިބުނު ފުރުސަތުގައި ބޮލުން ޖެހި ބޯޅަ ދިޔައި ހުރަސްދަނޑިމަތިން ބޭރަށެވެ.

މީގެ އިތުރުން 61 ވަނަ މިނިޓްގައި ނޭޕާލްގެ މަނީޝް އޭރިއާތެރެއަށް މުޅިން ހުސްކޮށް ބޯޅަ ހިފައިގެން ވަދެ، ފޮނުވާލި ބޯޅަ ކީޕަރު ޔޫސުފް ބަޓް ވަނީ މަތަކޮށްފައެވެ. އަދި އޭގެ ކުޑައިރުކޮޅެއް ފަހުން ލިބުނު ހިލޭ ޖެހުމެއްގައި ނޭޕާލުގެ ދެވެންދުރާ ތަމަންގް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ.

މިއަދުގެ މެޗުގައި ފެނުނު ހަމައެކަނި ލަނޑު 80 ވަނަ މިނެޓުގައި ޖަހައި ނޭޕާލަށް ލީޑު ނަގައިދިނީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި އެރި އާޝިޝް ޗޯދުރީ އެވެ.

މި ގްރޫޕުން ސެމީގެ ފުރުސަތު ހޯދީ ފުރަތަމަ ކުޅުނު ދެ މެޗުން މޮޅުވި، އިންޑިއާ އާއި ކުވެއިތު އެވެ. އެ ދެ ޓީމު މިރޭ ކުޅޭ މެޗު ވެގެންދާނީ ގްރޫޕްގެ އެއް ވަނަ އާއި ދެ ވަނައިގެ ގޮތުގައި ސެމީ އަށް ދާ ޓީމު ކަނޑައަޅާ މެޗަށެވެ.

މި މެޗުގެ ކުޅުން ފަށާނީ މިރޭ 7 ޖަހާއިރުގައެވެ. މިއީ ގުރޫޕް އޭ ގެ ގުރޫޕް ސްޓޭޖުގެ އެންމެ ފަހު މެޗެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި