އަރަބި ލީގުތަކަށް ނިސްބަތްވާ ކުލަބުތަކުގެ މެދުގައި މިހާރު ކުޅެމުން އަންނަ އަރަބި ކުލަބް ޗެމްޕިއަންސް ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުން ސައުދީ އަރަބިއާގެ އަލް ނަޞްރު ޖާގަ ހޯދައިފިއެވެ.
އަލް ނަޞްރުން ސެމީގެ ޖާގަ ހޯދީ ކުއާޓާ ފައިނަލުގައި މިރޭ މިސްރުގެ ރާޖާ ކަސަބްލެންކާ އެފްސީ އާއި ވާދަކޮށް 1-3 އިން މެޗު ކާމިޔާބު ކޮށްގެންނެވެ.
ސައުދީ އަރަބިއާގެ އަބްހާ ސްޓޭޑިއަމުގައި ކުޅުނު މި މެޗު ފެށިގެންވެސް ރަނގަޅަށް ކުޅުނީ އަލް ނަޞްރުންނެވެ. މިފަހަރުގެ ޓްރާންސްފާގައި އެ ކުލަބަށް ގެނައި ސަދިއޯ މާނޭ، ބްރޮންޒޮވިޗް، ފޮފާނާ ފަދަ ކުޅުންތެރިން ފުރަތަމަ 11 ގައި ހިމެނިގެން ކުޅުނުއިރު، މިރޭގެ މެޗުގައި އަލް ނަޞްެރުން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ.
އަލް ނަޞްރުން މި މެޗުގައި ލަނޑުޖަހާ ލީޑު ނެގީ މެޗުގެ 19 ވަނަ މިނެޓުގައި ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްދިން ލަނޑުންނެވެ. ރޮނާލްޑޯ މި ލަނޑު ކާމިޔާބު ކުރީ ރާޖާގެ ޕެނަލްޓީ އޭރިއާގެ ތެރެއިން ޓަލިސްކާ ދިން ބޯޅައެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
މި ލަނޑަށް ފަހުވެސް ރަނގަޅަށް ކުޅެމުން ދިޔަ ނަޞްރުން އެޓީމުގެ ދެވަނަ ލަނޑު ޖަހާ ލީޑު ފުޅާކުރީ މެޗުގެ 29 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ ސުލްތާން އަލް ގަންނާމްއެވެ.
މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުމުގެ ކުރިން އަލް ނަޞްރުން ތިންވަނަ ލަނޑެއް ވެސް ޖެހިއިރު، އެޓީމުގެ ތިންވަނަ ލަނޑު ޖަހައިދިނީ ފޮފާނާއެވެ. އޭނާ މި ލަނޑު ޖެހީ ގޯލުގެ އަރިމަތިން އަލެކްސް ޓެލޭސް ހުރަސްކޮށްދިން ބޯޅަ ބޮލުން ޖަހާ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
ރާޖާ އެފްސީގެ ހަމަ އެކަނި ލަނޑު ފަހު ހާފުގެ 41 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަބުދުﷲ މާޑޫއެވެ.
މި މޮޅާއި އެކު މުބާރާތުގެ ސެމީއަށް އަލް ނަޞްރުން ދަތުރުކުރިއިރު، ސެމީގެ ފުރަތަމަ ޖާގަ ހޯދީ އަލް ހިލާލްއިންނެވެ. އެޓީމުން ސެމީގެ ޖާގަ ހޯދީ ރޭ އަލް އިއްތިހާދު 0-1 އިން ބަލިކޮށްގެންނެވެ.
މުބާރާތުގެ ސެމީގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ ނުވަނަ ދުވަހުގައެވެ.













