ތުނޑީ ޒުވާނުން އިސްނަގައިގެން ލ ގަމު ތުނޑީ އަވަށުގައި މިހާރު ކުރިއަށް ގެންދާ “ ތުނޑީ ފުޓްސަލް ޗެލެންޖް 2023″ ގައި ރޭ ކުޅެން ތާވަލް ކޮށްފައިވާ މެޗަށް ހާޟިރު ނުވުމުން ޒަމާނީ ކުލަބު 2000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.
ޒަމާނީ ކުލަބުން ރޭގެ މެޗަށް ހާޟިރު ނުވުމާއި ގުޅިގެން މުބާރާތުގެ ޑިސިޕްލިނަރީ ކޮމިޓީން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ ތުނޑީ ފުޓްސަލް ޗެލެންޖް 2023 ގައި 21 ނޮވެމްބަރު 2023 ވަނަ ދުވަހުގެ ރޭ 22:30 ގައި އެފްސީ ކިންގް އަދި ޒަމާނީ ކުލަބް ބައްދަލުކުރަން ހަމަޖެހިފައިވާ މެޗަށް ކުޅުންތެރިން ހަމަނުވުމުގެ ސަބަބުން ކަމަށް ބުނެ ޒަމާނީ ކުލަބުން ދަނޑަށް ހާޟިރުވެފައި ނުވާތީ މުބާރާތުގެ ގަވައިދުގެ 18 ވަނަ މާއްދާގައި ވާ ގޮތުގެ މަތިން ޒަމާނީ ކުލްބު 2000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށެވެ.
އަދި ޖޫރިމަނާ ފައިސާއަށް ވާ 2000 ރުފިޔާ މިރޭ އައިޑްލްސް އާއި ދެކޮޅަށް ކުޅެން އޮތް މެޗުގެ ކުރިން ދެއްކުމަށް ވެސް މި ބަޔާނުގައި ބުނެފައިވެއެވެ. އަދި މީގެ އިތުރުން މި ބަޔާނުގައި ބުނެފައިވަނީ ރޭގެ މެޗަށް ކުޅުންތެރިން ހަމަނުވުމުގެ ސަބަބުން ޒަމާނީ ކުލަބު އެފްސީ ކިންގް އާއި ދެކޮޅަށް ކުޅެން އޮތް މެޗަށް ހާޟިރު ނުވުމުން ފައިދާ ދެ ގޯލާއި ތިން ޕޮއިންޓް އެފްސީ ކިންގް އަށް ލިބިފައިވާ ކަމަށެވެ.













