ތުނޑީ ފުޓްސަލް ޗެލެންޖް 2023″ ގައި ރޭ ކުޅުނު މެޗުތަކުން ޖީޖީއެސްސީ އާއި ޑިޓްރޮއިޓްސް އަދި ބެސްޓު މޮޅުވެއްޖެއެވެ.
ގުރޫޕް މަރުހަލާގެ ތިން މެޗެއް ރޭގައި ކުޅުނުއިރު، ފުރަތަމަ މެޗުގައި ބައްދަލުކުރީ ޖީޖީއެސްސީ އާއި އޯޓީއެލް އެވެ. މި މެޗު 6-0 ގެ ނަތީޖާއިން މޮޅުވެފައިވަނީ ޖީޖީއެސްސީއެވެ. މި މެޗާއި އެކު މި ދެޓީމުން ގުރޫޕް ސްޓޭޖުގައި ކުޅެން ޖެހޭ މެޗުތައް ނިމިފައިވާއިރު، ކުޅުނު ތިން މެޗުންވެސް މޮޅުވެ ޖީޖީއެސްސީ މުބާރާތުގެ ކުއާޓާއަށް ދަތުރުކޮށްފައިވަނީ ގުރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އެއީ ކުޅުނު ތިންމެޗުންވެސް މޮޅުވެ ޖުމުލަ ނުވަ ޕޮއިންޓު ހޯދައިގެންނެވެ. އޯޓީއެލް އިން މުބާރާތް ނިންމާލީ ކުޅުނު އެއްވެސް މެޗަކުން މޮޅުނުވެވި އެންމެ ފުލުގައި އޮވެގެންނެވެ. ރޭގެ މި މެޗުގައި ޖީޖީއެސްސީއަށް ލަނޑުތައް ޖަހައިދިނީ މުޙައްމަދު ޝިޔާމް އަހުމަދު އަޔާޒް، އަހުމަދު ސޮބާހު އަދި އަލީ އަހުސަންއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މެޗުގައި ތިން ލަނޑު ޖެހި އަހުމަދު އަޔާޒްއެވެ.
ރޭގެ ދެވަނަ މެޗުގައި ބައްދަލުކުރީ ޑިޓްރޮއިޓްސް އާއި ކުއެންޗްއެވެ. މިއީ ގުރޫޕް ސީގެ މެޗެކެވެ. މި މެޗު 11-2 ގެ ނަތީޖާއިން މޮޅުވެފައިވަނީ ޑިޓްރޮއިޓްސްއެވެ. މި މެޗާއި އެކު މި ދެޓީމުންވެސް ގުރޫޕުގައި ކުޅެންޖެހޭ ހުރިހާ މެޗެއް ނިމުނީއެވެ. މިއާއި އެކު ޑިޓްރޮއިޓްސް ވަނީ އެޓީމު ކުޅުނު ތިން މެޗުންވެސް މޮޅުވެ ނުވަ ޕޮއިންޓާއިު އެކު ގުރޫޕު އެއްވަނަ ޓީމުގެ ގޮތުގައި ކުއާޓާއަށް ދަތުރުކޮށްފައެވެ. އަދި ކުއެންޗް މުބާރާތް ނިންމާލީ ކުޅުނު އެއްވެސް މެޗަކުން މޮޅުނުވެ އެންމެ ފުލުގައި އޮވެގެންނެވެ. ރޭގެ މެޗުގައި ޑިޓްރޮއިޓްސް އަށް ލަނޑުތައް ޖަހައިދިނީ މުޙައްމަދު އައިހަމް، އަހުމަދު އިސްމާއީލް، އިބުރާހީމް ސާމިހް، ހުސެއިން މައާދު އަދި މުޙައްމަދު ނާއިލްއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މެޗުގައި ހަތަރު ލަނޑު ޖަހައިދިން މުޙައްމަދު އައިހަމްއެވެ. ކުއެންޗްުގެ ލަނޑުތައް ޖަހައިދިނީ އައްބާސް އިބުރާހިްމ އާއި ހުސެއިން ލަތީފުއެވެ.
ރޭގެ ފަހު މެޗުގައި ބައްދަލުކުރީ އެލްވައިޑީ އާއި ބެސްޓެވެ. މިއީ ގުރޫޕް ޑީގެ މެޗެކެވެ. މި މެޗު 7-4 ގެ ނަތީޖާއިން ކާމިޔާބު ކުރީ ބެސްޓެވެ. މި މެޗާއި އެކު ގުރޫޕް ޑީގެ މެޗުތައް ކުޅެ ނިމުނީއެވެ. ތިން ޓީމު ހިމެނޭ މި ގުރޫޕުގެ ކުޅުން ނިމުނުއިރު، ކުޅުނު ދެމެޗުންވެސް މޮޅުވެ 6 ޕޮއިންޓާއި އެކު ގުރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ކުއާޓާއަށް ދަތުރުކުރީ ބެސްޓެވެ. އަދި ދެވަނަ ޓީމުގެ ގޮތުގައި ކުއާޓާއަށް ދަތުރުކުރީ އެލްވައިޑީ އެވެ. ކުޅުނު ދެމެޗުންވެސް ބަލިވެ، ޕޮއިންޓެއް ނުލިބި މުބާރާތުން ވަކިވާން ޖެހުނު ޓީމަކީ ވައިއާރުސީ އެވެ. ރޭގެ މެޗުގައި ބެސްޓަށް ލަނޑުތައް ޖަހައިދިނީ އަހުމަދު ހަލީމް، ހުސެއިން އަޒުމީ އަދި އަހުމަދު ރަޝީދު އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މި މެޗުގައި ތިން ލަނޑުޖެހި އަހުމަދު ހަލީމް އެވެ. މި މެޗުގައި އެލްވައިޑީގެ އަލީ ފަރުހާން ވަނީ ތިން ލަނޑުޖަހައިފަ އެވެ.
މިރޭ ކުޅޭނީ މުބާރާތުގެ ގުރޫޕް މަރުހަލާގެ ފަހު މެޗުތަކެވެ. އެގޮތުން މިރޭ 8:30 ގައި ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ގުރޫޕް އޭގައި ހިމެނޭ އެފްސީ ކިންގް އަދި ފެނަކަ މާބައިދޫ އެވެ. މި މެޗަށް ނުކުންނައިރު މި ދެޓީމަށް ވެސް މިހާރުވަނީ ކުއާޓާގެ ޖާގަ ކަށަވަރުވެފަ އެވެ. އެހެން ކަމުން މި މެޗުން މޮޅުވާ ޓީމަކަށް ގުރޫޕުގެ އެއްވަނަ ލިބޭނެ އެވެ.
މިރޭ 9:30 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ގުރޫޕް އޭގައި ހިމެނޭ ފޮއެމަތި އަދި ފޮއެމަތި ޖޭއާރް އެވެ. މިތަނުން މޮޅުވާ ޓީމަކަށް ކުއާޓާގެ ޖާގައެއް ކަށަވަރުވެގެންދާނެ އެވެ. މިރޭ 10:30 ގައި ކުޅޭ ފަހު މެޗުގައި ބައްދަލުކުރާނީ ގުރޫޕް ސީގައި ހިމެނޭ އެލްވައިއެމް އަދި ސްޕާކް ޕްލަގް އެވެ. މި މެޗުން މޮޅުވާ ޓީމަކަށް ދެވަނަ ކުއާޓާގެ ޖާގައެއް ކަށަވަރުކުރެވޭނެ އެވެ.













