Search Streamline Icon: https://streamlinehq.com

އަޒީޒާގެ ބޭސްފަރުއަށް އެހީތެރިކަމެއް ފޯރުކޮށްލަ ދެއްވާ!

Azzaa
Advertisement

އަޒީޒާ އަފީފް (އައްޒަ) އަކީ އުމުރުން 12 އަހަރުގައި އޭނާއަށް ޖެހުނު ގަދަ ހުމެއްގެ ސަބަބުން، ފައިގެ ނާރުތައް ކުރުވެ، ހިނގާބިނގާ އުޅުމަށް އުދަނގޫވެ ޚާއްޞަ އެހީއަށް ބޭނުންވެފައިވާ ފަރާތެކެވެ. މިކަމާއި ގުޅިގެން އޭނާގެ ހަޔާތުގެ އެންމެ ފޮނި ދުވަސްތައް ހޭދަކޮށްފައިވަނީ ވީލްޗެއާއެއްގެ އެހީތެރިކަމުގައެވެ.

އަޒީޒާއަށް ދިމާވެފައިވާ ނުހިނގޭ ބައްޔަކީ ސެޕޭސްޓިކް ޕެރެޕްލީޖިއާ އެވެ. 2001 ވަނަ އަހަރު އޭނާގެ ދެފައިގެ އޮޕަރޭޝަން ކުރުމަށްފަހު، ރަނގަޅު ވުމަށް ތިން މަސް ދުވަހު ފިޒިއޮތެރަޕީ ހަދަން ޑޮކްޓަރުން ލަފާދިނެވެ. ނަމަވެސް އެ އާއިލާގައި އެފަދަކަމަކަށް ޚަރަދު ކުރެޥޭނެފަދަ މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން މި ފަރުވާ ފުރިހަމަކުރުމަށް އެ އާޢީލާ ވަނީ ނުކުޅެދިފައެވެ. އަޒީޒާގެ އާއިލާގައި އޭނާގެ އިތުރުންވެސް ޚާއްޞަ އެހީއަށް ބޭނުންވާ އިތުރު ކުދިން ތިބުމުން، އޭނާއަށް ބޭސްފަރުވާ ކުރިޔަށް ގެންދިޔުމުގެ މާލީ ޤާބިލްކަން އެ އާއިލާއަށް ވަނީ ހަމަނުޖެހިފައެވެ.

6143063201050987506

އަޒީޒާގެ ފައިގެ ހާލަތު ދަނީ އިތުރަށް ދުވަހުން ދުވަހަކަށް ގޯސްވަމުންނެވެ. އަސާ ގަނޑެއްގެ އެހީގައިވެސް ހިނގާބިނގާވެ އުޅެން އުދަނގޫވާ ހިސާބަށް އޭނާގެ ހާލަތު މިއަދުވަނީ ގޯސްވެފައެވެ. ކޮންމެ އިްނސާނަކުވެސް ބޭނުންވާ ފަދައިން އަޒީޒާވެސް ބޭނުންވަނީ އަމިއްލަ ފައިމައްޗަށް ތެދުވެ، މުޖްތަމައަށް ފައިދާހުރި ޚިދުމަތްތަކެއް ކޮށްދެވޭފަދަ ފަރުދަކަށް ވުމަށެވެ.

ދާދި ފަހުން ރާއްޖެއިން ބޭރުގެ ޑޮކްޓަރަކާ ވާހަކަ ދެއްކުމުން، އަޒީޒާގެ ފަޔަށް ފަރުވާކޮށް ރަނގަޅު ކުރެވޭނެ ކަމުގެ އުއްމީދު ލިބުނެވެ. މި ފަރުވާ ހޯދުމަށް އިންޑިއާގައި މަހަކަށްވުރެ ގިނަ ދުވަހު މަޑުކުރަން ޖެހެއެވެ. ނަމަވެސް އެ އާއިލާއަށް މިފަދަ ޚަރަދެއްކުރާނެ ތަނަވަސްކަމެއް އަދި ލިބިފައެއް ނެތެވެ. މާލީ ގޮތުން މިފަދަ ބޮޑު ޚަރަދެއް ކުރާނެ ފައިސާ އަދި ލިބިފައި ނެތުމުން މި ފަރުވާއަށް ދެވޭގޮތް އަދި މިހާތަނަށް ވަނީ ނުވެފައެވެ.

Advertisement

ތިޔަ ލޮބުވެތި އަޚުންނާއި އުޚްތުންގެ ފަރާތުން އަޒީޒާ އެދެނީ އޭނާގެ މި ބައްޔަށް ފަރުވާހޯދުމުގައި ދީލަތި އެހީއަކަށެވެ. އަދި އޭނާގެ މި ހުވަފެންތައް ޙަޤީގަތަކަށް ހެދުމަށްޓަކައި ދިވެހި ރައްޔިތުންގެ ދީލަތި އެހީތެރިކަމަށް އޭނާ ވަނީ ވވަރަށް ބޮޑަށް ބޭނުންވެއެވެ.

އަޒީޒާ އަފީފް އަށް އެހީތެރިވުމަށް:

ގުޅޭނެ ނަމްބަރު: 9415544 (އަޒީޒާ)

އެކައުންޓް ނަމްބަރު: ބީއެމްއެލް ދިވެހި  7710413307101

އެކައުންޓް ނަމްބަރު: ބީއެމްއެލް ޑޮލަރު  7730000602041 

މީސްތަކުންނަށް އެހީތެރިވުމަކީ އަދި މީސްތަކުންގެ ޙާޖަތްތައް ފުއްދައިދިނުމަކީ އިޙުސާންތެރިކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

(وَأَحْسِنُوا ، إِنَّ اللَّـهَ يُحِبُّ الْمُحْسِنِينَ) سورة البقرة: 195

މާނައީ: ”އަދި ތިޔަބައިމީޙުން އިޙުސާންތެރިވާށެވެ. ހަމަކަށަވަރުން ﷲ އިޙުސާންތެރިވާ މީސްތަކުންދެކެ ލޯބިވެވޮޑިގަންނަވައެވެ.“

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި