މާޅޮސްމަޑުލު އުތުރުބުރި ވާދޫ އަންހެނުންގެ ފުޓްސަލް ޓީމްގައި ހިމެނޭ ކައިވެނި ނުކުރާ ކުޅުންތެރިންނާއި ކައިވެނިކޮށްގެން އުޅޭ ކުޅުންތެރިން ހުކުރު ދުވަހުގެ ހަވީރު ކުޅުނު އެކުވެރިކަމުގެ މެޗުން ކައިވެނިކޮށްގެން އުޅޭ ކުޅުންތެރިން ކުރި ހޯދައިފިއެވެ.
ވާދޫ ސްޕޯޓްސް އެރީނާގެ ފުޓްސަލް ގްރައުންޑުގައި ކުޅުނު މި މެޗުގައި ކައިވެނި ނުކުރާ ކުޅުންތެރިންނަށް އެއްވެސް ގޯލެއް ނުޖެހުނެވެ. ނަމަވެސް މެޗުން މޮޅުވި ކައިވެނިކޮށްގެން އުޅޭ ކުޅުންތެރިން ވަނީ 4 ލަނޑު ޖަހާފައެވެ. އެ ޓީމުން ޖެހި 3 ލަނޑު ކާމިޔާބުކޮށް ދިނީ ޒީނަތު (ޒީ) އެވެ. އަދި ނަރީމާ (ނަރީ) ވަނީ އެއް ގޯލް ކާމިޔާބުކޮށްދީފައެވެ.
މި ޓީމްތައް ކުޅެފައި ވަނީ ”މަޅި އެމްވީ“ އިން ތައްޔާރުކުރި، ވާދޫ އަންހެނުންގެ ފުޓްސަލް ޓީމްގެ އާ ޖާރޒީބައި ގައެެވެ. މަޅި އެމްވީ އިން މި ޖާރޒީބައި، ވާދޫ އަންހެނުންގެ ފުޓްސަލް ޓީމަށް ހަދައިދީފައި ވަނީ ޙާއްޞަ ޑިސްކައުންޓެއް އަގުން ކަނޑައިގެންނެވެ.
އަންހެނުންގެ ތެރެއިން، ކައިވެނި ނުކުރާ ކުޅުންތެރިންނާއި ކައިވެނިކޮށްގެން އުޅޭ ކުޅުންތެރިން މެޗެއް ކުޅެ، ކައިވެނިކޮށްގެން އުޅޭ ކުޅުންތެރިން މޮޅުވި އިރު، މީގެ ކުރިން ފިތުރު އީދު ދުވަހުގެ ހަވީރު ކުޅެވުނު އެކުވެރިކަމުގެ ފުޓްސަލް މެޗެއްގައި ކައިވެނިކޮށްގެން އުޅޭ ފިރިހެނުންގެ މައްޗަށް ”ސިންގަލް“ ކުދިން ވަނީ ކުރި ހޯދާފައެވެ.
ޢީދު ދުވަހުގެ ހަވީރު ވާދޫ ލައިވް އިން ވަގުތުން ގެނެސްދިން މި މެޗުގައި ކައިވެނިކޮށްގެން އުޅޭ މީހުންގެ ޓީމަށް ޖެހުނީ 7 ލަނޑެވެ. އަދި މެޗުން މޮޅުވި ކައިވެނި ނުކޮށް (ސިންގަލްކޮށް) ތިބި ކުދިންގެ ޓީމުން ވަނީ 11 ލަނޑު ޖަހާފައެވެ.
ވާދޫގައި ޒަމާނީ ފުޓްސަލް ދަނޑެއް ތަރައްގީ ކޮށްފައި ވަނީ ވާދޫ ކައުންސިލުން ރައީސް ޔާމިންގެ ވެރިކަމުގައެވެ. މި ދަނޑު ތަރައްގި ކުރުމާއެކު ވާދޫގައި މި ކުޅިވަރު އަންނަނީ ދިރެމުންނެވެ.
ފިރިހެން ޓީމުތަކަކާއެކު ވާދޫގައި އަންހެނުންގެ ފުޓްސަލް ޓީމެއް ވެސް މިހާރު ވަނީ އުފެދިފައެވެ.
ސޯސް:ވާދޫލައިވް













