މިއަހަރުގެ ސާފް ޗެމްޕިއަންޝިޕް މިރޭ ފެށުމަށް ހަމަޖެހިފައިވާއިރު މި މުބާރާތަކީ ސާފުގެ އެހެން ޤައުމުތަކާއި ޚިލާފަށް ދިވެހިންނަށް ވަރަށް ޚާއްސަ މުބާރާތެކެވެ. ސަބަބަކީ މި ފަހަރުގެ މުބާރާތް ބާއްވާ ޤައުމަކީ ރާއްޖެކަމަށް ވާތީއެވެ. އެހެންކަމުން މިއީ އަނެއްކާވެސް ދިވެހިންގެ ފަހަރުކަމުގައި ބުނަމުން އެންމެހާ ދިވެހިން ތިބީ މުބާރާތުގައި ޤައުމީޓީމް ކުޅޭ ފުރަތަމަ މެޗު ބަލާލުމަށް ކެތްމަދުވެފައެވެ.
މުބާރާތަށް ފޯރިއާއި ޖޯޝުގައި ތިބި ދިވެހިންގެ ލޭ އިތުރަށް ކައްކުވާލާފައި މިވަނީ ދިވެހި ޤައުމީ ޓީމްގެ އައު ޖޯޒީ ސެޓް ދައްކާލުމުންނެވެ.
ރޭ ޕީއެސްއެމްގެ ސްޓޫޑިއޯގައި ބޭއްވި ހަފުލާއެއްގައި ޖާޒީ ދައްކާލަދިނީ ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މަޖިލިސް މެމްބަރު އަދި ދިވެހި ފުޓުބޯޅައިގެ ލެޖެންޑެއް ކަމަށްވާ އަލީ އާޒިމް އެވެ.
ޤައުމީ ޓީމްގެ އައު ފަރުމާ ޖާޒީ ދައްކާލުމާއި އެކު ސޯޝަލް މީޑިއާގައި ދިވެހި ސަޕޯޓަރުންގެ ފޯރިވަނީ އިތުރަށް ގަދަވެފައެވެ. މީގެކުރިން ޖާޒީގެ ހުރިހާ ފަރުމާއެއް ކޮށްފައިވަނީ ބޭރު ގައުމުތަކުން ނަމަވެސް މިފަހަރު ޖާޒީ ފަރުމާކޮށްފައިވަނީ ދިވެހި ރާއްޖޭގައެވެ. އެކަން ޖޯޒީ އަށް ބަލާލުމުންވެސް ފެނިގެން ދެއެވެ. މި ފަހަރު ދިވެހި ޤައުމީ ޓީމްގެ ޖާޒީ ފަރުމާކޮށްފައިވަނީ ދިވެހި ދިދައިގެ ކުލަތައް ހިމެނޭގޮތަށް ޤައުމިއްޔަތު ރަމްޒުކޮށްދޭގޮތަށެވެ. ފެއްސާއި ހުދާއި ރަތުން ޖާޒީ ފަރުމާ ކޮށްފައިވާއިރު، ޖާޒީގެ ކުރިމަތީގެ އެއް އަރިމަތީގައި ”މަގޭ މަހަލްދީބް“ ޖަހާފައިވެއެވެ.
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ އެފްއޭއެމްގެ މިފަހަރު ވިސްނުން ހުރީ ދިވެހި ވަންތަ ޖޯޒީއެއް ތައްޔާރު ކުރަންކަމަށާ، އެގޮތުން ދިވެހި ކުންފުންޏަކުން ޖާޒީ ތައްޔާރު ކުރީވެސް އެ ބޭނުމުގައިކަމަށެވެ. އަދި މުބާރާތުގެ އިންތިޒާމްތައްވެސް ކުރަމުން އަންނަނީ ވަރަށް ދިވެހި ވަންތަކޮން ކަމަށް ވެސް ވިދާލުވިއެވެ.
މި ޖާރޒީއާއެކު ގައުމީ ޓީމު ކުޅޭ ފުރަތަމަ މެޗަކީ މިރޭ ސާފް ޗެމްޕިއަންޝިޕުގައި ނޭޕާލާއި ދެކޮޅަށް ކުޅޭ މެޗެވެ.
ދިވެހި ޤައުމިއްޔަތު ދައްކުވައިދޭ ޖާޒީގައި، ދިވެހި ފަސްގަނޑުގައި ދިވެހި ޤައުމީ ޓީމް ކުޅޭ އިރު މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުން ވެސް ފެނިގެންދާނީ ދިވެހި ޤައުމީ ރޫހާއި އެކު ދިވެހިންގެ އެއްބައިވަންތަކަން ކަން ކަށަވަރެވެ.













