މިހާރު ރާއްޖޭގައި ކުރިޔަށްދާ ސަރަހައްދުގެ ފުޓްބޯޅަ މުބާރާތް ސާފް ޗެމްޕިއަންޝިޕް 2021 ގައި ލައްކާ އާއި އިންޑިއާ ބައްދަލުކުރި މެޗް އެއްވަރުވެއްޖެއެވެ.
މިއަދު ހަވީރު ޤައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗް އެއްވަރުވެފައިވަނީ 0-0 ން ނެވެ.
މެޗްގެ ފުރަތަމަ ހާފްގައި ދެޓީމުގެ ފަރާތުންވެސް ފެނިގެން ގޮސްފައިވަނީ ހަމަހަމަ ކުޅުމެކެވެ. ދެޓީމު ކުރެ އެއްޓީމަކަށްވެސް ކުރައްކާތެރި ހަމަލާއެއް އުފެއްދިފައި ނުވާއިރު އިންޑިއާއިން ލަންކާ ގެ ގޯލަށް ފޮނުވާލެވުނީ 2 ހަމަލާއެވެ. އަދި ލަންކާއަށް އިންޑިއާގެ ގޯލަށް ފޮނުވާ ލެވުނީ އެންމެ ހަމަލާއެކެވެ.
ދެވަނަ ހާފްގައި އިންޑިޔާގެ ކުޅުން އިތުރަށް ރަގަޅުކޮށް ގިނަ ހަމަލާތަކެއް ވަނީ އުފައްދާފައެވެ. އެގޮތުން ގޯލް ޖަހާނެ ފުރުސަތުތަކެއް ލިބިފައިވެއެވެ. އެގޮތުން ސުބާސިޝް ބޯސްއަށް ހުސް ފުރުސަތު ފާހަގަކޮސްލެވެއެވެ. އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެއެވެ.
ދެވަނަ ހާފްގައި ލަންކާގެ ފަރާތުން ފެނިގެން ދިޔައީ ޑިވެންސިވް ގޭމްއެކެވެ. އެެހެންނަމަވެސް މެޗްގެ ފަހުކޮޅުގައި އިންޑިއާއިން ލަންކާގެކޮޅަށް ނުރައްކާކުރުން އިތުރުވިއެވެ. އެގޮތުން 75 ވަނަ މިނެޓްގައި އިންޑިއާއިން ގޯލެއްވެސް ޖެހިއެވެ. ނަމަވެސް ގޯލް ޖެހުމުގެ ކުރިން އިންޑިއާގެ ކުޅުންތެރިއަކު ލަންކާގެ ކުޅުންތެރިއަކަށް ފައުލް ކޮށްފައިވާތީ ރެފްރީ ގޯލް ބަލައިގަނެފައެއްނުވެއެވެ.
މިއަދުގެ މެޗަށް ނިކުތްއިރު ލައްކާ އޮތީ ކުޅުނު ދެމެޗުން ބަލިވެފައެވެ. އެއީ ބަންގްލަދޭޝް އާއި ނޭޕާލް އަތުންނެވެ. އެހެންނަމަވެސް އިންޑިއާ ކުޅުނު މެޗް ވަނީ އެއްވަރުކޮށްފައެވެ. ހަމަ އެއާއި އެކު އިންޑިއާއަކީ ސަރަހައްދުގެ އެއްވަނަ ޓީމް ކަމަށް ވާތީ މިއަދުގެ މެޗުން އިންޑިއާ މޮޅު ވާނެކަމަށް ގިނަ ބަޔަކު ގަބޫލު ކުރިއެވެ.
މި މެޗު އެއްވަރުވުމުން ބާކީ އެއްމެޗު އޮއްވައި ލަންކާ ވަނީ މުބާރާތުން ކަޓާފައެވެ. ދެމެޗު ކުޅެ އެއްވެސް މެޗަކުން މޮޅު ނުވެފައިވާތީ އިންޑިއާއަށް ވަނީ މުބާރާތުގައި ކުރިއަށްދާން ހުރަސްތަކެއް ކުރިމަތިވެފައެވެ.
މުބާރާތުގެ ޕޮއިންޓް ޓޭބަލަށް ބަލާލާއިރު ކުޅުނު ދެމެޗުން މޮޅުވެ 6 ޕޮއިންޓާ އެކު މުބާރާތުގެ އެއްވައިގައި އޮތީ ނޭޕާލް އެވެ. ދެވަނައިގައި ބަންގްލަދޭޝް އޮތީ ކުޅުނު ދެމެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ، އެއްމެޗު އެއްވަރުވެ 4 ޕޮއިންޓާ އެކުގައެވެ. 4 ވަނައިގައި އޮތް އިންޑިއާއަށް 2 ޕޮއިންޓް ލިބިފައިވާއިރު 5 ވަނަގައި އޮތް ރާއްޖެއާއި 5 ވަނައިގައި އޮތް ސްރީލަންކާއަކަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.













