ތުރުކީގެ ސްޓޮޕެޖްގައި ފުޓްބޯޅަ މެޗެއް ކުޅެމުން ދަނިކޮށް ސަޕޯޓަރަކު ދަނޑަށް އަރައި ކޯނަރ ދިދައިން ގޯލްކީޕަރު އޮޒާން އެވްރިމް އޮޒެންކްއަށް ހަމަލާދީފިއެވެ.
މީޑީޔާ ރިޕޯޓްތައް ބުނާގޮތުގައި ތުރުކީގައި ގޯޒްޓެޕޭ އާއި އަލްޓޭ އޯވަރ ބައްދަލުކުރި ފުޓްބޯޅަ މެޗެއް ހޫނުވެ ސަޕޯޓަރަކު ވަނީ ދަނޑަށް އަރާފައެވެ. ދަނޑަށް އެރުމަށްފަހު ދުވެފައި ގޮސް އަލްޓޭގެ ގޯލްކީޕަރަށް ވަނީ ފަހަތުން ހަމަލާދީފައިވެއެވެ. އެހެންކަމުން އެވަގުތު ދަނޑުގައި ތިބި ކުޅުންތެރިންނާއި ސެކިއުރިޓީ ސްޓާފުން ވަނީ އޭނާ ހުއްޓުވާފައެވެ.
ކޯނާ ދިދަ ނައްޓައިގެން އެދިދައިން ޖެހުމުގެ ސަބަބުން ކީޕަރުގެ ބޯ ވަނީ ހަތަރު ސެންޓިމީޓަރަށް ޒަޚަމްވެފައެވެ. ހަމަލާ ދިނުމާ އެކު ދަނޑުގައި އެވަގުތު އޮތް އެންބިއުލާންސް އަށް އަރުވައިގެން ހޮސްޕިޓަލަށް ގެންދަން ޖެހުނެވެ.
ސަޕޯޓަރު ކީޕަރަށް ހަމަލާދިން ވީޑިޔޯ މިހާރު ދަނީ ސޯޝަލް މީޑިޔާގައި ދައުރުވަމުންނެވެ.
ޓީއެފްއެފް އިން ނެރުނު ބަޔާނެއްގައި ބުނީ އިޒްމީރުގައި ގޯޒްޓެޕޭ އާއި އަލްޓޭ ބައްދަލުކުރި މެޗުގެ ތެރެއިން ހިނގި ހަމަނުޖެހުމުގައި އަލްޓޭގެ ގޯލްކީޕަރު އޮޒޭނޭއަށް ދިން ނުރައްކާތެރި ހަމަލާ ކުށްވެރިކުރާ ކަމަށެވެ.













