ދިވެހި ރާއްޖެ އޮތީ ކޮން ފިކުރެއްގައިކަމާއި ދިވެހިން ތިބީ ކޮން ލީޑަރެއްގެ ފަހަތުގައިކަން ސަރުކާރުހިންގާ މައިޕާޓީ ’ޕީއެންސީ’ން މާލޭގައި މިރޭ ބާއްވާ ބޮޑު ޖަލްސާއިން ސާފުވާނެ ކަމަށް ޕީއެންސީގެ ޗެއާޕާސަން؛ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު އެ ވިދާޅުވި ގޮތަށް މާލޭގައި މިރޭ ބާއްވާ ބޮޑު އެއްވުމަށް ރާއްޖޭގެ ކަންކޮޅުތަކުން ގިނަބަޔަކު ވަނީ މާލެ އަރާފައެވެ. ކަނޑުމަގުންނާއި ވައިގެމަގުން ދަތުރުކޮށް މާލެ ފުރާލާފައިވާ މިދަނޑިވަޅުގައި މިރޭގެ ޖަލްސާއިން ފިކުރުގެ ތަފާތާއި، ޚިޔާލުގެ ތަފާތާއި، ލޯބިވާ ވެރިއެއްގެ ގާތުގައި ތިބި ފަހުލަވާނުންގެ އަދަދުވެސް ވަރަށް ސާފުކޮށް ފެނިގެންދާނެއެވެ.
ޕީއެންސީން މާލޭގައި ބާއްވާ ބައްދަލުވުމަށް މީހުންނަށް ދައުވަތު ދޭން ފެށުމުގެ ގޮތުން މިމަހުގެ 8 ވަނަ ދހުވަހު ހެނދުނު ބޭއްވި ރަސްމިއްޔާތަކަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ، މިރޭ މާލޭގައި ބާއްވާ ޖަލްސާއަށް ރައްޔިތުން އަންނާނީ ރައީސުލްޖުމްހޫރިއްޔާ މިހާތަނަށް ކޮށްދެއްވި މަސައްކަތްތަކަށް ޝުކުރުވެރިވާތީ ކަމުގައެވެ.
ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އެދުވަހު އެމަނިކުފާނު ވިދާޅުވެފައިވަނީ ރާއްޖެ އޮތީ ކޮން ފިކުރެއްގައި ކަމާއި ދިވެހިން ތިބީ ކޮން ލީޑަރެއްގެ ފަހަތުގައިކަންވެސް މިރޭގެ ޖަލްސާއިން ސާފުވެގެންދާނެ ކަމުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވާ ބޮޑު ޖަލްސާއަށް ދައުވަތު ދިނުމުގެ ހަރަކާތްތައް ފެށުމަށް އެ ޕާޓީގެ މައި ޖަގަހައިގައި މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރަސްމިއްޔާތަށްފަހު އަބްދުއްރަހީމް ވިދާޅުވެފައިވަނީ ޖަލްސާއަށް ސަޕޯޓަރުން އެ ބައްދަލުވުމަށް ދާނީ ރައީސް ކުރައްވާފައިވާ މަސައްކަތްތައް ބަލައިގަންނާތީ ކަމުގައެވެ.
”ދިވެހިރާއްޖޭގެ ތާރީހުގައި ޕްރައިވެޓް ސެކްޓާއާ އެންމެ ގިނަ މަޝްރޫއުތައް އެއް ދުވަހެއްގައި ހަވާލުކުރީ މި ވެރިކަމުގައި އިއްޔެ ނޫން އޭގެ ކުރީ ދުވަހު. އެހެންވީމާ ރައްޔިތުން އެ އަންނަނީ އެއްޗެއް ނޭނގި އޮޅުންފިޅުވާކަށް ނޫން. ރައްޔިތުން އެ އަންނަނީ އެ މީހުންނަށް މި ވާނުވާ އެނގޭތީ ކަން ހިނގާ މަގު އެނގޭތީ މި ވެރިކަން ދާ މިސްރާބު ރަނގަޅު ކަމަށް ޤަބޫލު ކުރެވޭތީ އާ އުންމީދަކާއި އާ ރޫހަކާއި އާ ދިރުމަކާ އެކީގައި އާ މުސްތަގުބަލަކަށް އުންމީދު ކޮށްގެން“ އެ ބަދައލުވުމުގައި އަބްދުއްރަހީމް ވިދާޅުވެފައިވެއެވެ.
އެމަނިކުފާނު ވިދާޅުވީ ރައްޔިތުން ބޭނުންވާ ތަރައްޤީ ހާސިލްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމުގައެވެ.
ސަރުކާރު ހިންގާ މައިޕާޓީ ޕީއެންސީން މާލޭގައި ބާއްވާ ބޮޑު ޖަލްސާއަށް ރަށްރަށުން ގިނަ ބަޔަކު މާލެ އައިސްފައިވާއިރު އެ ޖަލްސާގައި ބައިވެރިވުމަށް އިއްޔެއިން ފެށިގެން އެ ޕާޓީގެ ސަޕޯޓަރުން ވަނީ މާލެ އަންނަން ފަށާފައެވެ. އެގޮތުން މިއަދު ވެސް ގިނަ ބަޔަކު ވަނީ މާލެ އައިސް މުޅި މާލެ ފުރާލާފައެވެ.
އައްޑޫ ސިޓީން ޕީއެންސީގެ ސަޕޯޓަރުން ގެނައުމަށް މޯލްޑިވިއަންގެ އެންމެ ބޮޑު ބޯޓު އޭ330-200 ގެ ފްލައިޓެއް ވެސް ވަނީ ގަމަށް ދަތުރުކޮށްފައެވެ. އަދި ޑޮމެސްޓިކް އެއާޕޯޓުތަކުންނާއި ކަނޑުމަގުންވެސް ޕީއެންސީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ މާލެ އައިސް މުޅި މާލެ ތޮއްޖައްސާލާފައެވެ.
ޕީއެންސީން މިރޭ މާލޭގައިބާއްވާ ބައްދަލުވުން ވެގެންދާނީ މިހާތަނަށް ރާއްޖޭގައި ބާއްވާ އެންމެބޮޑު އަދި އެންމެގިނަބަޔަކު ބައިވެރިވާ ބައްދަލުވުމަށްށެވެ.











