ގއ. ކަނޑުހުޅުދޫ ހަނދުވަރުދޭގޭ މުހައްމަދު މަފާޒް މައުސޫމުގެ ލޮލުގެ އޮޕަރޭޝަނަށް އޭނާގެ މައިންބަފައިން ދަނީ ޖާނާއި މާލުން ގުރުބާން ވަމުންނެވެ. މަފާޒަށް ޖެހިފައިވަނީ ދުނިޔޭގައި މަދުން ނޫނީ ނުފެންނަ ބައްޔެއް ކަމަށްވާ ”ކެރަޓޯކޮންޖަންކްޓިވައިޓިސް“ އެވެ. ސިއްހި މާހިރުން ބުނާ ގޮތުން އެކަން ދިމާވަނީ ލޮލުގެ ސާފު ކުރިމަތީ ބައި (ކޯނިއާ) އާއި ލޮލުގެ ހުދު ބައި (ކޮންޖަންކްޓިވާ) ނިވާކުރާ ތުނި ފަށަލަ ”އިންފްލެމޭޓް“ވުމުންނެވެ.
އެތައް ފަހަރެއްގެ މަތިން ބޭސް ފަރުވާއަށް އިންޑިއާއަށް ގޮސް ކުރި އޮޕަރެޝަނެއްގެ ސަބަބުން ލޯ އިތުރަށް ގޯސްވެ ލޮލުގައި މިހާރު ވަނީ އިންފެކްޝަން ހެދިފައެވެ. މަފާޒުގެ ލޮލަށް މިހާރު ބޭސްކުރަމުންދަނީ ބެންކޮކުގެ ޑޮކްޓަރުންނެވެ. އެގޮތުން އަގު ބޮޑު އިންޖެކްޝަންގެ އެތައް ޑޯޒެއް ޖަހާފައިވާއިރު، މަފާޒަށްޓަކައި އޭނާގެ މައިންބަފައިން ދަނީ ޖާނާއި މާލުން ގުރުބާންވަމުންނެވެ.
މަފާޒްގެ އުމުރުން މިހާރު 15 އަހަރުވެފައިވާ އިރު، މާލޭގައި ހުރި ލޮލުގެ ބައްޔަށް ފަރުވާދޭ ކުލިނިކްތަކަށާއި ހޮސްޕިޓަލްތަކުން ޑޮކްޓަރަށް ދެއްކުމަށްފަހުގައި ވެސް އެއްވެސް ކަހަލަ ލުޔެއް މަފާޒްގެ ލޮލަށް ލިބިފައި ނުވާ ކަމަށް މަފާޒުގެ ބައްޕަ ބުނެފައިވެެއެވެ.

މަފާޒުގެ އުމުރުން ހަތަރު އަހަރާއި ހަ އަހަރާއި ދެމެދު ލޮލުގެ ފަސް ސާޖަރީއެއް ހެދިއިރު މަފާޒުގެ ލޮލަށް އެއްވެސް ވަރެއްގެ ލުޔެއް ލިބިފައި ނުވެއެވެ. އޭނަގެ ބޭސް ފަރުވާއަށް އިންޑިޔާއަށް 28 ފަހަރު ދެވިއްޖެ ކަމަށާއި 17 އޮޕަރޭޝަނެއް މިހާތަނަށް ކުރެވިފައިވާ ކަމަށް އާއިލާއިން ބުނެއެވެ. މި ފަހުން ބެންކޮކުން މަފާޒުގެ ލޮލަށް ބޭސްކުރަން ފެށި ފަހުން އޭނާގެ ލޮލުގެ ފެނުން އެނބުރި އަންނަން ފަށައިފިއެވެ. މަފާޒުގެ ބައްޕަ ”ވަގުތު“އަށް ކިޔައިދިން ގޮތުގައި މަފާޒުގެ އެއްލޮލުގެ ފެނުން މިހާރު 71 ޕަސެންޓު ލިބިފައިވާއިރު އަނެއް ލޮލުގެ 50 ޕަސެންޓު ރަނގަޅެވެ.
”ލޮލުގެ ފެނުން 71 ޕަސެންޓުގައި މިހާރު އިނީ، އެއްލޯ އިނީ 50 ގައި އަނެއް ލޯ އިނީ 71 ގައި. އިންޑިއާއިން ފަހުން ކުރި އޮޕަރޭޝަން، ޓީޝޫ ނަގާފައި ލެއްވީ އަނގައިން. އެ ޓީޝޫގެ ސަބަބުން އަސްލު އޮޕަރޭޝަން ނުކުރެވިގެން މިއުޅެނީ. ފަހުން މިދިޔަ ދެ ބުރުގައި ވެސް އޮޕަރޭޝަނަށް ދިޔައީ، އެކަމަކު އެ ޓީޝޫގަނޑު ކޮންޓްރޯލް ނުވެގެން އޮޕަރޭޝަން ނުކުރެވި މިދިޔައީ ދެ ފަހަރު ވެސް.“ މަފާޒު ބައްޕަ ބުންޏެވެ.
މިހާރު މަފާޒަކީ ގުރޭޑް 10 ގައި ކިޔަވަމުންދާ ދަރިވަރަކަށް ވެފައި މަފާޒުގެ އާއިލާއިން ދަނީ މަފާޒުގެ ލޮލުގެ ފެނުން ހިފެހެއްޓުމަށްޓަކައި ކުރެވުމަށް ހަމަޖެހިފައިވާ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ. ބެންކޮކްގެ ބުމްރަމް ގްރޭންޑް ހޮސްޕިޓަލަކީ ރާއްޖޭގެ ގިނަ މީހުން މިހާރަކަށް އައިސް ފަރުވާ ހޯދާ ތަނަކަށް ވެގެން ގޮސްފައިވާއިރު، ބޭސްކުރަންދާ ހޮސްޕިޓަލް އާސަންދައިން ކަވަރު ކުރާ ހޮސްޕިޓަލަކަށް ނުވުމާއެކު މިހާރު ކުރުމަށް ތައްޔާރުވަމުން އަންނަ އޮޕްރޭޝަނަށް ހަތަރު ލައްކަ އަށް ވުރެ ގިނަ ރުފިޔާ ބޭނުންވާ ކަމަށާއިއެހެން ކަމުން އިތުރަށް އަދި 129،000 ދިވެހި ރުފިޔާ ބޭނުންވާތީވެ، މި ފައިސާއަދިވެސް ހަމަނުވާތީ ރާއްޖެއިން ބޭރަށް ފުރޭ ގޮތެއް އަދިނުވެއެވެ. އަންނަ ޑިސެމްބަރު މަހު ފުރަން ހަމަޖެހިފައިވާތީ މަފާޒުގެ އާއިލާއިން އެދެނީ އަދިވެސް އާންމުންގެ ދީލަތި އެހީއަކަށެވެ.
ބީއެމްއެލް ރުފިޔާ އެކައުންޓް ނަންބަރު:7712216293101
އިތުރު މައުލޫމާތު ހޯދުމަަށް:7798697 މައުސޫމް ހަސަން (މަފާޒުގެ ބައްޕަ)
މީސްތަކުންނަށް އެހީވުމާއި ބެހޭގޮތުން ބައެއް އާޔަތްތަކާއި ޙަދީޘްތައް:
މީސްތަކުންނަށް އެހީތެރިވުމަކީ އަދި މީސްތަކުންގެ ޙާޖަތްތައް ފުއްދައިދިނުމަކީ އިޙުސާންތެރިކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ.
ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.
(وَأَحْسِنُوا ، إِنَّ اللَّـهَ يُحِبُّ الْمُحْسِنِينَ) سورة البقرة: 195
މާނައީ: ”އަދި ތިޔަބައިމީޙުން އިޙުސާންތެރިވާށެވެ. ހަމަކަށަވަރުން ﷲ އިޙުސާންތެރިވާ މީސްތަކުންދެކެ ލޯބިވެވޮޑިގަންނަވައެވެ.“














