ޑިމޮކްރަސީ: ދިވެހިންގެ އައު ދީންބާ…؟ ދެވަނަބައި
ނަމަވެސް މިދީނުގެ އަޙުލުވެރިން ބުނަނީ ދީނުގެ މަތިވެރި ޝިއާރުތައް އެބައިމީހުންގެ ކޮށި ސިކުނޑިން ތައްޔާރުކޮށްފައިވާ ކޮންމެވެސް ޤަވައިދެއްގެ ދަށުން ރަމްޒީކަމެއްގެގޮތުގައި ކޮށް ނިންމާލާ ދުނިޔަވީ ފައިދާއެއް ހާޞިލްކުރުމަށެވެ. އެބައިމީހުން ދީނުގެ މަތިވެރި ޝީއާރުތައް ވިޔަފާރު މުދަލެއްގެ ގޮތުގައި ދުނިޔެ ހޯދުމަށްޓަކައި ވިއްކާލަނީއެވެ.
ހިތާމައިގެ ކޮޅެއްނެތެވެ. އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ މަޝްވަރާގެ މަތިވެރި އުޞޫލްގެ ނިވަލުގައި ތިބެ ޑިމޮކްރަސީ ދީނުގެ ފާދިރީން ގެންދަނީ ހުޅަނގުން އެބައިމީހުންގެ ސިކުނޑިތަކަށް ދީފައިވާ ފިކުރީ ކެމިކަލް ހަތިޔާރުތަކުގެ ހަމަލާތަކުން ސިކުނޑިތަކަށް ލިބިފައިވާ އުނިކަމާއިއެކު އެބައިމީހުންގެ ސިކުނޑިތަކަށް ފެނުނުގޮތަކަށް ދުނިޔޭގެ ދިރިއުޅުމުގެ މަންހަޖު އެ ދީނުގެ އަހުލުވެރިންނަށް ބަޔާންކޮށްދީ އެގޮތުގައި އަމަލުކުރުމަށް މަޖުބޫރު ކުރުވަމުންނެވެ. އަދި އެއީވެސް ރައްޔިތުންގެ ސަރުކާރު ނުވަތަ ރައްޔިތުންގެ މަޖިލީހުގެ ހައިބަވަންތަ ނަމުގެ ފަހަތުގައި ތިބެގެންނެވެ.
އޭ ޑިމޮކްރަސީ ދީނުގެ އަޙުލުވެރިންނޭވެއެވެ. އަދި އެދީން ފެތުރުމަށް ހުޅަނގުގެ ތަމައްދުނުން ފެންވަރައިގެންތިބި ފާދިރީންނޭވެއެވެ. ހޭއަރާށެވެ. ނޫނީ ޝައްކެތްނެތި ތިބާ ހޭ އަރާނޭދުވަހުން ތިބާއައް މަންފާއެއް ނުކުރާނެއެވެ. ދުނިޔޭގެ ދިރިއުޅުމަކީ ތިމާއަށް އިޚްތިޔާރު ލިބިގެންވާ ހުވަފެނެކެވެ. އެ ހުވަފެންތަކުގައި ތިބާއަށް ބޭނުންކުލައެއް، ބޭނުން ޒީނަތްތެރިކަމެއް، ބޭނުން ލައްޒަތެއް ހާޞިލް ކުރެވިދާނެއެވެ.
ނަމަވެސް ހަޤީޤީ ދުނިޔެއަށް ހޭލެވޭ ދުވަހު ތިބާ ކުރި ޢަމަލަކަށް މެނުވީ ޖަޒާއެއް ނުދެވޭނެއެވެ. ތިބާއާއި ތިބާގެ ދަރިން ނަރަކައިން ސަލާމަތްކުރުމަށް ޑިމޮކްރަސީއަކުން ފައިދާއެއް ނުކުރާނެއެވެ. އެދުވަހުން ޑިމޮކްރަސީގެ ތިމަތިވެރި އުޞޫލުތައް ބޮލާލާޖަހަން ތިބާއަށް މަޖުބޫރުވާނެއެވެ. ފާފަވެރިއަޅުންނަށް އެދުވަހުން އަޤުލަބިއްޔަތު ލިބިފައިވީނަމަވެސް އެމީހުން ކިތަންމެ ބޭނުމަސް އެމީހުންނަށް ޞާލިޙް އަޅުވެރިންނަށް ކަނޑައަޅުއްވާފައިވާ ސުވަރުގެއަކަށް ނުވަދެވޭނެއެވެ.
ޑިމޮކްރަސީގެ ނަމުގައި އިސްލާމުންގެ މަތިވެރި މަންހަޖު، މަތިވެރި އަޤީދާ ނެތިކޮށްލާ މި ދުނިޔޭގައި މުސްލިމުންގެ ގަދަރު ކުޑަކޮށްލުމަށް ތިބަތިބާމެންގެ އަނގައިން ބޭރުވާ ކޮންމެ ލަފްޒެއް އެދުވަހުން ތިބާގެ އަނގަޔަށް އަނބުރާ ވަންނާނެއެވެ. މުސްލިމުންގެ ނަމުގައި ޝަހާދަތުގެ ދެކަލިމަ ކިޔާހާލު އެއާއިމެދު ތިމާގެ ހިތުގައި ގަދަރެއް ލޯތްބެއް ނުވާނަމަ، އަދި ތިބާގެ ޢަމަލުން އެކަން ފެނިގެން ނުދާނަމަ އެއީ ހަމަ ޔަޤީނުންވެސް ތިބާގެ އަންނަންއޮތް ދުނިޔޭގެ ދިރިއުޅުން ބަރުބާދުކޮށްލުމުގެ މަގުކަމުގައި ނޫނީ ނުވާނެއެވެ. އަދި ދަންނާށެވެ.
މި ދީބުގައި ހައްޤުގެ މަގުގައި އިސްލާމްދީނުގެ މަތިވެރި އުޞޫލުތަކުގައި ސާބިތުވެތިބި ދިވެހިދަރިން އެބަ ތިއްބެވެ. ތިބާގެ ކޮންމެ ފިޔަވަޅެއް އަދި ތިބާ އަނގައިން ބޭރުކުރާ ކޮންމެ ލަފްޒަކަށް އެމީހުން ތިބީ ފާރަވެރިވެގެންނެވެ. އެކަންކަމަށް ލޯމަރައިލައިގެން ނުތިބޭނަމެވެ. ހައްޤުގެ މަގުގައި ޖާނާއި މާލުން ޤުރުބާންވާ ތައްޔާރައްތިބި ދިވެހި ދަރިން މި ފަސްގަނޑުގައި މަދުނުވާނޭކަން ތިބާ ދަންނާށެވެ.
އޭ ދިވެހި ލޮބުވެތި ރައްޔިތުންނޭވެ. ލޮބުވެތި މުސްލިމް އަޚުންނާއި އުޚްތުންނޭވެ. ފާރަވެރި ވާށެވެ. ޔަހޫދިންނާއި ނަޞާރާއިން އެމީހުންގެ މި ފިކުރީ ހަނގުރާމައާއިގެން ނުކުމެ އެތަކެއް މުސްލިމް މުޖުތަމަޢުތަކެއް މީގެކުރިން ވަނީ ފަސާދަކޮށްފައެވެ. ތުރުކީވިލާތާއި، ތޫނިސްފަދަ އިސްލާމީ ބޮޑު ބޮޑެތި ތަހުޒީބުތައް އެބައިމީހުންވަނީ މި ހަނގުރާމައިގައި އަޅުވެތިކޮށްފައެވެ.
މިއަދު އަޅުގަނޑުމެން އިޒްރޭލާއި ހުޅަނގުގެ މި ހަނގުރާމައިގައި ޖެހިފައިވާއިރު އެ ކަންކަމުން އިބްރަތް ލިބިގަތުމަކީ ވަރަށް ބޭނުންތެރިކަމެކެވެ. އެ ހާދިސާތަކުގެ ޚަބަރުތައް ތިޔަ ލޮބުވެތި އަޚުންނާއި އުޚްތުންނާއި ކުރިޔަށްހުރި ލިޔުންތަކުގައި ހިއްސާކުރެވޭތޯ ﷲ ގެ ވާގިފުޅާއިއެކު މަސައްކަތްކުރާނަމެވެ. މިއަދު ދިވެހި ރާއްޖޭގެ ތަޢުލީމީ ނިޒާމު ފުނޑުފުނޑުކޮށް ހުޅަނގުގެ ފަލްސަފާ ތަޢުލީމީ މަންހަޖުގައި ހިމެނުމަށް ކުރެވެމުންދާ މަސައްކަތްތަކަކީ މިހަނގުރާމަ ވަރުގަދަ ވަމުންދާކަމުގެ ހެއްކެކެވެ.
އިސްލާމީ ތަރުބިއްޔަތާއި ދަރިވަރުން ދުރުކޮށްލުމަށް އެމީހުން ފަށާފައިވާ މަސައްކަތް މިއަދު މިވަނީ މެކުހަށް ޖަހާފައެވެ. ދުނިޔަވީ ތަޢުލީމަކީ އިސްލާމްދީން މަނާކުރާ އެއްޗެއްކަމުގައި އެބައިމީހުން ސިފަކުރާކަމީ ދީނުގެ އަލިފުބާވެސް މި ބައިވަރުތަކަށް ނޭންގޭކަމުގެ އަލިގަދަ ހެއްކެކެވެ. ނަމަވެސް އަޅުގަނޑުމެން ދުނިޔަވީ ތަޢުލީމް ޙާޞިލްކުރުމުގެ މަޤްޞަދާއި އެބައިމީހުންގެ މަޤްޞަދު ވަރަށް ތަފާތެވެ.
އަޅުގަނޑުމެންގެ މަޤްޞަދަކީ، އެގޮތުގައިވެސް ﷲ ގެ ރުހިވޮޑިގަތުން ހޯދާ ދުނިޔޭގައި އެކަލާނގެ ދީން ފެތުރުމެވެ. އަދި ކިއެއްހެއްޔެވެ. އެކަކު އަނެކަކަށް އިޚްތިރާމްކުރާ، އެކަކުގެ ފުށުން އަނެކާއަށް ރައްކާތެރިކަން ލިބިގެންވާ މުޖުތަމައެއް ބިނާކޮށް ދުނިޔެ އާއި އާޚިރަތުގެ މާތްކަން ލިބިގަތުމެވެ.
ލޮބުވެތި ދިވެހި އަޚުންނާއި އުޚްތުންނޭވެ. ތިޔައިން ކޮންމެ މީހަކީވެސް މަސްޢޫލުވެރިއެކެވެ. އެމީހުއްގެ ބެލުމުގެ ދަށުގައިވާ ބަޔަކަށާއި ތަކެެއްޗަށް މަސްޢޫލުވާންޖެހޭ މީހެކެވެ. ވީއިރު އަޅުގަނޑުމެންގެ ތުއްތު ދަރިންނާއި، މުޅި މުޖުތަމަޢު ސަލާމަތްކޮށް ޑިމޮކްރަސީ ދީނުގެ ނުބައި އޮއިވަރުން މި ޖީލު ސަލާމަތްކުރުމަކީ ތިޔައިން ކޮންމެ ފަރުދެއްގެ ޒިންމާއެކެވެ.
ތެދުވެރިކަމާއި އެކު ބަހާއި އަމަލުން ހައްޤުގެ މަގުގައި ޖިހާދުކުރުމަށް ލިބޭ މިފަދަ ފުރުޞަތުތަކަކީ ﷲ ގެ ހަޞްރަތުން ކުރިމަތިވާ އިމްތިޚާންތަކެކެވެ. އެކަމުގައި ކުރިހޯދަނީ ކޮންބައެއްތޯ ބެއްލެވުމަށްޓަކައެވެ.
ކޮންމެ ހެޔޮކަމެއްގެ އަޖުރު ﷲ ގެ ރަޙްމަތުން އެތައްގުނައަކަށް އިތުރުކުރައްވައެވެ. ފުރުޞަތުގެ ބޭނުން ހިފާށެވެ. ތިބާއާއި ތިބާގެ އަޙުލުވެރިން ނަރަކައިން ސަލާމަތްކުރާށެވެ. މުނާފިގުންގެ ސިފައިން ސިފަ ލިބިނުގަންނާށެވެ. މާތް ﷲ މި ދިވެހި ބިން އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގައި އަބަދުމެ އަބަދައް ލަހައްޓަވާށިއެވެ. އާމީން.
ނިމުނީ











