‘ކުއްވެރިޔަކީ ކާކު.؟’- ދެވަނަބައި ( މިއީ ޙަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވަރަށް އަސަރުގަދަ ލޯބީގެ ވާހަކައެއް. ވާހަކައިގެ ހުރި އަސަރާއި ވޭނާއި ތަދާއި ކެކުޅުން އެނގޭނީ ވާހަކަ ނިމެންދެން ކިޔާލީމަ. އިންޝާﷲ)
އެއީ އަހަރެން އެންމެ ލޯބިވީ މީހާއެވެ. އެހެނަސް އޭނާގެ ކެހިވެރި އަނިޔާގެ ސަބަބުން ދުނިޔެއިން އެކަނިވެ ބާކީވެ ބިކަވެއްޖެއެވެ.
ދާނީވެސް ކޮންތާކަށް ހެއްޔެވެ؟ ގިސްލަ ގޮސްލާފައި ރޮމުން ދެލޮލުން ކަރުނަ އޮހޮރަމުން އެނބުރި އަހަރެންގެ މައިން ބަފައިންގެ ގާތަށް އުޅެބޮޑުވި ގެއަށް ދިޔައީ ޒަޚަމްވެފައިވާ ހިތަކައިގެން ފުންހިތާމަޔާއި އެކުގަމެވެ. އަހަރެންގެ ހުރިހާ އުންމީދެއް ފުނޑުފުނޑު ވެގެން ދިޔައީ އެވެ.
ދެން ދުވަހަކުވެސް ފިރެހެނަކާއި ވައިވެސް ނޭޅޭނަމޭ އެވަގުތު އަހަރެންގެ ހިތައް އެރިއެވެ. ވަރި ކުރިޔަސް އެމީހަކަށް ޓަކައި އަހަރެންގެ ހިތާއި ނަފްސު ވަނީ ހަދިޔާކޮށްފައެވެ. އެ ހަނދާންތަކާއި ދުރަކަށް ނުދެވޭނެއެވެ. ދެންހަދާނީ ކިހިނެއްހެއްޔެވެ؟ ކަރުނައިގެ ކޯރެއްގައި އެތައް ދުވަހަކު ފެތީމެވެ. ވޭނީ ހިތާމަތަކާއި އެކު ކޮޓަރިތެރޭގައި އެތަށް ދުވަހެއް ހޭދަކުރީ ނުހަނު ހިތްދައިކަމާއި މޮޅިވެރިކަމާއި އެކަނިވެރިކަމާއި އެކުގައެވެ.
އާއަހަރެއްގެ ފުރަތަމަ ދުވަހެވެ. އަހަރެންގެ ގޭގައި ޕާޓީއެއް އޮތް ރެއެކެވެ. އަހަރެންގެ ގެއަކީ ގަސްގަހާ ގެހިން ފުރާލެވިފައިވާ ބޯ ޖަންގައްޔެއް ފަދަ ގޯއްޗެވެ. އަހަރެން ދިރިއުޅެނީ ގަސްތަކުތެރޭގައި ގޯތީގެ ބިއްދޮށުގައި އަޅާފައި ހުންނަ ވަރަށް ބޮޑު ގެއެއްގައެވެ.
ގޯތިތެރޭގައި ހުސްޖާގަ ބޮޑެވެ. ބިޔަ ގަސްތަކުން ފުރިފައިވާ އެ ގޯތިތެރޭގައި އުޅޭއިރު، ކޮންމެ އިންސާނަކަށް ވެސް އިހްސާސްކުރެވޭނީ ކުޑަ ވަރެއްގެ ފަޅުރަށެއްގެ ވަލުތެރޭގައި އުޅުވޭހެންނެވެ.
އަހަރެންގެ ކްލާސް ކުދިންކޮޅަކާއި އެކު އަހަރެމެން ތިބީ ގޭޓާއި ތަންކޮޅެއް ދުރުގައި، ގޯތީގެ ކަނަކަށް ވާގޮތަށް ބަހައްޓާފައި ހުރި މޭޒެއްގަ އެވެ. އަހަރެން ކުއްލިއަކަށް ގޭޓާއި ދިމާއަށް ބަލައިލީމެެ. އެވަގުތު ކުރިމަތިން ފިރިހެން ގުރޫޕެއް އަންނަތަން އަހަންނަށް ފެނުނެވެ. އެތަނުގައި ތިބީ ހިސާބަކަށް އަހަރެން ދަންނަ ދެތިން ކުއްޖަކާއި ބީރައްޓެހި ސޮރެކެވެ. އެމީހުން އައިސް އަހަރެމެންނާ އަރާ ހަމަވެފައި، އެތާހުރި ބީރައްޓެހި ސޮރު އަހަރެންގެ ނަމުން ގޮވައިލިއެވެ. އެއީ އަހަރެން ދަންނަ ކުއްޖަކަށް ނުވާތީ އަހަރެން އަޅައެއް ނުލަމެވެ.
އެރޭގެ ޕާޓީތެރޭގައި އެ ޒުވާނާ އަހަންނަށް ވަރަށް ޖެއްސުންކޮށް ސަމާސާކޮށް ސަކަރާތްޖަހާ ހެދިއެވެ.
އެމީހުންގެ ފަރާތުން ސަލާމަތް ވުމުގެ ބޭނުމުގައި އެތާ ކޮޅަށްޖަހާފައި ހުރި ފަންތަކެއްގެ ތެރޭގައި އަހަރެން ފިލާހުއްޓައި ފުރަގަހުން އަހަރެންގެ ގައިގާ އެއްފަހަރު އޭނާ ބައްދާލިއެވެ. އެވަގުތު އައި ރުޅީގައި އޭނާގެ ކަންކަށި މަތީގައި ވަރަށް ހޫނުއެތިފަހަރެއް އަހަންނަށް ޖެހުނެވެ.
”ހަނދާން ކުރާތި. ދެން ދުވަހަކުވެސް އަހަރެން ގައިގައި އަތްލައިގެން ނުވާނެ. ތިޔަކަހަލަ ވިޔާނުދާ މީޙުންނާ ވާހަކަ ދައްކާކަށް އަހަރެން ބޭނުމެއްނޫން.“ އެވަގުތު އޭނާއަށް ވަރަށް ހޫނު އިންޒާރެއް އަހަރެން ދިނީމެވެ. އެހިސާބުން އޭނާގެ އުނދަގުލުން ސަލާމަތް ވީކަމަށް ހީކޮށް ކްލާސް ކުދިންނާއި އެކު އަނެއްކާވެސް މަޖާކޮށް ސަކަރާތް ޖަހަން ފެށީމެވެ.
ހިތްހަމަޖެހޭ ވަރަށް މަޖާކޮށް ސަކަރާތް ޖަހާލުމަށް ފަހު ލިބުނު އުފަލައިގެން ގޭތެރެއަށް ވަދެލާފައި އަންނާނަމޭ ބުނެ، ގެއާ ދިމާއަށް ދުއްވައިގަތީ މެވެ. ކުޑަ ތަންކޮޅަކަށް ދެވުނުތަނާ، އެއްކަލަ ޒުވާނާ އަނެއްކާވެސް ފުރަގަހުން އައިސް އަހަރެންގެ އަތުގައި ހިފިއެވެ. އަދި އޭނާގެ ގާތަށް އަހަރެން ދަމައިގަތެވެ. އެވަގުތު އެ ޒުވާނާގެ ހޫނުކަން އިހްސާސް ކުރެވޭހާއި ގާތަށް އަހަންނަށް ދެވުނެވެ. އަމިއްލަ އިހްތިޔާރަކު ނޫނެވެ.
”ޝީން އާ ކައިވެނިކުރަން އަހަރެން ބޭނުން. އަހަންނާ ކައިވެނި ކުރަން ކެރޭނެތަ؟“ އެ ޒުވާނަ އަހަރެންނާ ކައިވެނިކުރަން ބޭނުންވާކަމަށް ބުނުމުން އަހަރެންގެ އަތްފައި ދިޔައީ ފިނިވެގެންނެވެ. ޖަވާބެއް ނުދިނުމުން އެއަށް ވުރެވެސް ބާރަށް އޭނާ އަހަރެން ބޮނޑިކޮށްލިއެވެ. އެކަމާ ވެސް އަހަރެން އަޅައެއް ނުލަމެވެ. އޭނާގެ ހަރަކާތްތަކަށް ބަލަން ހުރެފައި އަނެއްކާވެސް އޭނާގެ ކަންފަތް މަތީގައި ހޫނު އެތިފަހަރެއް ބަހަށްޓާލީމެވެ.
”ކަލޭ ތިޔައީ ވަރަށް ގޮތެއްފޮތެއް ނެތް މީހެއްދޯ؟ ކަލޭ ތިޔައީ ތިޔަހާ ކެތްތެރިކަން ނެތް އިންސާނެއް ކަމަކަށް އަހަރެން ހިޔެއް ނުކުރަން ކަލޭ ތިޔައީ ވަރަށް ނުބައި ނުލަފާ މީހެއް މިތަނުންދޭ. ދެން ދުވަހަކުވެސް އަހަންނާ ބައްދަލެއްނުވާނެ.“ އެ ޒުވާނާއަށް ދެވަނަ އިންޒާރު ދިނުމަށްފަހު ދެފަޔަށް ބާރުލާފައި ގެއާއި ދިމާއަށް ދުއްވައިގަތީމެވެ.
ގޭތެރެއަށް ވަދެ އަހަރެންގެ ދައްތަ އަށް އޭނާ ދެއްކީމެވެ. އެއީ ކާކުތޯ ދައްތަ އާ ސުވާލު ކުރީމެވެ. ދައްތަގެ ފަރާތުން އެއީ ކާކުކަން އެރޭ އަހަންނަށް އެނގުނެވެ. މާލެ އަތޮޅުގައި އަމިއްލަ ރެސޯޓެއް އޮންނަ މުސްހަނދި ޒުވާނެކެވެ. އޭނާ އަހަރެމެން ގެއަށް އައިސް އެއުޅެނީ ބައްޕަ ދެއްވި ދައުވަތަކަށް ކަންވެސް ދައްތަގެ ފަރާތުން އެވަގުތު އަހަންނަށް ޔަޤީންވި އެވެ.
އޭނާގެ ނަމަކީ ޝަފީގު ކަންވެސް އަހަންނަށް އެނގުނީ ދައްތަގެ ފަރާތުންނެވެ. ދައްތަ ބުނި ގޮތުގައި އަހަރެންގެ ކައިވެނި ޝަފީގުއާ ކުރުވަން ބައްޕަމެން އޮތީ ހުރިހާކަމެއް ނިންމާފަ އެވެ. އަދި އޭނާ އަހަރެންދެކެ މާބޮޑަށް ލޯބިވާ ކަމަށްވެސް ދައްތަ އަހަރެން ގާތުގައި ތަކުރާރުކޮށް ބުނަމުން ދިޔައެވެ.
މިއީ ކިހާ ހެއްވާ ކަމެއް ހެއްޔެވެ؟ ތަނަކުން ހަމަ މީހަކު ފެންނަ އިރަށް އެމީހަކުދެކެ ލޯބި ވެވޭނެ ހެއްޔެވެ؟ ލޯތްބަކީ އަހަރެން ޤަބޫލުކުރާ އެއްޗެއް ނޫނެވެ. މީހަކު އެންމެ ފުރަތަމަ ފެންނަވަގުތު ލޯތްބެއް ނުވާނެއެވެ. ނުވެސް ވެވޭނެއެވެ. ކަމުހިނގައިދާނެއެވެ. ބޭނުން ވެދާނެއެވެ.
ހިތްހަމަޖެހޭފަދަ ސިފަތަކެއް ވެސް ހުރެދާނެއެވެ. މިއީ މުޅިން ތަފާތު ކަމެއް ދޯއެވެ؟ މިކަންކަން ބައްޕަމެންނަށް ހަމަ އެނގިނުލައްވަނީ ބާއެވެ؟ އަހަރެންނަށް ލިބިފައިވާ އަނިޔާތައް އަދިވެސް ކުޑައީ ކަމަށް ބައްޕަ ދެކެލައްވަނީ ބާއެވެ؟ ނޫނީ އިންނާނެ މީހަކު ނުވެފައި ހުރިކަމަށްވެސް ބައްޕައަށް ހީވެލައްވާފައި އޮވެދާނެ އެވެ. އެހެނަސް އެއީ އެއްވެސް ޙަޤީގަތެއް ނޫނެވެ. މީހަކާ އިންނާކަށް އަހަރެން ބޭނުމެއް ނޫނެވެ. ހިތުން ރުހުމުން ދެން ދުވަހަކުވެސް މީހަކާ ކައިވެންޏެއް ނުކުރާނަމެވެ.
އޯލެވެލް ނިންމާލުމާއިއެކު މަތީތަޢުލީމް ޙާޞިލްކުރުމަށް ކުރި ހުރިހާ އުންމީދެއް ހުދުފޮތިކޮޅެއްގެ ތެރޭގައި އަހަރެން ރައްކާ ކޮށްލީމެވެ. އެއަށްފަހު އަހަންނަށް އެންމެ ބޮޑަށް ލޯބިވެވުނު މީހާއާއި ކައިވެނި ކުރީ މުޅި އުމުރަށް ވެސް އެމީހަކާ އެކު އުފާވެރި ޙަޔާތެއް ލިބޭނޭކަމުގެ އަޒުމާއި ފޮނި އުންމީދުގަ އެވެ.
އެހެނަސް ކަންތައް ވެގެން ދިޔައީ އަހަރެން ހީކުރި ގޮތާއި މުޅިން ޚިލާފަށެވެ. ކުރި ހުރިހައި އުންމީދެއް ވެގެން ދިޔައީ ’ ފޫނެއް ފަޔަށް ފެންފުރުން‘ ފަދަ ކަމަކަށެވެ. ވާނީވެސް އެހެންތާއެވެ. އަހަރެންގެ ނަޒަރުގައި ފިރިހެނުންނަކީ ވަރަށް މޮޔަ ބައެކެވެ. ސިކުނޑި ހަމަނުޖެހޭ ބައެކެވެ. ތެދުތެދަށް ބުނާނަމަ ދެއުޅި އެއްނުވާ ބައެއްކޭ ވެސް ބުނެވިދާނެއެވެ. ހެޔޮ ވިސްނޭ ބައެއްނަމަ ނިކަމެތި އަންހެނަކަށް އިޚަނެތިކޮށް ކަން ކުރާކަށް ނުކެރޭނެއެވެ. މިއީ އަހަރެން ޤާބޫލުކުރާ ގޮތެވެ.
ނުނިމޭ
ވާހަކަ ކަމުދިޔަ ނަމަ fenvaru.mv ގެ އެފްބީ ޕޭޖް އަށް ލައިކް ކޮއްލަދެއްވާ












