އިސްޓާކީނު ލައިގެން ނިދުމަކީ ވަރަށް ގިނަ ދިވެހިންވެސް މިހާރު ކުރަމުން އަންނަ ކަމެކެވެ. އަރާމު ނިންޖަކުން ނިދާލުމުގެ ނިޔަތުގައި ފަޔަށް އިސްޓާކީނު ލައްވައިގެން ނިދުމުން ހަންގަނޑު ރީތިވެފައި ހަށިގަނޑުގެ ފިނިހޫނުމިންވެސް ހިފަހައްޓާލެވެއެވެ.
ހާއްސަކޮށް އޭސީތެރޭގައި ނިދާ މީހުން ނިދާއިރު ފަޔަށް އިސްޓާކީނު ލައްވައިގެން އޮށޯތުމުން ފަސޭހައިން ނިދާލެވިފައި ފައިތިލަގެ ހަންގަނޑު އޮމާންވެފައި ރީތިވެއެވެ. އެހެންނަމަވެސް ހިތަމަޔަކީ އެކަމުގެ ސަބަބުން ލިބޭ ގެއްލުން ތަކަށް އެއްވެސް ބަޔަކު ނުވިސްނާކަމެވެ.
މިކަންތައް ހުއްޓާލަންޖެހޭ ވަރަށް ގިނަ ސަބަބުތައް ރިސާރޗްތަކުން ފެންނަން އެބަހުއްޓެވެ. އިސްޓާކީނު ލައިގެން ނިދުމުން ލިބޭ ސިއްޚީ ގެއްލުންތަކަށް ބަލާލަމާ ހިގާށެވެ.
އިސްޓާކީނު ލައިގެން ނިދުމުން ބައެއް މީހުންގެ ހަންގަނޑު ރީތިވިޔަސް އަނެއް ބައި މީހުންގެ ހަންގަނޑު ކުރަކިވެ ހަލާކުވެއެވެ. ކޮންމެ މީހަކީ އޭސީތެރޭގައި ނިދުމުގެ ފުރުސަތު ލިބޭ ބައެއް ނޫނެވެ.
ފަޔަށް އިސްޓާކީނު ލައްވާފައި ހުރުމުން ހަށިގަނޑުގައި ލޭގެ ޕްރެޝަރ އެއް ލެވެލެއްގައި ނުހިފެހެއްޓެއެވެ. ބައެއް މީހުންގެ ލޭގެ ސަރކިއުލޭޝަން މަތިވި ކަމުގައ ވިޔަސް ބައެއް މީހުންގެ ސާކިއުލޭޝަން ދައްވެއެވެ. ލޭގެ ސާކިއުލޭޝަން ދަށްވުމުން ހަށިގަނޑަށް ބޭނުންވާ ވަރަށް އޮކްސިޖަން ނުލިބޭނެއެވެ. އެހެންކަމުން ނިދާފަ އޮންނައިރު ހަށިގަނޑުގެ ލޭދައުރުވުން ބަންދުވުމަކީ އެކަށީގެންވާ ކަމެކެވެ.
ތަފާތު ވައްތަރުގެ ފޮތިން ހަދާފައި ހުންނަ އިސްޓާކީން ބޭނުންކުރުމުގެ ސަބަބުން ސްކިން ޑިސީސެސް (ހަންގަނޑުގެ އިންފެކްޝަން) އުފެދުމަށް މަގުފަހިވެއެވެ. ކަންމިހެން އޮތުމުން އިސްޓާކީން ބޭނުން ކުރާއިރު ކޮޓަން ނުވަތަ ކަފަ އިސްޓާކީން ބޭނުންކުރާށެވެ. އެކަމަކު ނިދާއިރު އެއްވެސް ކަހަލަ އިސްޓާކީނެއް ބޭނުންކުރުން ރަނގަޅެއްނޫނެވެ.
އަރާމުކޮށް ނިދޭނީ އިސްޓާކީނެއް ލައިގެން އޮތީމައޭ ގިނަބަޔަކަށް ހީވެފައި އޮތަސް އޭގެ ސަބަބުން ގިނަ ފަހަރު ނިދަން އުދަގޫވެއެވެ. ގޭތެރޭގައި އުޅޭއިރު ހިރަފުހުން ފައިތިލލަ ސަލާމަތްކުރުމަށް އިސްޓާކީން ބޭނުންކުރި ކަމުގައި ވިޔަސް ނިދުމުގެ ގަޑިއެއްހާ އިރު ކުރިން އިސްޓާކީން ބޭލުމަށްފަހު ފައިތިލަ ރަނގަޅަށް ދޮވުމަށްފަހު ފެންހިއްކާފައި ހޫނު ތެޔޮފޮދަކުން ފައިތިލަ މަސާޖްކޮށްލާށެވެ. ނުވަތަ ތާފެނާ ފެނުން ފައިތިލަ ދޮވެލުމުން ނިދާއިރު ހަށިގަނޑުގެ ފިނިހޫނުމިން ހިފައްޓާލާ އަރާމުކޮށް ނިދާލަން އެހީތެރިވެދެއެވެ.














