ގެމަނަފުއްޓަށް އުފަން، އުމުރުން 45 އަހަރުގެ އާމިނަތު އަލިދީދީ އާއި އޭނާގެ ކުޑަ ދަރިފުޅު މިހާރު ތިބީ ވަރަށް ނާޒުކު ހާލަތެއްގައެވެ. ބޮޑު އޮޕަރޭޝަނެއް ކުރަންޖެހިފައިވާ އާމިނަތުގެ ހާލު ދުވަހެއް ދުވަހަކަށް ދަށްވަމުންދާއިރު، އެ ދެމައިންގެ ފަރުވާއަށާއި ދިރިއުޅުމަށް ބޭނުންވާ ޚަރަދުތައް ހަމަޖެއްސޭނެ ގޮތެއް ނެތި އާއިލާގެ ފިރިމީހާ އިލްޔާސް އަބްދުﷲ އުޅެނީ އާންމުންގެ އެހީއަށް އެދިފައެވެ.
އާމިނަތާއި އިލްޔާސްގެ ކުޑަ އާއިލާއަކީ ގެމަނަފުށީގައި އާއިލާގެ އެއްވެސް އެހީއަކާއި ނުލައި ދިރިއުޅެމުން އައި އާއިލާއެކެވެ. ރަށު މިސްކިތެއްގެ ވަގުތީ މަސައްކަތު މީހެއްގެ ގޮތުގައި އިލްޔާސް މަސައްކަތް ކުރަމުން ދިޔައިރު، އިތުރު އާމްދަނީއެއް ހޯދުމަށް ރަށު ޕިކަޕެއް ވެސް ދުއްވައެވެ. ނަމަވެސް އެމީހުންގެ ދިރިއުޅުމުގެ އުފާވެރިކަން ފަނޑުވެގެން ދިޔައީ، އެންމެ ފުރަތަމަ ކުޑަ ދަރިފުޅު ބަލިވެ ފަރުވާދެމުން ދަނިކޮށް، އޭގެ ފަހުން އަންހެނުން ވެސް ވަރަށް ބޮޑަށް ބަލިވުމުންނެވެ.
ގއ. ވިލިނގިލީ ހޮސްޕިޓަލާއި، ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ޑޮކްޓަރަށް ދައްކައިގެންވެސް އާމިނަތުގެ ކުޑަކަމުދިޔުމުގެ މައްސަލައަށް ޝިފާއެއް ލިބިފައިނުވެއެވެ. އަތުގައި މާލެ ދިއުމަށް ފައިސާ ނެތުމުން، އެއްވެސް ގޮތެއް ނުފެނިގެން، ރަށުގައި ދުއްވަމުން އައި ޕިކަޕު ވިއްކާލައިގެން، އިލްޔާސް ވަނީ އޭނާގެ އަނބިމީހާ އާއި ކުޑަ ދަރިފުޅާއެކު ކަނޑުބޯޓެއްގައި މާލެއަށް ދަތުރުކޮށްފައެވެ. ފްލައިޓުގައި ދަތުރުކުރަން އެހާވަރަށް ތަނަވަސްކަމެއް ނެތީމައެވެ.
މާލެ އައިސް ޑޮކްޓަރަށް ދެއްކުމުން، ފުރަތަމަ ކުޑަކުދިންގެ ޑޮކްޓަރަކު ދަރިފުޅުގެ ބަނޑުގައި ފެނާއި ވައި ބޮކިތަކެއް ހުރިކަން ދެނެގަނެ އޮޕަރޭޝަން ކުރަންޖެހޭ ކަމަށް ބުންޏެވެ. ނަމަވެސް، އިލްޔާސް ބުނިގޮތުގައި، އޮޕަރޭޝަން ޑޮކްޓަރަކު ވިދާޅުވީ އެހާ ކުޑައިރު އޮޕަރޭޝަން ކުރާނެ ކަމެއް ނެތް ކަމަށާއި، ބޭހުން ރަނގަޅުވާނެ ކަމަށެވެ. ބޭސް ދޭން ފެށުމުން ދަރިފުޅުގެ ބަނޑުގައި ރިއްސުން މިހާރު ނޫޅޭ ކަމަށާއި، ދަރިފުޅު މިހާރު ރަނގަޅުވަމުންދާ ކަމަށް އިލްޔާސް ބުންޏެވެ. ނަމަވެސް، ދާދި ފަހުން ދަރިފުޅު ވަރަށް ބޮޑަށް ބަލިވެ ހޮޑުލާތީ، ހޮސްޕިޓަލުގައި އަނެއްކާވެސް އެޑްމިޓްކޮށްފައިވެއެވެ. ދަރިފުޅުގެ ސީޓީ ސްކޭނެއް ހަދަން ޖެހިފައިވާއިރު، އިލްޔާސް ބުނިގޮތުގައި ދަރިފުޅުގެ ހާލު ދުވަހެއް ދުވަހަކަށް ދަނީ ދަށްވަމުންނެވެ.

އާމިނަތުގެ ހާލަތު ދުވަހެއް ދުވަހަކަށް ގޯސްވަމުން އަންނަނީއެވެ. މިހާރު އެއްގޮތަކަށްވެސް ކުޑަކަމު ނުދެވި އޭނާ ވަނީ ނާޒުކު ހާލަތަށް ގޮސްފައެވެ. ތަނެއްގައި ކޮޅަށް އިށީނދެގެން ނުއިދެވޭއިރު، ބަނޑުގައި ރިއްސާވަރުން ކެތް ނުވެއެވެ. އައިޖީއެމްއެޗްގައި އާމިނަތު އެޑްމިޓްކޮށްގެން އުޅޭ ދުވަސްތަކުގައި އިލްޔާސް ކުޑަ ދަރިފުޅު ގޮވައިގެން ގޮސް ހޮސްޕިޓަލުގައި އުޅެން ޖެހެނީ ވަރަށް ދަތި ހާލުގައެވެ. އިލްޔާސް ކިޔައިދިންގޮތުގައި، އާމިނަތުގެ އޮޕަރޭޝަން ނުކުރެވިގެން އުޅެނީ ހަކުރު މަތިވެ، ފުއްޕާމޭގެ ހާލަތު ވަރަށް ބޮޑަށް ދަށްވެފައިވާތީއެވެ. އޭގެ އިތުރުން އާމިނަތުގެ ފައިވެސް ދުޅަވެ، ގިނަ ބޭސްތައް ކާންޖެހުމުގެ ސަބަބުން ނަފްސާނީ މައްސަލަތައް ވެސް ވަރަށް ބޮޑުވެފައިވާ ކަމަށާއި، އެކަނި ދޫކޮށްލާފައި ދެވޭވަރަށްވުރެ އާމިނަތުގެ ހާލު ދެރަ ކަމަށް އިލްޔާސް ހިތާމަވެރިކަމާއެކު ބުންޏެވެ.
މާލެ ގޮސް އެ ކުޑަ އާއިލާ އަތްމަތި ދަތިވެ، ހަދާނެ ގޮތް ހުސްވެ މިހާރު ތިބީ ވަރަށް ދަތި ހާލެއްގައެވެ. ކުޑަކުއްޖަކު ގޮވައިގެން ދެމަފިރިން މާލޭގައި އުޅެމުން އަންނަނީ އަތުގައި އެންމެ ފައިސާ ފޮއްޗެއް ވެސް ނެތިއެވެ. އެއްވެސް ދިމާލަކުން އެހީ ނުލިބިގެން މީސްމީޑިއާގައި ޕޯސްޓުތައް ޖަހަން ފެށުމުން، ހެޔޮއެދޭ ފަރާތަކުން ވަނީ އެ ނިކަމެތި އާއިލާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކައްކާކެވޭ ގޮތަށް ހުރި ކޮޓަރިއެއް މިމަހު 28 އާ ހަމައަށް ހިލޭ ދީފައެވެ. މިއީ އެދުވަހު ކޮޓަރީގެ ކުލި ދައްކާނެ އެއްވެސް ގޮތެއް ނެތި ފިކުރުބޮޑުވެފައި ވަނިކޮށް ލިބުނު ވަރަށް ބޮޑު އެހީއެކެވެ. އެކަމަށްޓަކައި އިލްޔާސް ވަނީ އެ ފަރާތަށް ފަށްފަށުން ޝުކުރު އަދާކޮށް ހެޔޮދުއާކޮށްފައެވެ.
އާމިނަތުގެ ބަލި ހާލަތު ހުރިގޮތުން ކާންވެސް ޑޮކްޓަރު އޮތީ ޚާއްސަ ލިސްޓެއް ދީފައެވެ. އެހެންކަމުން އެ ތަކެތި ގަތުމަށާއި، ދަރިފުޅަށް ބޭނުންވާ އެއްޗެހި ހޯދުމަށް، އަދި އޭގެ އިތުރުން އާސަންދައިން ނުލިބޭ ބޭސްތައް ގަތުމަށް، އަދި ދިރިއުޅޭ ތަނަށް ރެންޓު ދައްކޭނެ ގޮތެއް އެ އާއިލާއަށް ނެތެވެ. މިމަހު 28 އާ ހަމައަށް ރެންޓުގެ ކަންބޮޑުވުމެއް ނެތް ނަމަވެސް، މާލޭގައި ގިނަ ދުވަހު އުޅެން ޖެހުމުން، އެ ކުޑަ އާއިލާ މިވަގުތު ތިބީ ވަރަށް ނިކަމެތި ހާލުގައެވެ.

މި ނާޒުކު ހާލަތުގައި ތިބި އާމިނަތު އާއި އިލްޔާސް އެދެނީ، އެއާއިލާއަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދީ، އަންހެނުންގެ އޮޕަރޭޝަން ކުރެވެންދެން މާލޭގައި ދިރިއުޅުމަށް އާންމުންގެ ދީލަތި އެހީއެކެވެ.
ގުޅޭނެ ނަންބަރު:
7999286 ( އިލްޔާސް އަބްދުﷲ) އާމިނަތު އަލިދީދީގެ ފިރިމީހާ
އެކައުންޓް ނަންބަރު:
އެމްއައިބީ ދިވެހި (90603100583531000) އިލްޔާސް އަބްދުﷲ
އެމްއައިބީ ޑޮލަރު އެކައުންޓު (910310058353200) އިލްޔާސް އަބްދުﷲ
މީސްތަކުންނަށް އެހީތެރިވުމަކީ އަދި މީސްތަކުންގެ ޙާޖަތްތައް ފުއްދައިދިނުމަކީ އިޙުސާންތެރިކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ.
ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.
(وَأَحْسِنُوا ، إِنَّ اللَّـهَ يُحِبُّ الْمُحْسِنِينَ) سورة البقرة: 195
މާނައީ: ”އަދި ތިޔަބައިމީޙުން އިޙުސާންތެރިވާށެވެ. ހަމަކަށަވަރުން ﷲ އިޙުސާންތެރިވާ މީސްތަކުންދެކެ ލޯބިވެވޮޑިގަންނަވައެވެ.“














