ތަރުކާރީއަކީ ހަށިގަނޑަށް ފައިދާހުރި އެއްޗެކޭ ބުނާ އަޑު އެންމެންވެސް އަހާނެއެވެ. އެހެންކަމުން މިހާރަކަށް އައިސް ދިވެހިންގެ ކެއުންތަކުގައިވެސް ގިނައިން ފެންނަން ހުންނާނީ ތަރުކާރީގެ ބާވަތްތަކެވެ. އެގޮތުން ބަލާލާއިރު ކެރެޓް، ކެބްޖް، ޓޮމާޓޯ، ކެޕްސިކަމް، ލީކްސް އަދި ބީންސް އަކީ ވަރަށް އާއްމު އެއްޗެކެވެ.
ގަދަ ފެހިކުލައެއްގައި ހުންނަ ބްރޮކޮލީއަކީ އާންމުކޮށް ލިބެން ހުންނަ އެއް ތަރުކާރީއެކެވެ. އެހެންނަމަވެސް މިއީ ދިވެހިންގެ ތެރޭގައި އެހާ އާންމު ބާވަތެއް ނޫނެވެ. ބްރޮކޮލީއަކީ ސިއްޚީ އެތައް ފައިދާއެއް އޭގައި ހިމެނޭ ތަރުކާރީއެކެވެ. އޭގެން ލިބޭ ފައިދާ އެގޭނަމަ އެއްވެސް މީހަކު ނުކައި ދޫކޮށްނުލާނެއެވެ.
ބްރޮކޮލީން ލިބޭ ސިއްހީ ފައިދާއަށް ބަލާއިރު، ކެއުމުގައި ބްރޮކޮލީ ހިމަނާލުމުން ކެންސަރުގެ ވަރަށް ގިނަ ވައްތަރުތަކުން ރައްކާތެރިވެއެވެ. އެގޮތުން އުރަމަތީގެ ކެންސަރު، ރަހިމުގެ ކެންސަރު، ޕްރޮސްޓޭޓް ކެންސަރު، ފުއްޕާމޭގެ ކެންސަރު، މޭގަނޑުގެ ކެންސަރު، ގޮހޮރުގެ ކެންސަރު، އަދި ގުރުދާގެ ކެންސަރު ފަދަ ވައްތަރުތައް ހިމެނެއެވެ.
ބްރޮކޮލީގައި ވިޓަމިން އޭ، ވިޓަމިން ބީގެ ވައްތަރުތައް، ވިޓަމިން ސީ، ވިޓަމިން އީ، އަދި ވިޓަމިން ކޭ ހިމެނިފައިވުމުން ހަށިގަނޑުން ވިހަ ސާފުކޮށް، ހަމުގައި ބިހި ނެގުން، ހިރުވައި ކެހުން، މުލިހި ނެގުން ފަދަ ކަންކަމުން ވެސް ދުރުކޮށްދެއެވެ. އަދި އިރުގެ އަލީގެ ސަބަބުން ހަމަށް ލިބޭ ގެއްލުމުން ސަލާމަތްކޮށްދޭން އެހީތެރިވެދޭ މާއްދާ ގުލޫކަރެފެނިން އޭގައި ހިމެނިފައިވުމުން ހަމަށް އޮމާންކަމާއި އަލިކަން ގެނެސްދީ ހަން އޮމާންކޮށްދެއެވެ.
އަދި މިނޫނަސް ބްރޮކޮލީއަކީ ބަނޑާއި ހަޖަމުގެ ނިޒާމަށް ދިމާވާ މައްސަލަތަކުން ސަލާމަތްކޮށްދޭ ތަރުކާރީއެކެވެ. ހަށިގަނޑުގެ ހަކަތަ އިތުރުކޮށްދީ ދިފާއީ ބާރު ވަރުގަދަކޮށްދޭ ގިނަ މާއްދާތައް ހިމެނޭއިރު ބަނޑުގެ އުދަނގޫތަކުންނާއި ހިތުގެ ބަލިތަކުކުން ދުރުކޮށްދެއެވެ. އަދި ކަށިތައް ވަރުގަދަވުމާއި، ލޭގެ ޕްރެޝަރު ދަށްކުރުމަށާއި، ލޭމަދުވާ މައްސަލައިގެ އިތުރުން ލޮލުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށްވެސް އެހީތެރިވެދެއެވެ.
ކުރުގޮތަކަށް ބުނާނަމަ ބްރޮކޮލީއަކީ ވަރަށް ގިނަ ބަލިތަކުން ރައްކާތެރިކޮށްދީ ދުޅަހެޔޮކަންމަތީ ދެމިހުރުމަށް މަގުފަހިކުރުވާ ބާވަތެކެވެ.














