”އަހަރެންގެ ބޭންކް ކޮމިޔުނިޓީ ފަންޑު“ގެ ދަށުން ޕްރޮޖެކްޓުތައް ހިންގަން ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހުޅުވާލައިފިއެވެ.
ބޭންކް އޮފް މޯލްޑީވްސް އިން ކުރިއަށް ގެންދާ ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެހީވާ ފަންޑެކެވެ. މި ފަންޑަށް ހުށަހަޅާ ހުށަހެޅުންތަކުގެ ތެރެއިން ހޮވޭ ކޮންމެ ޕްރޮޕޯސަލެއްގައި ހިމެނޭ ޕްރޮޖެކްޓެއް ހިންގުމަށް އެ ފަންޑުން 50،000ރ. ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
މިއަހަރުގެ ތިންވަނަ ފިޔަވަހީގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު 5 ޕްރޮޕޯސަލް ހޮވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ތިންވަނަ ފިޔަވަހީގެ ޕްރޮޕޯސަލްތައް ބީއެމްއެލްގެ އީމެއިލް [email protected] މެދުވެރިކޮށް، އަންނަ ސެޕްޓެމްބަރު މަހުގެ އެގާރަ ވަނަ ދުވަހުގެ ކުރިން ބީއެމްއެލް އަށް ހުށަހަޅަން ޖެހޭނެ އެވެ.
ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ. މިހާތަނަށް ކޮމިއުނިޓީ ފަންޑުގެ ދަށުން 50 ޕްރޮޖެކްޓް ހިންގުމަށް ފައިސާގެ އެހީތެރިކަން ބީއެމްއެލްއިން ވަނީ ފޯރުކޮށްދެއްވާފައެވެ.
ކޮމިއުނިޓީ ފަންޑާ ގުޅޭ އިތުރު މައުލޫމާތާއި ޕްރޮޕޯސަލް އަދި އެޕްލިކޭޝަން ފޯމު ބޭންކް އޮފް މޯލްޑިވްސްގެ ވެބްސައިޓް www.bankofmaldives.com.mv/community-fund އިން ލިބެން ހުންނާނެ އެވެ.













