ރިޔަލް އައިލެންޑް ޝޮސައިޓީން އިންތިޒާމުކޮށްގެން ލ. ފުޓްބޯޅަ އެކަޑަމީއާއިގުޅިގެން ގަމުގައި ދިރިއުޅޭ 13 އަހަރުން ދަށުގެ ކުޑަ ކުދިން ފުޓްބޯޅައަށް އަހުލުވެރިކުރުވުމަށާއި އެކުދިންގެ ހުނަރު އިތުރުކުރުމުގެގޮތުން ހިންގާ ޚާއްޞަ ޕްރޮގުރާމަކީ ވަރަށް ކާމިޔާބު ޕްރޮގުރާމެއްކަމުގައި މި ޙަރަކާތް އިންތިޒާމުކުރައްވާ އިސްފަރާތް ކަމުގައިވާ ރިއަލް އައިލެންޑް ޝޮސައިޓީގެ ނައިބު ރައީސް ޢަލީ ވަޙީދު (އަލިކާ) ވިދާޅުވެއްޖެއެވެ.
އަލިކާ މިހެން ވިދާޅުވީ މިކަމާއި ބެހޭގޮތުން ”ފެންވަރު އޮންލައިން“ އަށް ދެއްވި ޙާއްޞަ އިންޓަވިއުއެއްގަ އެވެ.
އަލިކާ ވިދާޅުވީ ޒުވާން ޖީލުގައި ފުޓްބޯޅައަށް އަހުލުވެރި ކުރުވައި ހުނަރުވެރި ޒުވާން ކުޅުންތެރިން ތަކެއްއުފެއްދުމުގެ މަތިވެރި މަޤުޞަދުގައި ކުރިއަށްގެންދާ ޙަރަކާތަކީ ވަރަށް ކާމިޔާބު ޕްރޮގުރާމެއް ކަމަށާއި މި ޕްރޮގުރާމުގައި ބައިވެރިވުމުގެ ފުރުޞަތު ލ.ގަމުގައި ދިރިއުޅޭ 13 އަހަރުން ދަށުގެ ކޮންމެ ކުއްޖަކަށްވެސް ހުޅުވާލާފައިވާ ކަމުގައެވެ.
މިހަރަކާތަކީ މިވަގުތު ލ.ގަމުގެ ކުޑަކުދިންނަށް އަމާޒުކޮށްގެން ހިންގާ ޙަރަކާތަކަށް ވިޔަސް ކުރިމަގުގައި މުޅި ލާމު އަތޮޅަށް މި ފުރުޞަތު ހުުޅުވާލުމަށް ވިސްނަމުން ގެންދަވާކަމުގައި ރިއަލް އައިލެންޑް ޝޮސައިޓީގެ ނައިބު ރައީސް ޢަލީ ވަޙީދު (އަލިކާ) ވިދާޅުވިއެވެ.
އަލިކާ ވިދާޅުވީ ހެޔޮއެދޭ ފަރާތަކުން މިކަމަށް އެކަށީގެންވާ ތަކެތި ދެއްވާފައި ވާކަމުގައެވެ. އަދި އެފަރާތުން ދެއްވާފައިހުރި ތަކެއްޗަކީ މިވަގުތު އެއްފަހަރާ ހައެއްކަ ރަށުގައި މި ޕްރޮގުރާމް ހިންގޭވަރަށް ލިބިފައިވާ ތަކެތި ކަމުގަ އެވެ. ނަމަވެސް މިކަމަށް ބޭނުންވާ ތަކެތި މިހާރަށްވުރެ އިތުރަށް ލިބޭ މިންވަރަކުން އިތުރު ރަށްރަށުގައި މިހަރަކާތް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށްވެސް އަލިކާ ވިދާޅުވި އެވެ.
”އެކަށީގެންވާ ކޯޗުން ލިބުމުގައި ވަރަށް ބޮޑަށް ދަތިތަކާއި ކުރިމަތިލާން ޖެހޭ. މިރަށުގައި އެކަށީގެންވާ ވަރަށް ކޯޗުންވެސް އެބަތިބި. ނަމަވެސް އެބޭފުޅުންގެ މަސައްކަތް ހުންނަ ގޮތުން މިކަމުގައި ޢަމަލީ ގޮތުން ބައިވެރިވުމަށް އެކަށީގެންވާ ވަގުތެއް ނުލިބޭ. މިކަމުގައި ބައިވެރިވެވެން ނެތްކަމަށް ގިނަ ކޯޗުން ދަނީ ވިދާޅުވަމުން.“ ރިއަލް އައިލެންޑް ޝޮސައިޓީގެ ނައިބު ރައީސް ޢަލީ ވަޙީދު (އަލިކާ) ވިދާޅުވިއެވެ.
އަލިކާ ވިދާޅުވީ މިކަމަކީ ކުޑަވަރެއްގެ ޗަންދާއެއް ނަގައިގެން ކުރިއަށްގެންދާ ޙަރަކާތެއް ނަމަވެސް މިހާރަށް ވުރެ އިތުރަށް ބެލެނިވެރިންނާއި، ކޯޗުން އެހީތެރިކަން މިކަމުގައި އިންތިހާއަށް ބޭނުންވާ ކަމުގައެވެ. އަދި ކޯޗުންނާއި ބެލެނިވެރިންގެ އެހީތެރިކަމާއި އެއްބާރުލުން މިހާރަށްވުރެ އިތުރަށް ލިބިއްޖެނަމަ މިކަން މިހާރަށްވުރެ ފުޅާވެގެން ދާނެކަމަަށްވެސް އަލިކާ ވިދާޅުވި އެވެ.










