ޢާއިޝަތުގެފާނު މަދީނާއަށް ފޮނުވައިލެއްވުން
މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ޙަޔާތްޕުޅުގައި އެއްފަރަކު ޢަލީގެފާނުގެ އަރިހުގައި މާތް ރަސޫލާ ޙަދީޘް ކުރެއްވިއެވެ. [މުސްތަގުބަލުގައި ކަލޭގެފާނާ ޢާއިޝާއާ ދެމެދުގައި މައްސަލައެއް ޖެހޭނެއެވެ.] ޢަލީގެފާނު ދެންނެވިއެވެ. [ތިޔަހެން ވެއްޖެނަމަ އޭގެ ތެރެއިން ގެއްލި ހަލާކުވެއްޖެ މީހަކަށްވާނީ އަޅުގަނޑެވެ.] މާތް ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ. [ނޫނެކެވެ. ނަމަވެސް އެކަމެއް ހިނގުމުން ޢާއިޝާ އަމާން ރައްކާތެރި ތަނަކަށް ގެންގޮސް ދެއްވައްޗެވެ.]
މިދެންނެވި ޙަދީޘު ބަސްފުޅު ޢަލީގެފާނު ވަރަށް ރަނގަޅަށް ހަނދުމަފުޅު ހުއްޓެވެ. ހަނގުރާމައިގެ ކަންތައްތައް ނިމި މީސްތަކުން ހަމަޖެހުމުން އަމީރުލް މުއުމިނީން ޢަލީ ރަޟިޔަﷲ ޢަންހު ޚާއްޞަ އިސްކަމެއް ދެއްވީ މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ދުނިޔެއާއި އާޚިރަތުގެވެސް އަނބިކަނބަލުން އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ ރައްކައުތެރިކަމާއެކު މަދީނާއަށް ފޮނުވައިލެއްވުމަށެވެ. އެގޮތުން އެކަމަނާއަށް ދަތުރުގެ ސަވާރީ އާއި ދަތުރު މައްޗަށް ބޭނުންވާނެ އެންމެހައި ކާބޯތަކެތި ޢަލީގެފާނު ހަމަ ޖައްސަވައި ދެއްވިއެވެ. ދަތުރުމަތީގައި ޢާއިޝަތުގެފާނަށް ޚިދުމަތް ކުރުމަށްޓަކައި ބަޞަރާގެ އެންމެ ރަނގަޅު އާއިލާތަކުން ސާޅީސް އަންހެނުން އައްޔަން ކުރެއްވިއެވެ.
ޢާއިޝަތުގެފާނު ބަޞަރާއިން ފުރާ ވަޑައިގަންނަވަން ހަމަޖެހިފައިވާ ދުވަހު އެކަމަނާ އާ ޢަލީގެފާނު ބައްދަލު ކުރެއްވިއެވެ. އޭރު ބަޞަރާގެ މީސްތަކުން މުއުމިނުތަކުންގެ މައިކަނބަލުންނަށް އަލްވަދާޢު ދެންނެވުމަށް ވަނީ އެއްވެފައެވެ. އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ މީސްތަކުންނާ އަލްވަދާޢު ވިދާޅުވުމަށްފަހު ދެންނެވިއެވެ.
[އޭ އަހަރެންގެ ދަރީންނޭވެ. އަހަރެމެން އެއްބަޔަކު އަނެއް ބަޔަކުދެކެ ނުރުހުންވީ މައްސަލަތަކަށް އަވަސް ހައްލެއް ނުލިބިގެންނެވެ. ތިޔަބައިމީހުންގެ ތެރެއިން އެއްވެސް މީހަކު މިހިނގައި ދިޔަ ކަންތައްތައް ދަލީލެއްގެ ގޮތުގައި ނަގައިގެން އެއްބަޔަކު އަނެއް ބަޔަކަށް އަނިޔާވެރި ނުވާށެވެ. މާތްﷲ ގަންދެމެވެ. އަންހެނަކާއި އޭނާގެ ދަނބިދަރިއަކާ ދެމެދުގައި އޮތް ކަހަލަ ނުރުހުމެއް ނޫނީ އަހަރެންނާ ޢަލީއާ ދެމެދުގައި ނެތެވެ. ޢަލީއަކީ މީސްތަކުންގެ ތެރެއިން އެންމެ ރަނގަޅު އެކެކެވެ.]
އަމީރުލް މުއުމިނީން ޢަލީ ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ.
[އޭ މީސްތަކުންނޭވެ. އެކަމަނާ އެ ވިދާޅުވީ ޙައްޤު ތެދެވެ. އެކަމަނާ ވެވަޑައިގެންވީ ތެދުވެރި ވަފާތެރިންގެ ތެރެއިންނެވެ. އެކަމަނާ ވިދާޅުވި ފަދައިން އަޅުގަނޑުމެންގެ ދެމެދުގައި ދާދި ކުޑަ ކަމެއް ނޫނީ ނެތެވެ. އެކަމަނާއަކީ ތިޔަބައިމީހުންގެ ނަބިއްޔާގެ ދުނިޔެ އާއި އާޚިރަތުގެވެސް އަނބިކަނބަލުންނެވެ.]
އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ ބަޞަރާއިން ފުރާ ވަޑައިގަތީ ހިޖުރައިން 36 ވަނަ އަހަރުގެ ރަޖަބުމަހުގެ ފުރަތަމަ ކޮޅުގައި އައި ހޮނިހިރު ދުވަހެއްގައެވެ. އަމީރުލް މުއުމިނީން ޢަލީ ބިން އަބީޠާލިބު ރަޟިޔަﷲ ޢަންހުވެސް އެކަމަނާގެ ލަޝްކަރާއެކު އެތައް މޭލަކަށް ހިނގަވައިފައި ވަޑައިގެންނެވިއެވެ. އެކަލޭގެފާނުގެ ދެދަރިކަލުން ކަމުގައިވާ ޙަސަންގެފާނާއި ޙުސައިންގެފާނު އެބޭފުޅުންގެ ޙުރުމަތްތެރި ދޮންމާމާފުޅާއެކު އެއްދުވަހުގެ ރާސްތާއަށް ދަތުރު ކުރުމަށް ފޮނުއްވިއެވެ.
ޖަމަލުހަނގުރާމައިގައި ބައިވެރިވެވަޑައިގެންނެވުނު ކަމަށްޓަކައި ޠަލްޙަތުގެފާނާއި، ޢަލީގެފާނާއި، ޒުބައިރުގެފާނު ހިތާމަފުޅު ކުރެއްވި ބީދައިން އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ ވެސް ހިތާމަފުޅު ކުރެއްވިއެވެ. އެކަމަނާ ޖަމަލު ހަނގުރާމައިގެ ހަނދުމަފުޅުވާ ކޮންމެ ފަހަރު ވިދާޅުވިއެވެ.
[މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ އެހެން އަނބިއަނބިކަނބަލުންނާއެކު މަޑު ކުރެއްވުނު ނަމަ ކިހާ ރަނގަޅު ވީސް ހެއްޔެވެ؟ މާތް ރަސޫލާގެ ފަރާތްޕުޅުން އެތައް ދަރީން ތަކެއް ލިބުން ތިމަންކަމަނާއަށް ލޮބުވެތިކަން ބޮޑެވެ. އޭގެ ތެރެއިން ކޮންމެ ކުއްޖަކީ ޢަބްދުﷲ ބިން ޒުބައިރު ނުވަތަ ޢަބްދުއް ރަޙްމާނު ބިން ޙާރިޘްފަދަ ބޭކަލުންނަށް ވުމަށްޓަކައެވެ.]
އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ ކީރިތި ޤުރްއާނުގެ އަހުޒާބު ސޫރަތުގެ 33 ވަނަ އާޔަތް ކިޔަވާ ވިދާޅުވާ ކޮންމެ ފަހަރަކު އެކަމަނާގެ ބުރުގާކޮޅު ފޯވަންދެން ކީރިތި ކުރައްވައެވެ. އެ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ.
وَقَرْنَ فِي بُيُوتِكُنَّ وَلَا تَبَرَّجْنَ تَبَرُّجَ الْجَاهِلِيَّةِ الْأُولَىٰ ۖ وَأَقِمْنَ الصَّلَاةَ وَآتِينَ الزَّكَاةَ وَأَطِعْنَ اللَّـهَ وَرَسُولَهُ ۚ إِنَّمَا يُرِيدُ اللَّـهُ لِيُذْهِبَ عَنكُمُ الرِّجْسَ أَهْلَ الْبَيْتِ وَيُطَهِّرَكُمْ تَطْهِيرًا ﴿٣٣﴾
މާނައީ: [އަދި ތިޔަކަނބަލުން، ތިޔަކަނބަލުންގެ ގެތަކުގައި ތިބޭށެވެ! އިހުގެ ޖާހިލީ ޒަމާނުގެ ޒީނަތުން ތިޔަކަނބަލުން ޒީނަތްތެރި ނުވާހުށިކަމެވެ! އަދި ތިޔަކަނބަލުން ނަމާދު قائم ކުރާށެވެ! އަދި ތިޔަކަނބަލުން زكاة ދޭށެވެ! އަދި اللَّه އާއި، އެކަލާނގެ رسول އާއަށް ތިޔަކަނބަލުން ކިޔަމަންވާށެވެ! އޭ أهل بيت ންނޭވެ! اللَّه އިރާދަކުރައްވާކަން ކަށަވަރީ، ތިޔަބައިމީހުންގެ ކިބައިން ފާފަތައް ދުރުކުރައްވައި، ފުރިހަމަ طاهر ކުރެއްވުމަކުން ތިޔަބައިމީހުން طاهر ކުރެއްވުމަށެވެ.]
އަވަހާރަވުން
މުޢާވިޔަތުގެފާނުގެ ޚިލާފަތުގެ ފަހުކޮޅަށް އެޅިއިރު މާތް ރަސޫލާ ހުވަފަތް އަނބިއަނބިކަނބަލުންގެ ތެރެއިން ގިނަ ބޭކަނބަލުން އަވަހާރަވެއްޖެއެވެ. ދެން ދުނިޔޭގައި ތިއްބެވީ އުއްމުލް މުއުމިނީން ޢާއިޝަތުގެފާނާއި، އުއްމުލް މުއުމިނީން އުއްމު ސަލަމަތުގެފާނެވެ. އެދެބޭކަނބަލުން މާތް ރަސޫލާގެ ޠާހިރު ސުންނަތް އިސްލާމީ އުއްމަތަށް ފޫހިފުޅުކަމެއްނެތި ރިވާކޮށްދެއްވަންމުން ގެންދެވިއެވެ.
ޞަޙީޙު ބުޚާރީގައި ރިވާވެގެންވެއެވެ. ޢާއިޝަތުގެފާނު އަވަހާރަވުމުގެ ކުރިން އެކަމަނާ ޢަބްދުﷲ ބިން ޒުބައިރު ރަޟިޔަﷲ ޢަންހަށް ވަޞިއްޔަތްކުރައްވައި ވިދާޅުވިއެވެ. [މާތް ރަސޫލާ އާއި އެކަލޭގެފާނުގެ ދެއެކުވެރިންގެ އަރިހުގައި އަހަރެން ވަޅުނުލާށެވެ. އަހަރެން ވަޅުލާނީ ބަޤީޢުގައި މާތް ރަސޫލާގެ އެހެން އަނބިއަނބިކަނބަލުންގެ ކައިރީގައެވެ. އެހެނީ މާތް ރަސޫލާގެ އަރިހުގައި ވަޅުލުމުގެ ސަބަބުން އަހަރެންނަކީ މާ މާތް މީހެއްކަމުގައި މީސްތަކުން ދުށުމަކަށް އަހަރެން ނޭދެމެވެ. {صحيح البخاري،كتاب الجنائز،باب مَا جَاءَ فِي قَبْرِ النَّبِيِّ صلى الله عليه وسلم وَأَبِي بَكْرٍ وَعُمَرَ ـ رضى الله عنهما، ޙަދީޘް 1391}
އަލްޙާފިޡު އިބްނު ކަޘީރު އަލްބިދާޔާ ވައްނިހާޔާގައި ލިޔުއްވައިފައިވަނީ ޢާއިޝަތުގެފާނު އަވަހާރަވީ ހިޖުރައިން 58 ވަނަ އަހަރުގެ ރަމަޟާންމަހުގެ 17 ވީ އަންގާރަ ވިލޭރޭ އިރާކޮޅުގެ ވަގުތުގަކަމަށެވެ. އެންމެ މަޝްހޫރު ބަހަކީ މިއީ ކަމަށްވެސް އޭނާ ލިޔުއްވައިފައިވެއެވެ. އެރޭގެ ވިތުރިއަށްފަހު އެކަމަނާގެ މައްޗަށް އިމާމުވެވަޑައިގެން ކަށުނަމާދު ކުރެއްވީ މަޝްހޫރު ޞަޙާބީ އަބޫހުރައިރާ ރަޟިޔަﷲ ޢަންހުއެވެ. ޢާއިޝަތުގެފާނުގެ މާތް ހަށިކޮޅު ޤަބުރުފުޅުގައި ވެޑުއްވެވީ ފަސްބޭކަލުންނެއެވެ. އެއީ، ޢަބްދުﷲ ބިން ޒުބައިރު އާއި ޢުރްވަތު ބުނު ޒުބައިރާއި، އެކަމަނާގެ އަޚު މުޙައްމަދު ބުން އަބޫބަކުރުގެ ދެދަރިކަލުންކަމުގައިވާ ޤާސިމް އާއި ޢަބްދުﷲ އާއި އެކަމަނާގެ އެއްބަނޑު އެއްބައްޕާފުޅު ޢަބްދުއް ރަޙްމާނުގެ ދަރިކަލުން އަބްދުﷲ ބުން ޢަބްދުއް ރަޙްމާނެވެ.
ނިސާއި އަހުލުލްބައިތު އޭ ކިޔުނު ފޮތުގައިވެއެވެ. ޢާއިޝަތުގެފާނު އަވަހާރަވީ ޚަބަރު އުއްމުލް މުއުމިނީން އުއްމު ސަލަމަތުގެފާނަށް ލިބިވަޑައިގެންނެވުމުން އެކަމަނާ ވަރަށް ހިތާމަފުޅު ކުރައްވާ ވިދާޅުވިއެވެ. [އަބޫބަކުރުގެފާނަށްފަހު، މާތް ރަސޫލާ އެންމެ ލޯބިވެވަޑައިގެންނެވި ފަރާތަކީ ޢާއިޝަތުގެފާނެއެވެ.]
ސިޔަރު ޢައުލާމުއް ނުބަލާއުގައި ލިޔުއްވައިފައިވެއެވެ. ޢާއިޝަތުގެފާނުގެ ޖަނާޒާގެ ކަންތައްތަކުގައި ބައިވެރިވުމަށްޓަކައި މަދީނާގެ ވަށަވަށައިގެންވާ އަވައްތަކުގައި ދިރިއުޅޭ މީސްތަކުންވެސް އައެވެ. އެރޭހާ ގިނައިން މަދީނާގައި މީސްތަކުން އެއްވެ ތޮއްޖެހިފައިވާ ރެޔެއް އޭގެ ކުރިއަކުން މީސްތަކުން ނުދެކެއެވެ. މަދީނާގެ އަންހެނުންތައްވެސް ޖަނަތުލް ބަޤީޢުއަށް އެއްވެފައި އޮތްވަރުން ހީވަނީ ބަޔަކު މީހުން ޢީދެއް ކުރާން ނުކުމެގެން އުޅޭ ހެންނެވެ. އެހާވެސް މީހުން ގިނައެވެ.
އަރަހުށި މާތްﷲ އެކަމަނާއަށް ރުއްސުން ލައްވާށިއެވެ.! ނިމުނީ..











