Search Streamline Icon: https://streamlinehq.com

ބޭންކް އޮފް މޯލްޑިވްސްއިން އޯޓީޕީ އީމެއިލްއަށް ފޮނުވުން ހުއްޓާލަނީ

BML fenvaruonline

ދިވެހި ޤައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އިންޓަނެޓް ބޭންކިން އަދި މޮބައިލް ބޭންކިން ޚިދުމަތް މެދުވެރިކޮށް ކުރާ ހުރިހާ މުއާމަލާތްތަކަށް ބޭނުންވާ ވަން ޓައިމް ޕާސްވޯޑް( އޯޓީޕީ) އޮތެންޓިކޭޓަ އެޕް މެދުވެރިކޮށް ޖެނެރޭޓްކުރެވޭ ގޮތަށް ހަމަޖައްސައިފި އެވެ.

ބީއެމްއެލްއިން ހާމަކުރެއްވި ގޮތުގައި އޮތެންޓިކޭޓަ އެޕަކީ ސްމާޓް ފޯނާއި ޓެބްލެޓްގައި ހާއްސަ، އަދި ވަކި ވަގުތެއްގެ ތެރޭގައި ބޭނުންކުރާ ގޮތަށް ކޮންމެ 30 ސިކުންތަކުން ކޯޑު ޖެނެރޭޓް ކުރެވޭ ގޮތަށް އިންސްޓޯލްކުރެވޭ އެޕްލިކޭޝަނެކެވެ.

އޮތެންޓިކޭޓާ އެޕް އިންޓަނެޓް ބޭންކިން ނުވަތަ މޮބައިލް ބޭންކިންގައި ބޭނުންކުރެވޭ ގޮތަށް އެކްޓިވޭޓް ކުރެވޭނެ ކަމަށާއި، ކޮންމެ ކަސްޓަމަރަކަށް ވެސް ޚާއްސަވާނެ ކަމަށް ބީއެމްއެލްއިން ހާމަކުރައްވަ އެވެ.

ބީއެމްއެލް އިން ގެނައި މި ބަދަލާއިއެކު ކަސްޓަމަރުން ޓްރާންސެކްޝަން ހެދުމަށް ބޭނުންވާ އޯޓީޕީ ޖެނެރޭޓްކުރުމަށް ގޫގުލް އޮތެންޓިކޭޓަ ނުވަތަ މައިކްރޯސޮފްޓް އޮތެންޓިކޭޓަފަދަ އެޕް ޑައުންލޯޑްކޮށް އެކްޓިވޭޓް ކުރެވޭނެކަމަށް ބީއެމްއެލްއިން ހާމަކުރައްވަ އެވެ. އަދި މިގޮތަށް އެކްޓިވޭޓްކުރުމުން ޓްރާންސެކްޝަން ހެދުމަށް އޯޓީޕީ ލިބޭ ގޮތްތަކުގެ ތެރޭގައި އޮތެންޓިކޭޓަ ވެސް ހިމެނޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކަ ވިދާޅުވީ މަކަރާއި ހީލަތުން ފައިސާ ހޯދަމުންދާ ގޮތްތަކަށް ބަދަލުތައް އަންނަމުންދާއިރު، ބޭންކުން ވެސް ދަނީ ކަސްޓަމަރުންގެ ރައްކާތެރިކަމަށް މަސައްކަތްތައް ކުރައްވަމުން ކަމުގަ އެވެ. އެގޮތުން އޮތެންޓިކޭޓަ އެޕް މެދުވެރިކޮށް އޯޓީޕީ ލިބޭ ގޮތް ހަމަޖެހިގެން ދިޔުމާއެކު އީމެއިލް ކޮމްޕްރޮމައިޒްވެފައިވާ ހާލަތެއްގައިވެސް މުއާމަލާތްތައް ހިންގުމަށް އިތުރު ރައްކާތެރިކަމެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

”ސްކޭމްތަކުގައި އާންމުކޮށް އީމެއިލް ކޮންމްޕްރޮމައިޒްވޭ. މީގެ ނަތީޖާއަކީ އީމެއިލް އަށް އަންނަ އޯޓީޕީ، ސްކޭމް ހިންގާ ފަރާތްތަކަށް ލިބި، ކަސްޓަމަރުންގެ އެކައުންޓުން ޓްރާންސެކްޝަންތަކެއް ހެދުމަށް ފުރުސަތު ލިބިގެން ދިޔުން. އޮތެންޓިކޭޓަ އެޕް މެދުވެރިކޮށް އޯޓީޕީ ލިބޭ ގޮތް ހަމަޖެހިގެން ދިޔުމާއެކު އީމެއިލް ކޮމްޕްރޮމައިޒް ވެފައިވާ ހާލަތެއްގައި ވެސް މުއާމަލާތްތައް ހިންގުމަށް އިތުރު ރައްކާތެރިކަމެއް ލިބިގެންދާނެ،“ ކާލް ސްޓުމްކަ ވިދާޅުވި އެވެ.

ބީއެމްއެލްއިން ބުނީ މިމަހުގެ 20 އިން ފެށިގެން ޑިފޯލްޓްކޮށް އޯޓީޕީ ލިބޭނެ ޗެނަލެއްގެ ގޮތުގައި އީމެއިލް ނުހިމެނޭނެ ކަމުގަ އެވެ.

އޯޓީޕީ ލިބޭ ޗެނަލެއްގެ ގޮތުގައި އީމެއިލް ހިމެނުމަށް ބޭނުންވާ ކަސްޓަމަރުންނަށް ވެރިފިކޭޝަން ޕްރޮސެސްއަކަށްފަހު އީމެއިލް އަށް އޯޓީޕީ ލިބޭ ގޮތަށް ހަމަޖެއްސޭނެކަމަށްވެސް ބޭންކް އޮފް މޯލްޑިވްސް އިން ވަނީ ބުނެފަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި