Search Streamline Icon: https://streamlinehq.com

ހަނދަށް އެދި ރުއިން

Moon fenvaruonline
Advertisement

އެއްރެއަކު މީހަކު ޤަބުރުސްތާނެއް ކައިރިންލާފައި ދިޔައެވެ. އެހެން ދަމުން، ޤަބުރުސްތާނު ތެރެއަށް އެއްލިކަޅިއަކުން، އެއީ ސާދަވިލޭރޭގެ ހަނދުގެ އަލި ދުނިޔެއަށް އެޅިފައި އޮތް ރެއެއް ކަމުން، އޭނާގެ ނަޒަރު ހުއްޓުނީ ޤަބުރުސްތާނު ތެރޭގައި ހުރި މަހާނައެއް ކައިރީގައި ރޯން އިން އަންހެނަކަށެވެ. ދެން، އެ އަންހެނާގެ ޚަބަރު ބަލައިލުމުގެ އެދުން ހިތުގައި އުފެދި، ޤަބުރުސާތަނަށް ވަދެ، އަންހެން މީހާ ކައިރިއަށް ދިޔައެވެ.

އަންހެން މީހާ ކައިރިއަށް ދެވުމުން، އޭނާގެ މޫނަށް ބަލައިލިއެވެ. ފެންނަ ފެނުމުގައި އަދި މެދު ޢުމުރަށް ވެސް ނޭޅޭ ޒުވާން ފުރައިގެ އަންހެނެކެވެ. ދެން، އެ އަންހެން މީހާއާ މުޚާތަބުކޮށް އެ މީހާ ބުންޏެވެ.

”ކޮއްކޯއެވެ! ކޮއްކޮގެ ޚަބަރަކީ ކޮބައި ހެއްޔެވެ؟ ތިޔަ މަހާނަ ދޮށުގައި އިނދެގެން ކޮއްކޮ ތި ހިތާމަކޮށް ރޮނީ ކީއްވެ ހެއްޔެވެ؟“

ދެން، އަންހެން މީހާ، އޭނާގެ މޫނަށް ބަލައިލާފައި، ވަަރަށް ދެރަވެފައި، ބުންޏެވެ. ”ބޭބޭއެވެ. މިތާ ވަޅުލެވިފައި ވަނީ އަހަރެންގެ އަލަތު ފިރިމީހާއެވެ. ދާދި އިހަށް ދުވަހު އޭނާ ކުއްލިއަކަށް މަރުވީއެވެ. އޭނާ ދެކެ އިންތިހާއަށް އަހަރެން ލޯބިވީމެވެ. އެހެންވެ، އޭނާ މަތިން ހަނދާންވެ، އޭނާގެ މަހާނަ ކައިރިއަށް އައިސް ރޯން އިނދެވެނީއެވެ.“

ދެން، އިތުރު އެއްޗެއް ނުބުނެ، އެއްކަލަ މީހާ، އަންހެން މީހާ ކައިރީގައި އޮތް ހުސް ތަންކޮޅެއްގައި، ބިންމަތީ އިށީނދެ އިނދެ، އުޑުމަތީ ފެންނަން ހުރި ހަނދާ ދިމާއަށް ދެއަތް ނަގައި ރޯން ފެށިއެވެ.

Advertisement

އަންހެން މީހާއަށް މިތަން ފެނުމުން، ހައިރާންވެގެން، ފިރިހެން މީހާ ކުރެން އެއްސެވެ. ”ބޭބޭއެވެ! ބޭބެ ތި ރޮނީ ކީއްވެ ހެއްޔެވެ؟“

ޖަވާބުގައި އެ މީހާ ބުންޏެވެ. ”މި ތަނަށް އައިސް، އުޑަށް ބަލައިލުމުން، ހަނދު ފެނި ހަނދު ދެކެ ލޯބިވެވުނީއެވެ. ދެން، މާ ބޮޑަށް ހަނދަށް އެދެވުނީއެވެ. އެހެންވެ، ރޯން ފެށުނީއެވެ!“

ދެން އަންހެން މީހާ ބުންޏެވެ. ”ބޭބެ ހާދަހާ މޮޔައެވެ! ހަނދަށް އެދި ކިތަންމެ ވަރަކަށް ރުޔަސް ހަނދު ލިބޭނެ ހެއްޔެވެ؟“

ޖަވާބުގައި އެ ބޭބެ ބުންނެވެ.“ކޮއްކޯއެވެ! ކޮއްކޮ ރޮއިގެން މަރުވެފައި އޮތް ކޮއްކޮ ނުހަނު ލޯބިވާ އަލަތު ފިރި މީހާ ލިބޭނެ ކަމަށް ވަންޏާ ރުއިމުން ބޭބެއަށް ހަނދު ނުލިބެންވީ ކީއްވެ ހެއްޔެވެ؟“

މި ވާހަކައިން ލިބެން އޮތް އިބުރަތަކީ ކޮބައި ހެއްޔެވެ؟ ކަމެއް މުޅިން ނިމި، އެކަން ކުރީ އޮތް ގޮތަށް ފުރޮޅާލެވޭނޭ އެެއްވެސް ގޮތެއް ނެތް ނަމަ، ދެން، އެކަން ކުރިން އޮތް ގޮތަށް ފުރޮޅާލަން މަސައްކަތް ކުރުމަކީ ބޭކާރު ކަމެއް ކަމެވެ. އެއީ ހަނދު ދެކެ ލޯބިވެ ހަނދަށް އެދުން ކަހަލަ ކަމެކެވެ. ނޫން ނަމަ، މަރުވެދިޔަ މީހަކު އަލުން ދިރުން އެދެވޭ ގޮތަށް ކަންތައް ކުރުން ފަދަ ކަމެކެވެ.

ކަމެއް ނިމި، ދެން، އެކަން އަނބުރާ ނުލެވޭނެ ކަމަށް ފެނިއްޖެ ނަމަ، ދެން ވެސް ކަން ކުރަންވީ މަގު އޮވެއެވެ. މިސާލަކަށް ގާތް މީހަކު މަރުވުމުން، އޭނާގެ މައްޗަށް ހިތާމަކުރުމަކީ ނެތް ކަމެއް ނޫނެވެ. ނަމަވެސް، އެކަމަކީ ތިމާގެ ދިރިއުޅުން ހަލާކުކޮށްލަން ޖެހޭނޭ ކަމަކަށް ވެގެން ނުވާނެއެވެ. ތިމާގެ ގާތް މީހާއަށް ހެޔޮ ދުއާކުރުން މަތީ ހުރެ، ތިމާގެ އަމިއްލަ ދިިރިއުޅުމައިގެން ވެސް ކުރިއަށް ދެވޭތޯ މަސައްކަތްކުރަން ޖެހެއެވެ.

ހަމަ އެހެންމެ، އަހަރުމެންގެ އާންމު ހަޔާތުން ވެސް މިފަދަ ކަންކަން ވުމުން، ދެން، އޮތީ ތަކުރާރުކޮށް އެކަމުގެ ވާހަކަ ދައްކައި އޭނަ ނޫނީ މީނަ ބަދުނާމުކުރުމެއް ނޫނެވެ. އެކަން އެ ގޮތަށް ދިމާވާން އެންމެ ފުރަތަމަ މެދުވެރިވީ ކޮން ކަމެއްތޯ ހޯދައި ބަލައި އެކަމުން އިބުރަތް ލިބިގަތުމެވެ.

މީގެ މިސާލެއްގެ ގޮތުން، މިހާރު އެންމެންހެން ދައްކަމުންދާ ’ރާއްޖޭގެ ކަނޑުން ބައެއް ގެއްލުމުގެ‘ މައްސަލައިގެ މައްޗަށް ހަމަޖެހިލައިގެން އިނދެ ވިސްނާލުން މުހިއްމެވެ. އެ މައްސަލައިގައި ބޮޑު ގެއްލުމެއް ލިބިއްޖެ ކަމަށް ވަރަށް ގިނަ ބަޔަކު އެބަ ޤަބޫލުކުރެއެވެ. އަނެއް ބަޔަކު އެކަން ނިމުނީ އެންމެ ރަނގަޅު ގޮތުގައިކަމަށް ވެސް ބުނެ، އެކަން ރަނގަޅުކުރެއެވެ.

ޝައްކެއް ނެތް ގޮތުގައި، މި ފަދަ މައްސަލަތައް އިހުގައްޔާއި އަދި މިހާރު ވެސް ހިނގަމުން އެބަ ދެއެވެ. އެހެންވީމާ، ޒާތީ ތައައްސުބުންނާއި ޕާޓީ ތައައްސުބުން އެއްކިބާވެ ހުރެ، މިފަދަ ޤައުމީ އަދި ޖަމާއީ މަސްލަހަތާ ގުޅޭ ކަންކަމާ މެދު ވިސްނާލަން ޖެހެއެވެ.

މިފަދަ ކަންކަން އިހުގައި ވެސް ހިނގާފައި ވެޔޭ ބުނުމުން، ކަމާ ގުޅޭ ދެތިން މިސާލު ލިޔެލަން ޖެހެއެވެ. މަލިކުގެ މަތިން ހަދާން ކޮށްލާށެވެ. ހަމަގައިމު ވެސް މަލިކަކީ ކޮންމެ ވެސް ދުވަސް ވަރެއްގައި ރާއްޖޭގެ ބައެކެވެ. އެއީ ރާއްޖޭގެ އަތޮޅެކެވެ. އެތާ އުޅޭ މީހުންނަކީ، މިހާރު އެ މީހުން އެބައެއްގެ ދަށުގައި އޮތް މީހުންނަށް ވުރެން، ހުރިހާ ގޮތަކުން ވެސް ރާއްޖޭގެ މީހުންނާ ގާތް ބައެކެވެ.

ބަހުގެ ގޮތުންނާއި ދީނީ ގޮތުންނާއި އަދި އާދަކާދައިގެ ގޮތުން ބެލިކަމުގައި ވިޔަސް ވެހެވެ. މީގެ މާނައަކީ، ފަހަރެއްގައި ވެސް، މިހާރު އެއީ ރާއްޖޭގެ ބައެއް ކަމަށް ބުނެ، ދައުވާކޮށް، އެތަން ހޯދަން އުޅޭށޭ ބުނުމެއް ނޫނެވެ. އެކަން އެއޮތީ ނިމިފައެވެ. ދެން، އެނިންމުން އަނބުރާލެވޭނެ ކަމަކަށް ނުފެނެއެވެ. އެކަން އަނބުރާލަން އުޅުންވާނީ އެއްކަލަ އަންހެން މީހާ އޭނާގެ މަރުވެފައި އޮތް ފިރިޔަށް އެދި ރުއި ރުއިން ކަހަލަ ކަމަކަށެވެ. ނޫނީ އެއްކަލަ ބޭބެ ހަނދަށް އެދި ރުއި ރުއިން ކަހަލަ ކަމަކަށެވެ.

ނަމަވެސް، މި މައްސަލައިގައި މިއަދު ވެސް ބަލަން މުހިއްމު ކަމެއް އެބަ އޮތެވެ. އެއީ ރާއްޖޭގެ ބައެއްގެ ގޮތުގައި މަލިކު އޮތުމަށް ފަހު، ރާއްޖެއަށް މަލިކު ގެއްލިގެން ދިޔައީ ކިހިނެއްތޯ ބެލުމެވެ. މިކަން ސާފުކުރަން އުޅެ، އަދި އެކަންވާ ގޮތެއް ނުވެއެވެ. ސަބަބަކީ މިފަދަ ޤަޢުމީ ގެއްލުންތައް ކުރިމަތިވަނީ ދެ ސަބަބަކަށްޓަކައެވެ.

ފުރަތަމަ ސަބަބަކި އަމިއްލަ އެދުމުގެ އަވައިގައި މަސައްކަތްކުރާ ވެރިންގެ ދޯހަޅި ސިޔާސަތުގެ ސަބަބުންނެވެ. ނޫނީ ވެރިކަމުގެ ދަހިވެތިކަމުގައި އުޅޭ ޣަދަރުވެރި ޚާއިނުންގެ ސަބަބުންނެވެ. މިހެން މިކަން އޮތުމުން، ވަރަށް ގިނަ ފަހަރަށް މިފަދަ ކަންކަން ހިނގައި ދިޔަ ގޮތުގެ ޙަޤީގަތް އޮންނަނީ ފޮރުވިފައެވެ. ޒަމާނުގެ ދައުރުވުމުގެ ހިރަފުސް އެޅި އެކަން ތާރީޚުގެ ހަނދާނުން ވެސް ނެތިކޮށްލެވިފައެވެ.

ކީއްވެ ހެއްޔެވެ؟ ނާގާބިލު ޣަދަރުވެރި ޚާއިނު ސިޔާސީވެރިންގެ ނުކުޅެދޭކަމާއި ނާގާބިލުކަން، ޣަދަރުވެރި ޚިޔާނަތް، ފޮރުވާފައި ބޭއްވުމެވެ. ސިޔާސީވެރިންގެ މުޤައްދަސުކަމާއި މާތްކަން ދެމެހެއްޓުމުގެ ބޭނުމުގައެވެ. ދެން ހެއްޔެވެ؟ މަލިކު ގެއްލުން ފަދަ ޤައުމީ ބޮޑެތި މައްސަލަތަކުގެ ޙަޤީގަތް ފޮރުވާފައި ބޭއްވުމުން، އެ ފަދަ ކަންކަން ތަކުރާރުވާ ގޮތް މެދުވެރިވެއެވެ.

ދެން ވެސް އިހުގެ ބައެއް މިސާލުތަކެވެ. ޕޯޗުގީޒުންނާއި އަދި ހޮޅިންގެ އަތް ދަށަށް ރާއްޖެ ދިޔުމަކީ ވެސް މިފަދަ ކަމެކެވެ. ވެރިކަމާ ހެދި އުޅުނު ބަޔަކު، ވެރިކަމުގެ ދަހިވެތިކަމުގައި ބޭރު ބައެއްގެ އެހީ ހޯދަން އުޅުމުގެ ނަތީޖާއެކޭ ބުނެވެިދާނެއެވެ. ހަމަ އެހެންމެ، ނޮވެމްބަރު ތިނެއްގެ މައްސަލައަކީ ވެސް ހަމަ މިފަދަ މައްސަލައެކެވެ. އެ ކަމުގެ އިސް މީހުންނަށް އެ ދުވަހު ކާމިޔާބު ލިބުނު ނަމަ، ރާއްޖޭގެ ބައެއް ތަންތަން ބޭރު ބައެއްގެ އަތް ދަށަށް ދިޔައީހޭ ބުނުމުގެ ޖާގަ އެބަ އޮތެވެ. ނޮވެމަބަރު ތިނެއްގެ މައްސަލައިގެ ތަޙްޤީގުތަކުން، މިކަން ސާފުވާން އެބަ އޮތެވެ. ނޮވެމްބަރު ތިނެއްގެ އިސް ބާޣީންނާއި ބޭރު މީހުންނާ ވެވުނު އެއްބަސަވުމުގައި ރާއްޖޭގެ ބައެއް ރަށްރަށް އެމީހުންނަށް ދިނުމުގެ ވާހަކަ އެ ތަޙްޤީގު ރިޕޯޓުތަކުން ފެންނާން އެބަ އޮތެވެ.

ދެން، މިހާރު މި ދިމާވެގެން އުޅޭ މައްސަލައިގެ މައްޗަށް ކަޅިއެއް އެއްލަމާ ހެއްޔެވެ؟ ޗާގޯސްއަކީ ރާއްޖޭގެ ބައެއް ކަމުގައި ނުވެ ހިނގައިދާނެއެވެ. ނަމަވެސް، ރާއްޖޭގެ ކަނޑުގެ ސަރަހައްދު އޮންނާނީ އެ ތަނާ މާ ދުރު ނޫން ހިސާބެއްގައި ކަމުގައި ޤަބޫލު ކުރެވެއެވެ. އެހެންވީމާ، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ދިފާކުރުމަކީ ޤައުމީ މައްސަލައެކެވެ. ޖަމާއަތުގެ މައްސަލައެކެވެ. އެކަން ގުޅެނީ ވަކި ފަރުދަކާ ނޫނީ ވެރިކަމަށް އަންނަ ވަކި ބައެއްގެ މަސްލަހަތަކާ ވެސް ނޫނެވެ.

މިހެން ކަން އޮތުމުން، އެންމެ ފުރަތަމައިން ވެސް، މި މައްސަލަ އެންމެނަށް ރަނގަޅަށް ސާފުވެފައި އޮންނަން ޖެހެއެވެ. މިއީ ސިއްރިއްޔާތުގައި އެެއްބަސްވުންތަކެއް އެއްބަސްވެގެން ނިންމާލެވޭނޭ މައްސަލައެއް ނޫނެވެ. ތަނުގެ ޤާނޫނާ ޤަވާއިދުތަކާއި އަދި ތަނުގެ އާދަކާދަ ވެސް ނިޔާކުރާ ގޮތުން، މި މައްސަލަ ނިންމަން ޖެހެއެވެ. ރާއްޖޭގައި މިފަދަ މައްސަލަތައް ބަހުސް ކުރަން އޮންނަ ތަނަކީ ރާއްޖޭގެ ރައްޔިތުން ތަމްސީލުކުރާ ތަނޭ ބުނާ ރައްޔިތުންގެ މަޖުލީހުގައެވެ. މިފަދަ ޖަމާއަތުގެ މައްސަލަހަތާ ބެހޭ ކަންކަން ނިންމަން ޖެހޭނީ، މިސާލީ ސިފައެއްގައި، މަޖުލީހަށް ހުށަހެޅި އެތަނުގައި ބަހުސްކުރެވިގެންނެވެ. އާޚިރުގައި އެކަން ކޮންމެ ގޮތަކަށް ނިމިގެން ދިޔަކަމުގައި ވިޔަސް ވެހެވެ.

ކޮންމެ އަކަސް މިހާރު މި މައްސަލަ ވެސް އެ އޮތީ، ސިއްރިއްޔާތުގައި އެކަން ކުރިއަށް ގެންދެވުނު ގޮތަކަށް ގެންގޮސް، ނިންމި ގޮތަކަށް ނިންމިފައެވެ. ދެން، އެކަން އަނބުރާލުމުގެ ވާހަކަ ދެއްކުމަކީ މިވަގުތަށް ބޭކާރު ކަމެކެވެ. އެކަންވާނީ އަނެއްކާ ވެސް ހަނދަށް އެދި ރުއިން ކަހަލަ ކަމަކަށެވެ. ދެން، މަތި ހަށި ނަފާފައި، މިކަން އަނބުރާލާ ނަމޭ، ކިޔައި ވާހަކަދައްކާ ސިޔާސީ ވެރިންނާއި، ނޫނީ އެކަމަށް ތާއީދުކުރި ނަމަވެސް، އެކަން މުޅިން ސާފު ނުވާ ގޮތަށް އެކަމާ ބެހޭ ގޮތުން ވާހަކަ ދައްކައި ދެކޮޅުން ފައިދާ ނަގަން އުޅޭ މުނާފިގު ސިޔާސީވެރިންނަށް ވެސް މިކަން އަނބުރާލެވޭނެ ކަމަކަށް ނުފެނެއެވެ.

މިފަދައިން ސިޔާސީވެރިން ވާހަކަދައްކަނީ އެކަމަކީ ކުރެވޭނޭ ކަމެއް ކަމަށް އެ މީހުން ޤަބޫލުކުރާތީކީ ނޫނެވެ. ނަމަވެސް، އެ މީހުންގެ ޖުމްހޫރަކީ އެ މީހުން ޖަހާހާ ބެރަކަށް ނަށާ އަދި ދާދި ފަސޭހައިން މާޒީ ހަނދާން ނެތޭ ބަޔަކަށް ވެސް ވާތީއެވެ. ރަށް ރަށް މަތީ ނަނުދަމައިގެން ގުޅުވާލާ ވާހަކައާއި ކަނޑުތަކުގައި ރަށްރަށް ބިނާކުރާ ވާހަކަ ވެސް ނުކުތީ ހަމަ މިފަދަ ދޫތަކުން ނޫން ހެއްޔެވެ؟ ދެން، އެ ވަގުތު އެންމެންހެން އެ ވާހަކަތަކަށް ހެއްލި އަތްޖަހައި އެފަދަ މޮޅު ބަޔަކު ނެތްކަމުގައި ވެސް ޤަބޫލުކުރީމުތާއެވެ!

މަލިކު މައްސަލަ ނޫނީ ޗާގޯސްގެ މައްސަލަ ފަދަ ނިމިފައިވާ ކަންކަމީ، ދެން، އެކަންކަން ފަސޭހައިން އަނބުރާލުމުގެ ބާރު ރާއްޖެއަށް އަދި ލިބިފައި ނެތަސް، ހަނދަށް އެދި ނުރޮއި މިކަމުން ލިބިގަނެވިދާނޭ ފިލާވަޅުތައް އެބަ ހުއްޓެވެ. މި ދަނޑިވަޅަކީ އެ ފިލާވަޅުތަކަކީ ކޮބައިތޯ ބަލައި ހޯދައި އެކަމުން އިބުރަތް ލިބިގަނެ އެފަދަ ކަންކަން ތަކުރާރުވިޔަ ނުދީވޭތޯ ބަލަން ޖެހޭ ދަނޑިވަޅެވެ.

ކުރިން ނަންގަނެވުނު ފަދައިން، މަލިކު ގެއްލުނީވެސް، އަދި، ރާއްޖޭގެ މިނިވަކަން ގެއްލުނު ދެފަހަރަކު ގެއްލުނީ ވެސް، ޚިޔާނަތްތެރި ޣަދަރުވެރި ސިޔާސީ ވެރިންގެ ސަބަބުންނެވެ. ފަހުން ވެސް އެފަދަ ކަންކަން ވާނީ ވެސް ހަމަ މައިގަނޑު ސިފައެއްގައި ޣަދަރުވެރި ސިޔާސީ ވެރިންގެ ސަބަބުންނެވެ. ދެން، މިހާރު ނަމަ، އެ މީހުންގެ ފަހަތުން، ދުވާ އާންމުންގެ ސަބަބުންނެވެ. އެހެންވީމާ، ވޭތުވެދިޔަތަނުގައި ލިބުނު ގެއްލުންތަކާއި އަދި، ޗާގޯސްގެ މައްސަލައިގައި ލިބުނު ނަމަ ލިބުނު ގެއްލުމެއް ލިބުނީ ވެސް ހަމަ މިފަދަ ޣަދަރުވެރި ޚިޔާނަތްތެރި ސިޔާސީވެރިންނާއި އެ މީހުންގެ ފަހަތުން ދުވާ އާންމު ރައްޔިތުންގެ ސަބަބުންނެވެ.

މިހެން ބުނަން ޖެހެނީ ކީއްވެ ހެއްޔެވެ؟ ވެރިކަމަށް ގެނައި ބަޔަކު ވެރިކަމަށް ގެނައީ އާންމުންގެ ރައްޔިތުން ކަމަށްވާތީއެވެ. އެ މީހުން ވެރިކަމަށް ގެނައުމުގެ މާކުރިން ވެސް، އެމީހުންގެ ވަލާއު އޮތީ ބޭރުބައަކަށްކަން އެނގެން އޮތެވެ. މިކަން ހަނދާން ނެތް ނަމަ، ތަނުގެ ޤާނޫނުތަކަށް ފައިން އަރައި ބޭރު ބައެއްގެ ހިމާޔަތް ހޯދީ ކޮން ބައެއްކަން ހަދާންނަށް ގެންނާށެވެ! ނަމަވެސް، މިކަން މަތިން ހަދާން ނުކޮށް އެފަދަ ބަޔަކު ވެރިކަމަށް ގެނައުމުން، އެ މީހުންނަށް އެމީހުންގެ ވަލާއު އޮތް ބޭރު ބައެއްގެ އެދުމާ އެއްގޮތްވާ ގޮތުގެ މަތިން ކަންތައް ކުރީއެވެ.

ތަނަށް ބޭރު ބައެއްގެ އަސްކަރީން ގެނެސް، އެ މީހުންގެ އަސަކަރީ މަރުކަޒުތައް ޤާއިމުކޮށް، އަދި، އެ އަސްކަރީން ބޭތިއްބުމަށްޓަކައި ތަނުގެ ރައްޔިތުންގެ ފައިސާއިން ޚަރަދުކޮށް ހަދަނީ ހަމަ މިބައިގަނޑު ނޫން ހެއްޔެވެ؟ ދެން، މިފަދަ ބަޔަކު އެހެން ގޮތަކަށް ކަންތައް ކޮށްފާނޭ ކަމަށް ހީކުރުން ވެސް ވާނީ ކަނޑުކޮސް ކަމަކަށް ނޫން ހެއްޔެވެ؟

ކަންތައް އޮތީ މިހެން ކަމަށްވާ އިރު، ދެން ވެސް މިކަމުން ލިބެން އޮތް ފިލާވަޅަކީ ކޮބައި ހެއްޔެވެ؟ އެ މީހުންގެ ވަލާއު ބޭރު ބަޔަކާ ގުޅިފައި އޮތް ބަޔަކު ވެރިކަމަށް ނުގެނައުމެވެ. ތަނަށް ޚިޔާނަތްތެރިވާ ޣައްދާރުންނާ ތަން ހިންގުމުގެ ލަގަން ހަވާލު ނުކުރުމެވެ. އާދެ، އެ މީހުންގެ ވަލާއު ތަނަށް ނެތް ބަޔަކާ ތިމާމެން އަމިއްލައަށް ވެރިކަން ހަވާލުކުރި ބަޔަކު އެބައެއްގެ ވަލާއު ނިޔާކުރާ ގޮތަށް ކަންތައް ކުރުމުން، ދެން، އެކަމާ ނުރުހި އެކަން އަނބުރާލަން އުޅުމަކީ މަރުވެފައިވާ މީހާކު ދިރުވަން އުޅުން ފަދަ ކަމެކެވެ. ނޫނީ ހަނދުލިބޭތޯ ހަނދަށް އެދި ރުއިން ކަހަލަ ކަމެކެވެ. ނަމަވެސް، މިކަމުން އިބުރަތް ލިބިގަނެ، އެ މީހުންގެ ވަލާއު ތަނަށް ނެތް ބަޔެއްގެ އަތް މައްޗަށް ވެރިކަން ދޫކޮށްލުމަކީ ކޮށްގެންވާނޭ ކަމެއް ނޫންކަން މިކަމުން ދަސްކުރަން ޖެހެއެވެ.

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި