އިދިކޮޅު ޕްރިގްރެސިވް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މިއަދު ހުށަހަޅައިފިއެވެ.
ދަރުބާރުގޭގައި ގާއިމުކޮށްފައިވާ އިންތިހާބާއި ބެހޭ މައި މަރުކަޒަށް ޔާމީންގެ ފަރާތްޕުޅުން އެ މަނިކުފާނުގެ ކެންޑިޑެންސީ ފޯމް ހުށަހެޅުއްވީ ޕީޕީއެމްގެ ސެކެޓްރީ ޖެނެރަލް އަދި ޔާމީންގެ އިންތިހާބީ އެޖެންޓު މުހައްމަދު ތޮލާލެވެ. އީސީގެ ފަރާތުން ފޯމާ ހަވާލުވެވަޑައިގެންނެވީ އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ރައީސް ޔާމީންގެ ކެންޑިޑެސީ ފޯމު ހުށަހެޅި ނަމަވެސް، އެ މަނިކުފާނުގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ ސަބަބުން ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓެއްގެ ކިބައިގައި ހުންނަން ވާނެ ކަމަށް ގާނޫނުއަސާސީގައި ބަޔާންކުރާ ޝަރުތެއް ވަނީ އުނިވެފައެވެ.
ގާނޫނުއަސާސީ ބުނާ ގޮތުން، 12 މަހަށް ވުރެ ދިގު މުއްދަތުގެ ޖިނާއީ ހުކުމެއް އިއްވާފައިވާ މީހަކަށް ރިޔާސީ އިންތިހާބުގައި ބައިވެރިވެވޭނީ އެ ހުކުމެއް ތަންފީޒްކޮށް ނިމުނުތާ ތިން އަހަރު ވުން ނުވަތަ މައާފު ލިބުނުތާ ތިން އަހަރު ހަމަވެއްޖެ ނަމަ އެވެ.
މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށް ސާބިތުވެގެން މާފުށީ ޖަލުގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީން، އެ މަނިކުފާނުގެ ކެންޑިޑެސީ ފޯމުގައިި ސޮއިކުރެއްވީ ކަރެކްޝަންސް މެދުވެރިކޮށެވެ.











