އުރީދޫ މޯލްޑިވްސް އިން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ މަސްވެރިކަމުގެ މުބާރާތް ކަމަށްވާ އުރީދޫ މަސްރޭސް މާދަމާ ފަށާނެއެވެ.
އުރީދޫ އިން ބުނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މަސްވެރިކަމަށް ޝައުގުވެރިވާ ފަރާތުން ހީވެސް ނުކުރާ ވަރުގެ ތަރުހީބަކާއެކު މިއަހަރުގެ މަސްރޭސްގައި ބައިވެރިވުމަށް ޖުމްލަ ރެޖިސްޓަރ ކުރި 83 ޓީމާއެކު މި އަހަރުގެ އުރީދޫ މަސްރޭސް ވެގެންދާނީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މަސްވެރިކަމުގެ މުބާރާތަށް ކަމަށެވެ.
މާދަމާ މެންދުރު 2:30 ގައި ޓީމުތައް މަސްވެރިންގެ ޕާކުން މަހަށް ފުރާއިރު، މަސް ކިރުމަށް ހުރިހާ ޓީމްތަކުން އުސްފަސްގަނޑަށް މާދަމާ ރޭ 9 ގެ ކުރިން އަންނަން ޖެހެއެެވެ.
މަސްކިރިމުގެ މަސައްކަތް އުސްފަސްގަނޑުގައި ކުރިއަށް ދާއިރު، ހަބޭސްބޮޑުބެރުގެ ހިތްގައިމު ހަރަކާތްތައް އުސްފަސްގަނޑުސަރަހައްދުގައި ކުރިއަށް ދާނެ ކަމަށް އުރީދޫ އިން ބުނެއެވެ.
އުރީދޫ މޯލްޑިވްސްގެ 18 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މަސްރޭސް 2023 ވަނީ މާލެ ސިޓީ، ކުޅުދުއްފުށި ސިޓީ، އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީއަށް ވަނީ ފުޅާކޮށްފަ އެވެ.
މި މުބާރާތް މާލެ ސިޓީގައި އޮގަސްޓް މަހުގެ 4 ވަނަ ދުވަހު ފަށާއިރު، ކުޅުދުއްފުށި ސިޓީގައި ފަށާނީ އޮގަސްޓް 11 ގައެވެ. އަދި އައްޑޫ ސިޓީގައި އޮގަސްޓް 18 ގައި ފަށާއިރު، ފުވައްމުލައް ސިޓީ ގައި ފެށުމަށް ނިންމާފައިވަނީ އޮގަސްޓް 25 ގައެވެ.
އުރީދޫ އިން ހާމަކޮށްފައިވާ ގޮތުގައި މާލެއިން 34 ޓީމު ބައިވެރިވާ އިރު، ކުޅުދުއްފުށި ސިޓީން 23 ޓީމާއި އައްޑޫ ސިޓީގެ 13 ޓީމަކާއި ފުވައްމުލައް ސިޓީގެ 13 ޓީމު ވަނީ ބައިވެރިވެފައެވެ. އަދި ކޮންމެ ޓީމެއް ވެސް އެ ޓީމެއްގެ ސިޓީގައި ޗެމްޕިއަންކަން ހޯދުމަށް ވާދަކުރާއިރު، މުބާރާތުގެ ފޯރި އާއި ވާދަވެރިކަން އެހެން އަހަރުތަކަށް ވުރެ ވަރުގަދަވެގެންދާނެއެވެ.
އުރީދޫ މަސްރޭސް ރެކޯޑް މުގުރާލާ މިދިޔަ އަހަރު ޗެމްޕިއަންކަން ހޯދި ސްޓެލްކޯ ކަންބަލުން ޓީމުން މިއަހަރު ވެސް ވާދަކުރާކަން އެކުންފުނިން ވަނީ އުފަލާއެކު ފާހަގަކޮށްފައިވާއިރު، އަންހެން ޓީމަކުން ނިކުމެ ރިކޯޑް އަދަދެއްގެ މަސްބާނާ ހޯދި މި ކާމިޔާބީން ދައްކުވައިދެނީ ހަމަހަމަކަމުގެ ރޫހެވެ.
ޖުމްލަ 160،000 ރުފިޔާގެ އިނާމު ދިނުމަށް ހަމަޖެހިފައިވާއިރު، އެއްވަނަ ޓީމަށް 25،000 ރުފިޔާ، ދެ ވަނަ ޓީމަށް 10،000 ރުފިޔާ އަދި 3 ވަނަ ޓީމަށް 5000 ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ.
މީގެ އިތުރުން އެންމެ މޮޅު ފިރިހެން ކެޔޮޅާއި އެންމެ މޮޅު އަންހެން ކެޔޮޅަށް ކޮންމެ މީހަކަށް 1000 ރުފިޔާ ދިނުމަށް ވެސް ނިންމާފައި ވެއެވެ.
އުރީދޫ މޯލްޑިވްސްއިން ވަނީ މަސްރޭސް 2023 އަށް ރަޖިސްޓްރީކުރި ހުރިހާ ޓީމަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކޮށްފައެވެ. ލިބުނު ބޮޑު އެއްބާރުލުމަކީ މި ހަރަކާތުގެ ސަބަބުން މަސްވެރިކަމަށް ލޯބި ކުރާ ފަރާތްތަކުގެ ތެރޭގައި އުފެދުނު އުފާވެރިކަމާއި ޝައުގުވެރިކަން ދައްކުވައިދޭ ކަމެކެވެ.
އުރީދޫ މަސްރޭސް ގެ ކުޅިވަރު ބަލާލުމަށް އެންމެހައި ފަރާތްތަކަށް އުސްފަސްގަނޑު ސަރަހައްދަށް އުރީދޫ މޯލްޑިވްސް އިން ދައުވަތު އަރުވައެވެ.













