މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ފާރިސް މައުމޫނާއި އިލްޔާސް ލަބީބުގެ އިންތިހާބީ އެޖެންޓުން ކަނޑައަޅުއްވައިފިއެވެ.
އެމްއާރްއެމްގެ ފަރާތުން ވާދަކުރައްވާ ފާރިސްގެ އިންތިހާބީ އެޖެންޓަކަށް ހަމަޖައްސާފައިވަނީ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އިސްމާއީލް ޒަބީހު އެވެ.
ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބުގެ އިންތިހާބީ އެޖެންޓަކަށް ހަމަޖައްސާފައިވަނީ ހައުސިންގ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ނިއުމާއެވެ.
ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި ޒަބީހު މަގާމުން ވަކިކުރީ މިދިޔަ ޖޫން މަހުއެވެ. އަދި ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުން ނިއުމާ އިސްތިއުފާ ދެއްވާފައިވަނީ މި މަހުގެ 1 ވަނަ ދުވަހުއެވެ.
ޑިމޮކްރެޓުންގެ ކެންޑިޑޭޓަކަށް އިލްޔާސް އިންތިހާބުވެވަޑައިގަތީ، އޭނާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަން ކަށަވަރުކުރުމަށް މިދިޔަ ހުކުރު ދުވަހު ނެގި ފެންނަ ނުފެންނަ ވޯޓަކުންނެވެ.
3،000 މެންބަރުން ހަމަނުވާ ކަމަށް ބުނެ، އިލެކްޝަންސް ކޮމިޝަނުން އުވާލި ނަމަވެސް، އެ ނިންމުމަށް އެމްއާރުއެމުން އަމަލުކުރުން ފަސްކުރުމަށް ސިވިލް ކޯޓުން އަމުރުކޮށްފައި ވާތީ ފާރިސް ނިންމެވީ ޕާޓީގެ ފަރާތުން ކުރިމަތިލެއްވުމަށެވެ.
އެހެންނަމަވެސް ޕާޓީގެ ނަމުގައި ކުރިމަތިލައްވަން ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމަށް ބައްލަވައި، އޭނާ ވަނީ އަމިއްލަގޮތުން ވާދަކުރެއްވުމަށް ބޭނުންވާ 1،500 މީހުންގެ ސޮއި ހަމަކުރައްވައިފައެވެ.











