Search Streamline Icon: https://streamlinehq.com

ވަޒީފާގެ ބިރު އުވާލާ ކޮންޓްރެކްޓެއްގެ ދަށުން ވަޒީފާގައި ތިބި ފަރާތްތައް ދާއިމީ ކޮށްދޭނަން: އިލްޔާސް

Ilyas

ޑިމޮކްރެޓްސްގެ ސަރުކާރެއްގައި މިހާރު އޮތް ވަޒީފާގެ ބިރު އުވާލާނެ ކަމަށާއި އެ މަސައްކަތުގެ ތެރެއިން ކޮންޓްރެކްޓެއްގެ ދަށުން ވަޒީފާގައި ތިބި ފަރާތްތައް ދާއިމީ ކޮށްދޭނެ ކަމަށް މި ޕާޓީގެ ކެންޑިޑޭޓު އިލްޔާސް ލަބީބު ވިދާޅުވެއްޖެއެވެ.

އިލްޔާސް މިހެން ވިދާޅުވީ ރިޔާސީ ކެމްޕޭނުގައި ގއ. ކޮލަމާފުށްޓަށް ވަޑައިގެން ދެއްކެވި ވާހަކައިގައެވެ.

އިލްޔާސް އިތުރަށް ވިދާޅުވީ މި ސަރުކާރުން އިންތިހާއަށް ވަޒީފާގެ ބިރު ދައްކަމުންދާ ކަމަށާއި މިއީ ދިވެހިން ގެންނަން ބޭނުންވި މިނިވަންކަން ނޫން ކަމަށެވެ. އަދި، އެމަނިކުފާނުގެ ވެރިކަމެއްގައި އެކަން ބަދަލުކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

”އަޅުގަނޑު އެކުދިންނަށް [ކޮންޓްރެކްޓު ވަޒީފާގައި ތިބި ފަރާތްތަކަށް] ދަންނަވާލަން އޮތީ، ތިބޭފުޅުން ހިތްވަރު ކުރައްވާށޭ. ތިބޭފުޅުން ހިތްވަރު ކުރައްވާށޭ، އަޅުގަނޑުގެ، ޑިމޮކްރެޓުންގެ ސަރުކާރެއްގައި މިހާރު ކޮންޓްރެކްޓު ވަޒީފާއެއްގައި ތިބި ކުދިންވެސް އަދި ދެން ތިބި ކުދިންނަށްވެސް ވަޒީފާގެ ބިރުވެރިކަމެއް ނޯންނާނެ، އެ ކޮންޓްރެކްޓު ވަޒީފާގައި ތިބި ކުދިންގެ ވަޒީފާ ދާއިމީ ކޮށްދޭނީވެސް އަޅުގަނޑުމެން“ އިލްޔާސް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ މިއަދު ވަޒީފާތަކުގައި ތިބި ޒުވާނުންނަކީ ގައުމުގެ ކުރިމަގު ކަމަށާއި ޑިމޮކްރެޓުން މި އަންނަނީ އެ ކުދިން ގޮވައިގެން ގައުމު ކުރިއެރުވުމަށް ކަމަށެވެ. އަދި އެ ކުދިންގެ މުސްތަގުބަލަކީ މި ރާއްޖޭގެ މުސްތަގުބަލު ކަމަށާއި އެ މީހުންގެ ވިސްނުން، ފިކުރު އެއީ އެމީހެއްގެ މިނިވަންކަމާއި ގުޅިފަ އޮންނަ ކަންކަން ކަމަށެވެ.

އިލްޔާސް ވިދާޅުވީ އަޅުވެތިކަމުން ނެއްޓެން ޖެހޭ ކަމަށާއި އިލްޔާސް ވެރިކަމަށް ވަޑައިގަންނަވަނީ އެކަން ކުރުމަށް ކަމަށެވެ.

މީގެ އިތުރުން ކޮލަމާފުށްޓަކީ މަސްވެރި ރަށެއްކަން ފާހަގަކުރައްވާ އިލްޔާސް ވަނީ ގައުމީ ޕެންޝަން ސްކީމުގައި މަސްވެރިން ހިމަނައި އެ ސްކީމުން އެހެން ފަރާތްތަކަށް ވެސް ލިބޭ އިނާޔަތްތައް ލިބޭނެ ގޮތް އޭނާގެ ވެރިކަމެއްގައި ކޮށްދެއްވާނެ ކަމަށް ވެވަޑައިގެންނެވި ވައުދު ވަނީ ތަކުރާރުކުރައްވާފައެވެ.

ޑިމޮކްރެޓްސް އަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިއްޖެ ނަމަ، ހުވަދޫ އަތޮޅަށް ފަތުރުވެރިން ގެނައުމަށް އޮތް އެންމެ ބޮޑު ހުރަސް ކަމުގައި އޮތް ފްލައިޓު ޓިކެޓުގެ އަގު އަންނަ ޖެނުއަރީ މަހުން ފެށިގެން ފަތުރުވެރިންނަށް ހެޔޮކޮށްދީ ދިވެހިންނާއި އެއް އަގަކަށް ތިރިކުރާނެ ކަމަށް ކެންޑިޑޭޓު ވިދާޅުވިއެވެ. އަދި، އެ ހުވަދޫގެ ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށް އެ ސަރަހައްދުގައި އިންޓަނޭޝަނަލް އެއާޕޯޓެއް އަޅައިދެއްވާނެ ކަމަށްވެސް ކެންޑިޑޭޓު ވައުދުވެވަޑައިގަތެވެ.

ގުޅޭ ޓެގް:

Leave a Reply

Your email address will not be published. Required fields are marked *


ގުޅުންހުރި