މަސް ފިނިކޮށް ރައްކާކުރާ ކާރުޚާނާއެއްގައި މަސައްކަތް ކުރަމުން ދިޔަ މީހެކެވެ. އެއްދުވަހަކު، މިމީހާ، ދުވަހުގެ އެންމެ ފަހުގެ މަސައްކަތް ނިންމާލުމަށްޓަކައި މަސް ފިނިކޮށް ރައްކާކުރާ ކޮށާރު ތެރެއަށް ވަނެވެ. ނަމަވެސް ކަންދިމާކުރި ގޮތުން އޭނާ އެތަނުގެ ތެރޭގައި ހުއްޓާ ދޮރުތަޅުލެވުނެވެ. އުޅެ އުޅެވެސް ހުޅުވޭ ގޮތެއް ނުވިއެވެ. އަޑުގެ ކޮޅަށް ހަޅޭއްލެވުމުންވެސް ހިލަމެއްވާ ހިސާބުގައިވެސް މީހަކު ނެތެވެ. އޭރު މަސައްކަތް ނިންމާލާފައި އެންމެންވީ ތަންދޫކޮށް ގޮހެވެ.
ކޮންމެއަކަސް އެހިތްދަތި ހާލުގައި އެމީހާ އޮންނަތާ، ގާތްގަނޑަކަށް ފަސްވަރަކަށް ގަޑިއިރު ފާއިތުވެގެން ދިޔަ ފަހުން ފެލްޓްރީގައި މަސައްކަތްކުރާ ގާޑުމީހާ އައިސް އެތަނުގެ ދޮރުހުޅުވާލިއެވެ. އަދި އެމީހާ ސަލާމަތްކުރިއެވެ. އޭރު ފިނިގަދަވެގެން ގޮސް މީހާ އޮތީ މަރުވާން ކައިރިވެފައެވެ.
ދެންފަހެ މިހާދިސާގެ ޚަބަރު ލިބުމުން، ފެކްޓްރީގެ މެނޭޖަރު ގާޑާއި ސުވާލު ކުރިއެވެ. “އެ މަސައްކަތްތެރިޔާ ފެކްޓްރީގެ ތެރޭގައި ހުރިކަން ތިބާއަށް އެނގުނީ ކިހިނެއް ހެއްޔެވެ.؟ އެހެން މަސައްކަތްތެރިންނާއެކު އޭނާ ބޭރަށް ނުނިކުންނަކަން ތިބާ އަށް އެނގުނީ ކިހިނެއް ހެއްޔެވެ.؟”
އެހިނދު ގާޑު ޖަވާބު ދިނެވެ. “އަހަރެން މި ފެކްޓްރީގައި މަސައްކަތް ކުރާތާ ތިރީސް އަހަރު ވެއްޖެއެވެ. ކޮންމެ ދުވަހަކު އެތައް ސަތޭކަ މުވައްޒަފުންނާއި މަސައްކަތްތެރިން ފެކްޓްރީއަށް ވަދެ ނިކުމެ ހަދައެއެވެ. އެއިން އެއްވެސް މީހަކު ދުވަހަކުވެސް އަހުރެންނަށް ސަލާމް ގޮވާނުލައެވެ. އަހަރެންގެ ހާލަތާ ބެހޭ ގޮތުން އެ މަސައްކަތްތެރިޔާ ފިޔަވައި އެހެން އެއްވެސް މީހަކު ސުވާލެއް ނުކުރެއެވެ. މިކަން ހިނގި ދުވަހު އަހުރެންނަށް އޭނާގެ ހިލަމެއް ނުވެއެވެ. ސަލާމް ގޮވާލި އަޑެއް ނާހަމެވެ. ހުރިހާ އެންމެން މަސއްކަތް ނިންމާފައި ދިޔައިރުވެސް އޭނާ ނުދެކެމެވެ. އެހެންކަމުން އޭނާ އަދިވެސް ވީ އެތެރޭގައި ކަން އަހުރެންނަށް އެނގުނެވެ. އެހެންވެ އަހުރެން އޭނާ ހޯދަންފެށީއެވެ.”
ޢިބުރަތް: ނިކަން ވިސްނާލަބަލާށެވެ. މިއީ ކުޑަކުޑަ ކަމެއްގެ ސަބަބުން މީހެއްގެ ފުރާނަ ސަލާމަތްވި ގޮތެވެ. އަޅުގަނޑުމެންގެ ލޮބުވެތި ނަބިއްޔާ صلى الله عليه وسلم ދެއްވާފައިވާ މަތިވެރި އިރުޝާދާއި އެއްގޮތަށް ޢަމަލުކުރުމުގެ ފާއިދާއެވެ. އެހެނީ އިސްލާމް ދީނުގައި މުސްލިމުން ކުރުމަށް އަންގަވާފައިވާ ހުރިހާ ކަމަކީވެސް އޭގައި ވަރަށް މަތިވެރި ހިކުމަތްތަކެއް އެކުލެވިގެންވާ ކަންކަމެވެ.
ލޮބުވެތި ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. «لَا تَدْخُلُونَ الْجَنَّةَ حَتَّى تُؤْمِنُوا، وَلَا تُؤْمِنُوا حَتَّى تَحَابُّوا، أَوَلَا أَدُلُّكُمْ عَلَى شَيْءٍ إِذَا فَعَلْتُمُوهُ تَحَابَبْتُمْ؟ أَفْشُوا السَّلَامَ بَيْنَكُمْ» [رواه مسلم / كتاب: الإيمان / باب: بيان أنه لا يدخل الجنة إلا المؤمنون / رقم: 93 – (54)]
މާނައީ: “ތިޔަބައިމީހުން އީމާންވެއްޖައުމަށް ދާންދެން ސުވަރުގެ ނުވަންނަ ހުށްޓެވެ. އަދި ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކު ދެކެ ލޯބިވެއްޖައުމަށްދާންދެން ތިޔަބައިމީހުންގެ އީމާންކަން ފުރިހަމަ ނުވާހުއްޓެވެ. އެކަމެއް ކުރުމުން ތިޔަބައިމީހުންގެ މެދުގައި ލޯބިއުފެދޭ ކަމެއް ތިމަންކަލޭގެފާނު ބުނެދެއްވަމުތޯއެވެ؟ ތިޔަބައިމީހުންގެ މެދުގައި ސަލާމް ފަތުރާށެވެ.”











